ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު 50 ޙާފިޒުންނަށް ލިބިވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޒުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދެއްވުން، އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވަވާ ޙާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު މިއަހަރު 50 ޙާފިޡުންނަށް ލިބިވަދައިގަންނަވާނެއެވެ.
ކީރިތި ޤުރްއާން ހިތުދަސްކުރި ޙާފިޡުންނަށް އެންމެ ފަހުން ރައީސުލްޖުމްހޫރިއްޔާ މެޑެއްޔާއި އިނާމު ދެއްވައިފައިވަނީ، ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި 1446 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ބޭއްވެވި ރަސްމީ ޖަލްސާގައެވެ. އެ އަހަރު 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ލިބިވަޑައިގެންނެވިއެވެ.
ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލްގެ ނަމުގައި މެޑަލްއެއް ދެއްވަން ފެއްޓެވީ، 2014 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ މި މެޑަލް ދެއްވާފައިވަނީ، 2014 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައެވެ. އޭރު އެ މެޑަލް ޙާސިލް ކުރީ، 3 ޙާފިޒެކެވެ. އޭގެ ފަހުން ކީރިތި ޤުރުއާން ޙާސިލް ކުރާ ފަރާތްތަކަށް ކޮންމެ އަހަރަކުވެސް ޚާއްޞަ މެޑަލްއެއް ދެއްވަމުން ގެންދެވިއެވެ. މިމެޑަލް ދެއްވަމުން ގެންދެވީ، އެއްވަނަ ދަރަޖައިގައި ފާސްވާ ޙާފިޒުންނަށް އެކަންޏެވެ. އެހެންނަމަވެސް ސަރުކާރުން މިހާރުވަނީ، ޙާފިޒުންގެ ގޮތުގައި ދަސްވެނިވާ ހުރިހާ ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދެއްވަން ނިންމަވާފައެވެ.
ސަރުކާރުން ޙާފިޒުން ތަމްރީން ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރު ރާއްޖޭގައި ތިބި ޙާފިޒުންގެ ޢަދަދު 291 އަށް އަރާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގައި ދަނީ، ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއް ހިންގަމުންނެވެ. ޤުރުއާން ހިތުދަސްކޮށްދޭ ކުލާސްތަކުގެ ދަފުތަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، އެންމެ ގިނަ މީހުން ޤުރުއާން ހިތު ދަސްކުރަމުން އަންނަނީ ޤުރުއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ.
ކީރިތި ޤުރުއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކީރިތި ޤުރުއާން ހިތުދަސް ކުރާ ފަރާތްތަކަށް ހިތްވަރުދީ އެކަމުގައި ކުރިއަށް ދިޔުމަށް ބާރުއެޅުމަށްވެސް ސަރުކާރުން ވަނީ މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޙާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް ދެގުނަ ބޮޑުކުރައްވާފައެވެ. އެގޮތުން 2000 ރުފިޔާއިން 4000 ރުފިޔާއަށް ވަނީ އެލަވަންސް ބޮޑުކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ، މި 5 އަހަރުގެ ތެރޭގައި ކީރިތި ޤުރުއާން ހިތުދަސް ކޮށްފައިވާ ޙާފިޒުންގެ ޢަދަދު 500 އަށް އެރުވުމެވެ. މިވަގުތު މާލެއާއި އަތޮޅުތަކުގައި 1500 އަށްވުރެ ގިނަ ފަރާތުން ޤުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ތާރީޚުގައިވެސް ފާހަގަކުރެވޭ ކަމެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.