ޖަޕާނުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި، ޖަޕާނުގެ އެމްޕަރާ ނަރުހީތޯ އަދި ބޮޑުވަޒީރު ސަނާނޭ ތަކައިޗީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
ޖަޕާނުގެ އެމްޕަރާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ނަމުގައި، އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ފާއިތުވެ ދިޔަ ފަންސާސް އަހަރުގެ ތެރޭގައި، ދެޤައުމުގެ މެދުގައި، އޮތް ގާތްގުޅުން ބިނާވެފައި ވަނީ އެއްޤައުމު އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި އިތުބާރުގެ މައްޗަށްކަމުގައި ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް، ޖަޕާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، ދެޤައުމުގެ މެދުގައިވާ ގާތްގުޅުން، ކުރިޔަށް އޮތް ތާގައިވެސް އިތުރަށް ބަދަހިވެގެން ދިޔުމަށާއި މިގުޅުމުގެ ޒަރީއާއިން ދެޤައުމަށާއި ރައްޔިތުންނަށް އިތުރު ތަރައްޤީއާ ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ބޮޑުވަޒީރު ސަނާނޭ ތަކައިޗީއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، ދެޤައުމުގެ މެދުގައި އުފެދިފައިވާ، ޒަމާންވީ ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިގުޅުން ބިނާވެފައިވަނީ، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ގާތްގުޅުމުގެ ތެރެއިންކަން ފާހަގަކުރެއްވިއެވެ. ހަމަމިޔާއެކު، ދިވެހިރާއްޖެ ތަރައްޤީގެ މަގުގައި ކުރާ ދަތުރުގައި، ޖަޕާނުން ވެދެއްވާފައިވާ، އަގުނުކުރެވޭފަދަ އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ކުރިއަރައި، ހަރުދަނާވެގެން ދިޔުމަށާ، މި ރަޙްމަތްތެރިކަމުގެ އެހީގައި، ދެޤައުމުގެ ކުރިއެރުމަށް އިތުރުދޮރުތައް ހުޅުވިގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
ސިޓީފުޅު ނިންމަވާލައްވަމުން، ޖަޕާނުގެ އެމްޕަރާއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކާއި އުފާފާގަތިކަމާއި، ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.
ޖަޕާނުގެ ޤައުމީދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ 23 ފެބުރުވަރީއެވެ.