ޚަބަރު

އައިޓީބީ ބާލިންގައި ރާއްޖެ، ފަތުރުވެރިކަން ވިއްކުމަށް މުހިއްމު މަސައްކަތްތަކެއް


  • ފެއަރގައި 67 ކުންފުންޏަކުން 159 މަންދޫބުން ބައިވެރިވި

  • ފެއަރ ކުރިއަށް ދިޔައީ މި މަހުގެ 3އިން 5އަށް

ކޮންމެ އަހަރަކުވެސް، ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެއެވެ. ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންގެ ހިތްގައިމު މާޙައުލުގައި، ޓޫރިޒަމް ބޯޑުތަކާއި، އެއާލައިންތަކާއި، ހޮޓާތަކާއި އަދި ދަތުރުފަތުރުގެ ދާއިރާއަށް އައު އީޖާދުތައް ތަޢާރަފު ކުރާ ފަރާތްތައް އެއްވެ، މި ސިނާއަތުގެ މުސްތަޤުބަލު ބައްޓަން ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރެއެވެ. އެއީ، އައިޓީބީ ބާލިންއަށެވެ.

ދުނިޔޭގައި ބާއްވާ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެއް މައުރަޒު ކަމުގައިވާ އައިޓީބީ ބާލިންއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިކަން ވިއްކާ މައި ބާޒާރެެވެ. މިއީ ވިޔަފާރީގެ ބައިވެރިވުންތައް އުފައްދައި، ފަތުރުވެރިކަމުގެ އިސްތިރާޖީތައް ބައްޓަންކޮށް، ދަތުރުފަތުރުގެ އޮއިވަރުތައް ކަނޑައެޅުމުގެ ބިންގާ އެޅުމުގެ މަސައްކަތް ކުރާ ތަނެވެ.

މިތަނުގައި ތަމްސީލު ކުރާ އެތައް ސަތޭކަ މަންޒިލްތަކުގެ ތެރެއިން، އެއް ޤައުމަކުން ދަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގެ ދަތުރުވެރިންގެ ހިތްތައް އަތުލަމުންނެވެ. އެއީ، ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން ނަން މަޝްހޫރުވެފައިވާ ދިވެހިރާއްޖެއެވެ.

ރާއްޖޭގެ ތަޖުރިބާ އެތައް ހާސް މޭލު ދުރަށް!

ހިންދު ކަނޑުގައި ޖަޒީރާ ރަށްތަކަށް ބެހިފައި އޮންނަ ދިވެހިރާއްޖެ މަޝްހޫރުވެފައިވަނީ ނޫވިލު ފެންގަނޑުތަކާއި، މުރަކައިގެ ފަރުތަކާއި އަދި މަތީފަންތީގެ ޚިދުމަތް ދޭ ރިސޯޓުތަކުގެ ސަބަބުންނެވެ. އެތައް ހާސް މޭލު ދުރުގައި އޮތް ބާލިންގެ މި ކުލަގަދަ މައުރަޒުގެ ހޯލުގެ ތެރެއަށް، ރާއްޖޭގެ އެ ތަޖުރިބާ ގެނެސްދޭން ޖެހެއެވެ.

ރާއްޖޭގެ މި ހިތްގައިމުކަން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް މިއަހަރުގެ އައިޓީބީ މައުރަޒުގައިވެސް މުޅި ޖުމްލަ 504 އަކަމީޓަރުގެ ސްޓޭންޑެއް ވަނީ ތައްޔާރުކޮށްފައެވެ. މި ސްޓޭންޑް ފަރުމާކޮށްފައިވަނީ، މީހުންގެ ސަމާލުކަން ލިބޭނެ ފަދަ ގޮތަކަށެވެ. ރާއްޖޭގެ ރީތި ފަޅުތަކުގެ މަންޒަރުތަކާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނާއި، މައުރަޒަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތު އެންމެ އެދެވޭ ގޮތެއްގައި ދެވޭ ފަދަ ގޮތަކަށެވެ. ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ އިތުރުން މި ޤައުމަށް ލިބިފައިވާ މުއްސަނދި ސަޤާފަތްވެސް ސްޓޭންޑަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ތަޖުރިބާ ކޮށްލެވޭނެ ފަދަަ ގޮތަކަށެވެ.

މިއަހަރުގެ އައިޓީބީ ބާލިންގައި، ރާއްޖޭގެ 67 ކުންފުންޏަކުން 159 މަންދޫބުން ބައިވެރިވިއެވެ. މައުރަޒު ކުރިއަށް ދިޔައިރު، ރާއްޖޭގެ ރިސޯޓުތަކާއި، އެއާލައިންތަކާއި އަދި ފަތުރުވެރިކަމުގެ ދާއިރާގައި ސިދާ ގޮތުންނާއި، ނުސީދާގޮތުން ހަރަކާތްތެރިވާ މަންދޫބުން އިސްތިރާޖީ ގުޅުންތައް ވަރުގަދަ ކުރުމުގައި އަވަދިނެތި މަސައްކަތް ކުރަމުން ދިޔައެވެ.

