އެއާޕޯޓް ތަރައްޤީކުރުމަށް ކުރިއަށް ގެންދިޔަ ހއ.ދިއްދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ނިމިއްޖެއެވެ.
ދިއްދޫ ބިން ހިއްކާ، ހއ.އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިއްދޫ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފެށިތާ 50 ދުވަހުގެ ތެރޭގައި މިމަސައްކަތް ނިމިފައިވާކަމަށެވެ. ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން ދިއްދޫން 112 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.
ދިއްދޫ ބިން ހިއްކުމަށް ބޭނުންކުރި ޓްރެއިން ސަކްޝަން ހޮޕަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ ޑްރެޖަރަކީ، 46000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެކެވެ. މިއީ ބިން ހިއްކުމުގެ މަސައްކަތްތަކަށް ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ޑްރެޖަރެކެވެ.
ދިއްދޫ އެއާޕޯޓްގެ މަސައްކަތަކީ ރާއްޖޭގައި މި ދަޢުރުގައި 15 އެއާޕޯޓް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނެރުއްވި ޤަރާރުގައި ހިމެނޭ އެއާޕޯޓެކެވެ.
އަދި މިދިޔަ 2025ވަނަ އަހަރު ޖަނަވަރީ މަހު، ދިއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިއްދޫއާއި އެ ސަރަޙައްދަށް އެންމެ މުހިންމު މަޝްރޫޢެއްގެ ގޮތުން، ޚާއްސަ އިސްކަމެއްދޭ މަސައްކަތެއްގެ ގޮތުގައި އެއާޕޯޓް މަޝްރޫޢު ކުރިއަށްގެންދަވާނެކަމަށް ވިދާޅުވެފައެވެ. މިއީ މުޅި އަތޮޅުގެ ދުރު ރާސްތާ ޕްލޭނާ ގުޅިފައިވާ މަސައްކަތެއްކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ދިއްދޫގައި ރަޖިސްޓްރީވެފައިވާ އާބާދީއަކީ 5000 އެއްހާ މީހުން ނަމަވެސް، އެރަށުގައި ދިރިއުޅޭ އާބާދީ 7000އަށް އަރައެވެ. ބޭސްފަރުވާއާއި ތަޢުލީމީ ބޭނުންތަކަށް، އެރަށަށް ހިޖުރަކޮށް ދިރިއުޅޭ އާއިލާތައްވެސް ގިނައެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގައި އެއާޕޯޓްގެ އިތުރުން، ބޯހިޔާވަހިކަމާއި އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންވާ ބިން ވެސް ވަނީ ހިއްކާފައެވެ.
މީހުން ދިރިއުޅޭ 14 ރަށް އޮންނަ ހއ.އަތޮޅުގެ އާބާދީ 16،000އަށް އަރައެވެ.
ރާއްޖޭގެ އެންމެ އުތުރު 4 އަތޮޅު ހިމެނޭހެން، އިންޓަރގްރޭޓެޑް ތަރައްޤީ ޒޯނެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާއިރު، މީގެދަށުން އެ ސަރަޙައްދަށް ޢުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް އަންނާނެކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ. އަދި ދިއްދޫ އެއާޕޯޓަކީ މި މަސައްކަތުގެ މުހިންމު ބައެކެވެ.
ދިއްދޫގައި ތަރައްޤީކުރާ އެއާޕޯޓާއެކު ދަތުރުފަތުރުގެ ނިޒާމު ލުއިފަސޭހަވެ އަދި މުޅި އެ ސަރަޙައްދަށް އިޤްތިޞާދީ ބޮޑެތި ކުރިއެރުންތައް ލިބޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ދިއްދޫ އެއާޕޯޓާއެކު އަތޮޅުގެ އެ ބިތުގައި ދެން ހިމެނޭ ވަށަފަރު، ފިއްލަދޫ، ކެލާ، މުރައިދޫ، ބާރަށް އަދި އުތީމަށްވެސް އޭގެ މަންފާ ކުރާނެއެވެ. ހއ.އަތޮޅުގައި މިހާރު އޮންނަނީ ހޯރަފުށީގައި ހިންގަމުން އަންނަ އެއާޕޯޓެވެ.