އިސްލާމް ދީން ބޭނުންވަނީ އިޤްތިޞާދީ ނިޒާމްގެ ތެރޭގައިވެސް ޢަދުލުވެރިކަން ދެމެހެއްޓުންކަމަށް ޑރ. ސަޢުދުالله ޢަލީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މާލޭގައި ބޭއްވި އިހްޔާ ފޯރަމްގައި "ދަންތުރަ (ޖުވާ، ޕޮންޒީ އަދި ޕިރަމިޑް ސްކީމް)" މި މަޢުޟޫޢަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުންނެވެ. މިފޯރަމްގައި އޭނާ ވަނީ ޖުވާ ކުޅުމާއި އެކަން ޙަރާމް ކުރައްވާފައިވާ ސަބަބުތައް ތަފްސީލީގޮތެއްގައި ހިއްސާކުރައްވާފައެވެ.
އިޙްޔާ ފޯރަމްގައި ވާހަކަދައްކަވަމުން ޑރ. ސަޢުދުالله ޢަލީ ވަނީ ދިރިއުޅުމުގެ ޙަޔާތުގައި އަމިއްލަ ނަފްސަށްވިޔަސް އަދި އޭނާއާއެކުގައި ދިރިއުޅޭ އެހެން މީހަކަށްވެސް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް މުޢާމަލާތެއް އަދި އެއްވެސް ޢަމަލެއް ހިންގުމަކީ އިސްލާމް ދީން ހުއްދަ ކުރާނެކަމެއް ނޫންކަން ފާހަގަކުރައްވާފައެވެ. އެގޮތުން އިޤްތިޞާދީ މުޢާމަލާތްތަކުގައިވެސް އިސްލާމް ދީނުގައި ރީތި އަޚުލާޤީ ސިފަތަކަކާއި ޙަލާލް ޙަރާމް ވަކިކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. ނަމަވެސް އިންސާނާގެ ނަފްސުގައި އޮންނަ މުދަލަށް ދަހިވެތިވުމާއި ޝައިޠާނާގެ ވަސްވާހާއެކު ވަރަށް ގިނަ ނުބައި ޢަމަލުތަކުގެ ތެރެއަށް ވަންނަން މެދުވެރިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ޖުވާ ކުޅުމަކީ ނަހީކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޝަރުޢީގޮތުން ޖުވާއަކީ ގެއްލުންވުމުގެ ބިރު އެކަމުގައި އޮތް ނަމަވެސް އެކަމަށް ވާދަކޮށް ހަޤީގީ ބަދަލެއް ނެތި އެއްފަރާތަށް ގެއްލުންކޮށްފައި އަނެއް ފަރާތުން ފައިދާ ނަގާ ނިޒާމެއްކަމަށެވެ. އިސްލާމްދީނުގައި އެކި މަރުޙަލާތުގައި މިކަން މަނާކުރައްވާފައިވާކަމަށާއި ކީރިތި ޤުރުއާނުގައިވެސް އެއީ ޝައިޠާނީ ޢަމަލެއްގެ ގޮތުގައި ފާހަގަކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.
"މާލީ މުޢާމަލާތުތަކުގެ ތެރެއިން އެއް މުޢާމަލާތަކީ ޖުވާ ކުޅުން. މިއީ ފަރުދުންނަށްވިޔަސް ޖަމާޢަތަށްވިޔަސް އޮތް ވަރަށް ބޮޑު ބިރެއް. ދީނީ ޢަޚުލާޤީ އިޤްތިޞާދީ ނުބައިއަސަރުތައް އެއިން ފޯރުވާކަމެއް. އިސްލާމް ދީން އެހެންވެ ވަރަށް ވަރުގަދައަށް ނަޙީކޮށްފައި އޮންނަ ކަމެއް. އިޖުތިމާޢީ ގޮތުން އަޚުލާޤީ ގޮތުން ބޮޑު ފަސާދައެއް." ޑރ. ސަޢުދުالله ޢަލީ ވިދާޅުވިއެވެ.
އިސްލާމް ދީނުގައި ޖުވާ ޙަރާމްވެގެން ވަނީ ޝަރުޢީ ޙުކުމްތަކުގެ ތެރޭގެ މަޤްޞަދުތަކުގެ ތެރެއިން މުދާ ރައްކާތެރިކުރުމަށެވެ. އަދި އިޖްތިމާޢީ ގޮތުން ބަލާއިރު އަދާވާތްތެރިކަމާއި ރުޅިވެރިކަން ނައްތާލުމަށް މަނާކުރައްވާފައިވާކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޖުވާކުޅެން ފަށައިގަތުމަށްޓަކައި އަތުން މުދަލެއް ދައްކަންޖެހުން. ފައިދާއާއި ގެއްލުންވުމުގެ އިޙްތިމާލު މިކަމުގައި އޮތުން. އެންމެ ނުރައްކާތެރި ތަންކޮޅަކީ ފައިދާ ލިބޭ މީހާ އެ ފައިދާ ލިބިގަންނަނީ އަނެކަކަށް ގެއްލުންކޮށްފައި. ޙަޤީގީ ބަދަލު ދިނުމެއް މިކަމުގައި ނެތް." ޑރ. ސަޢުދުالله ޢަލީ ވިދާޅުވިއެވެ.
ޖުވާފަދަ އަމަލުތައް ހިންގުމުން އިޖުތިމާޢީ އެތައް މައްސަލަތަކެއް ކުރިމަތިވެއެވެ. އޭގެ ތެރޭގައި އެކިއެކި ޖަރީމާތައް ފެތުރުމާއި އުފެއްދުންތެރިކަން ދަށްވުމާއި އާޢިލީ އަދި އިޖުތިމާޢީ ގުޅުންތައް ކެނޑިގެން ދެއެވެ. އިޤްތިޞާދީ ގޮތުން ބަލާއިރު މުޖުތަމަޢުގައި އޮންނަންޖެހޭ ޢަދުލުވެރި ޢަދާލަތު ގެއްލި އަނިޔާވެރިކަން ފެތުރިގެންދެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މައްޗަށް މިފަދަ ކަންކަމުން ދުރުހެލިވުމަށް ލާޒިމްވެގެންވާކަމަށް ޑރ. ސަޢުދުالله ޢަލީ ވިދާޅުވިއެވެ.
އިސްލާމީ މާލީ ނިޒާމްގެ މުހިއްމު އަސާސްތަކެއް ވާކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އިސްލާމް ދީން ބޭނުންވަނީ އަޅުގަނޑުމެންގެ އިޤްތިޞާދީ ނިޒާމްގެ ތެރޭގައިވެސް ޢަދުލުވެރިކަން ދެމެހެއްޓުމަށްކަމަށެވެ. އިސްލާމްދީން މުޖުތަމަޢުގައި ދަމަހައްޓަން ބޭނުންވާ ވަރަށް އަގުހުރި ގިޔަމުތަކެއް ހުރިކަމަށާއި އަޚުލާޤީ ރީތި ސިފަތަކެއް ހުރިއިރު މިކަންކަން އަޅުގަނޑުމެންގެ ގައިގައި ހަރުނުލާނަމަ ޢަދުލުވެރިކަން މުޖުތަމަޢުން ގެއްލިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.