މިމަހުގެ 3އިން 5އަށް ކުރިއަށް ދިޔަ މި މައުރަޒުގެ ތެރެއިން ބޭއްވި ގިނަ ބައްދަލުވުންތަކަކީ ބީ2ބީ (ބިޒްނަސް-ޓު-ބިޒްނަސް) ސެޝަންތަކެކެވެ. މި ސެޝަންތަކުގައި ސިނާޢީ ބައިވެރިންނާއި، މާކެޓިންގ ދާއިރާއިން ގުޅިގެން މަސައްކަތްކޮށް، އެކި ކަހަލަ ޓުއަރ ޕެކޭޖުތަކާއި އަދި ކުރިމަގުގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭގޮތުން މަޝްވަރާ ކުރިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި، ގިނަ އެއްބަސްވުންތަކަކާއި ބައިވެރިވުންތަކާ ބެހޭގޮތުން މަޝްވަރާކޮށް، ރަސްމީ ސިފަ ޖެއްސިއެވެ.

މިފަދަ ފާހަގަކޮށްލެވޭ އެއް ގުޅުމަކީ، ބައިނަލްއަޤުވާމީ ދަތުރުފަތުރުގެ ކުންފުންޏެއް ކަމަށްވާ ޓީޔޫއައި (TUI) ގްރޫޕާއި ވިޒިޓް މޯލްޑިވްސްއާ ދެމެދު ޤާއިމުކުރި އިސްތިރާޖީ ފަހުމުނާމާއެވެ. މި ފަހުމުނާމާގެ މައިގަނޑު މަޤުސަދަކީ ބައިނަލްއަޤުވާމީ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިތުރަށް އިޝްތިހާރު ކުރުމެވެ.

ދަރަހަކަށްފަހު ރާއްޖެއަށް އައިޓީބީ ހޯސްޓު ކުރުމުގެ ފުރުޞަތު!

މިއަހަރުގެ އައިޓީބީގެ ތެރެއިން ތަފާތު މަޝްވަރާތަކާއި، އެއްބަސްވުންތައް ކުރިއަށް ގެންދިޔައިރު މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އަންނަ އަހަރު ރާއްޖެއިން ބައިނަލްއަޤުވާމީ މި މައުރަޒުގެ ހޯސްޓް ކަންޓްރީގެ ޝަރަފު ހޯދައި، އެކަމުގެ އެެއްބަސްވުމުގައި ރަސްމީކޮށް ސޮއިކުރުމެވެ. މިއީ، ދަރަހަކަށްފަހު ރާއްޖެއިން މި މައުރަޒު ހޯސްޓު ކުރާ ފަހަރެވެ.

"މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބިގެން ދިޔަ ވަރަށް ބޮޑު ކުރިއެރުމެއް. އައިޓީބީ ބާލިންގެ ހޯސްޓް ކަންޓްރީގެ ގޮތުގައި ރާއްޖެ ހަމަޖެހުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި މައުރަޒަށް ޒިޔާރަތް ކުރާ އެތައް ހާސް ފަރާތްތަކެއްގެ ސަމާލުކަން ރާއްޖެއަށް ހުއްޓި، ރާއްޖޭގެ ބްރޭންޑް އިތުރަށް ވަރުގަދަ ވެގެންދާނެ ކަމެއް." ވީއެމްސީގެ އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވިއެވެ.

ފަތުރުވެރިކަން 'ވިއްކުމަށް' މުހިންމު މައުރަޒެއް!

ފަތުރުވެރިކަމުގެ ސިނާޢަތަށް ބަލާއިރު، އައިޓީބީ ބާލިންއަކީ ހަމައެކަނި އިޝްތިހާރު ކުރުމެއް ނޫނެވެ. މިއީ، ދުނިޔޭގެ ދަތުރުފަތުރުގެ ދާއިރާ ކުރިއަރުވާ ބައިވެރިވުންތައް ބިނާކުރުމެވެ. އަދި ރާއްޖޭގެ މައި ސިނާޢަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާ ސިންދަފާތު ކުރުމަށް އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތްތައް ބޭރުގެ ފަރާތްތަކަށް ޙިއްސާ ކުރާ މައި ޕްލެޓްފޯމުވެސް މެއެވެ.

އައިޓީބީ ބާލިން ފަދަ ހަރަކާތްތަކަކީ، މި މަޤުބޫލުކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ހަރަކާތްތަކެކެވެ. މިފަދަ ހަރަކާތްތަކުގެ ސަބަބުން ރާއްޖެއިން އަބަދުވެސް އައު ތަޖުރިބާތައް ހުށަހަޅައި، އައު މާކެޓްތަކަށް ފުރުޞަތުތައް ހުޅުވާލައި، ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި އޮތް ނަން ދަމަހައްޓައެވެ.