ޚަބަރު

ދެ ބަޔަކު އަލުން ރަޖިސްޓްރީވުމަށް ހުޅުވާލައިފި


  • ބުރާސްފަތި ދުވަހާ ހަމައަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައި

  • ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް

ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ފަރާތްތަކަށް އެ ނޫން ފޮށްޓަކަށް ވޯޓުލުމަށް ރަޖިސްޓްރީ ވުމަށާއި، ވޯޓުލުމަށް ރަޖިސްޓްރީވި ނަމަވެސް ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަނުވެގެން އަލުން ރަޖިސްޓަރީ ކުރުމަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓަށް، ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންގެ މަޢުލޫމާތު ހިމެނޭ ލިސްޓެއް ޢާންމުކޮށްފައެވެ. އަދި އެ ލިސްޓުގައިވާ މީހުން، ވޯޓު ފޮށި ބެހެއްޓޭނެކަން ކަށަވަރުވެފައިވާ އެހެން ތަނަކަށް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ، އެކަށީގެންވާ ވަރަށް މީހުން ރީ-ރަޖިސްޓްރީކޮށްފައި ނުވާތީ ސިނާޢީ ސަރަހައްދާއި، ރާއްޖެއިން ބޭރު އެއްވެސް ޤައުމެއްގައި ވޯޓުފޮށި ނުބަަހައްޓަން ނިންމާފައެވެ. މިއާއެކު އެ ފޮށިތަކަށް ރަޖިސްޓްރީ ވި މީހުންވެސް އަލުން ރަޖިސްޓަރީ ކުރުމަށް ވަނީ ހުޅުވާލާފައެވެ. އެ ފުރުޞަތުވެސް ހުޅުވާލާފައިވަނީ، އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:30އާ ހަމައަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ވެފައިވާ ތަން ބަދަލު ކުރެވޭނީ، އެ ފޮށިތަކަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ މި ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ރީ - ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ އިލެކްޝަންސް ކޮމިޝަނުގެ 'ރީ-ރަޖިސްޓްރޭޝަން ޕޯޓަލް' ނުވަތަ 'މައި ޕޯޓަލް' މެދުވެރިކޮށް އޮންލައިންކޮށެވެ.