ލ. ގަމު ތުނޑީ އާބާދު ސަރަހައްދުގައި ބިނާކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ.
މި މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މި ރަސްމިއްޔާތުގައި ލ. ގަމު ކައުންސިލުގެ އިސްވެރިންނާއި އެ ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
700 މީހުންގެ ޖާގައިގެ މިމިސްކިތަކީ ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ. މިމިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދު ކުރެވޭ ގޮތަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތްތައް ބިނާ ކުރަނީ އެތަންތަނުގައި ދީނީ އެކި ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދެވޭނެގޮތަށެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަހަރުގެ ރަމަޟާން މަހަށް 15 މިސްކިތެއްގެ މަސައްކަތް ނިންމާ ހުޅުވާފައިވެއެވެ.
އިސްލާމީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަމުންއަންނައިރު މިދިޔަ އަހަރު 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒާއި، 3 ޤުރްއާން މަރުކަޒާއި، 6 ވަޤުފު ބިނާއާއެކު، މުޅިއެކު 90 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މިސްކިތްތައް އެޅުމާއި މަރާމާތުކޮށް، އިސްލާމްދީން ކުރިއެރުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންއަންނައިރު، ނިމިދިޔަ އަހަރު 19.4 މިލިޔަން ރުފިޔާ، ރާއްޖޭގެ އެކި ރަށްރަށުގައި ހުރި މިސްކިތްތައް މަރާމާތު ކުރުމަށް ސަރުކާރުން ހޭދަކުރެއްވިއެވެ. އަދި މިއަހަރު 15 މިލިޔަން ރުފިޔާ، މިސްކިތްތައް މަރާމާތު ކުރުމަށް ވަނީ ހަމަޖައްސަވާފައެވެ. މިއަހަރު، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، ރާއްޖޭގެ އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށްވެސް ވަނީ ނިންމާފައެވެ.