މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން 7ވީ7 ލީގު 2026 ގެ ކުޅުނު ދެވަނަ މެޗުވެސް މުއިވެޔޮ ފްރެންޑްސް އިން ކާމިޔާބުކޮށް އެޓީމު ހިމެނޭ ގުރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނެއެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 10 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ބައިވެރިވެފައެވެ.
ހެންވޭރު ދަނޑުގައި މިއަދު ކުޅުނީ ވެޓެރެންސް ކެޓަގަރީގެ ތިންމެޗެވެ. އެގޮތުން މުއިވެޔޮ މެޗު ކާމިޔާބުކުރީ މާފަންނު ސެންޓްރަލް ޔުނެއިޓެޑާ ވާދަކޮށް 4-1 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާދު ހުސެއިން މުހައްމަދު ލަތީފްގެ ކެޕްޓަން ކަމުގައި ކުޅުނު މުއިވެޔޮ ޓީމުގެ ލަނޑުތައް ކާމިޔާބު ކުރީ އަހުމަދު ނާއިޒް އާއި އަބްދުﷲ ސުޖާއުއެވެ. މީގެ އިތުރުން އެޓީމުގެ މުހައްމަދު އިބްރާހިމް ވަނީ ދެ ލަނޑު ކާމިޔާބުކޮއްފައެވެ.
މާފަންނު ސެންޓްރަލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮއްދިނީ އަރުޝަދު މުހައްމަދު އިސްމާއިލްއެވެ.
މި މުބާރާތުގައި ވަކަންޑާ ސްޕޯޓްސް ކުލަބުން ވަނީ އެޓީމު ކުޅުނު މެޗުގައި އެލްޓީ ސްޕޯޓްސް ކުލަބުގެ މައްޗަށް 5-1 ލަނޑުން ކުރި ހޯދާފައެވެ. މެޗުގެ ވަކަންޑާ އަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ޒައީމު އާއި އަބްދުﷲ ޝިފާއު އާއި ހާފިޒް އަލީއެވެ. މިމެޗުގައި އަހުމަދު އަޝަމް ވަނީ ދެ ލަނޑު ޖަހާދީފައެވެ.
މިއަދު ކުޅުނު ފަހު މެޗުގައި ކ.ގުޅީ ގުޅީއެފްސީ މައްޗަށް ޅ.ހިންނަވަރު ހިރިއާ އިން ވަނީ މޮޅެއް ހޯދާފައެވެ. ހިރިއާ މެޗު ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މިމެޗުގައި ހިރިއާ ޓީމުގެ އާޒިމް އުމަރު ދެ ލަނޑު ޖެހިއިރު އަނެއް ލަނޑުޖެހީ މުހައްމަދު މައުރޫފް ހުސެއިންއެވެ.
މި ނަތީޖާތަކާ އެކު މުބާރާތުގެ ހިރިއާ ވަނީ ފުރަތަމަ މޮޅު ހޯދާ ގުރޫޕް އޭއިން ތިން ޕޮއިންޓް ހޯދާފައެވެ. މި ގުރޫޕުން އެއްވަނައިގަ އޮތީ ތިން ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ލެގޫންސް ސްޕޯޓްސް ކުލަބެވެ.
ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް މުއިވެޔޮ ވަނީ މިއަދު ހޯދި މޮޅާއެކު 6 ޕޮއިންޓް ހޯދައިގެން ވެޓެރެންސް ކެޓަގަރީގެ ގުރޫޕު ބީގެ އެއްވަނައަށް ޖެހިލާފައެވެ. ވަކަންޑާ ދެވަނައިގަ އޮތީ 3 ޕޮއިންޓާއެކުއެވެ.