ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ, އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގެ 61 ވަނަ ސެޝަންގެ ޢާންމު ބަހުސްގައި ތަޤްރީރުކުރައްވަމުންނެވެ.
ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ ތަޤްރީރުގައި ވަނީ ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ އުޞޫލުތަކަށް ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ކޮންމެ މީހަކީވެސް މިނިވަންކަމާއި ހަމަހަމަކަން އަދި އިންސާނީ ޙައްޤުތައް ކަށަވަރުވެފައިވާ ބައެއްކަން ހަނދާންކޮށްދެއްވައި، އެ އުޞޫލުތައް ނެގެހެއްޓުމަކީ ބައިނަލްއަޤްވާމީ މުޖްތަމަޢުގެ ޒިންމާއެއްކަން ވަޒީރުގެ ތަޤްރީރުގައި ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން އިންސާނީ ޙައްޤުތައް ކުރިއެރުވުމުގައި ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި މަޝްވަރާކުރުމުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުވާލެއްވިއެވެ.
ވަޒީރު ޑރ. ޚަލީލްގެ ތަޤްރީރުގައި ވަނީ ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަން ހަރުދަނާ ކުރުމަށާއި، ޤާނޫނު ހިންގުމަށާއި, މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި އަންހެން ވިޔަފާރިވެރިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ކުޑަކުދިން ފަދަ ޚާއްސަ އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އިޖްތިމާޢީ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.
High Level week of @UN_HRC 61 began today.
— Abdulla Khaleel (@abkhaleel) February 23, 2026
I am honoured to lead the Maldives delegation.
The Maldives remains firmly committed to strengthening multilateral cooperation, advocate for human rights and ensure that every person can live with freedom and be at peace.… pic.twitter.com/PDKbyRErZp
ހަމައެއާއެކު، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ނިޒާމުގައި ރާއްޖޭގެ ބައިވެރިވުން އިތުރުކޮށްފައިވާކަން ފާހަގަކޮށް 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ރާއްޖޭގެ ހަތަރުވަނަ ޔުނިވާރސަލް ޕީރިއޮޑިކް ރިވިއު ކާމިޔާބުކަމާއެކު ކުރިއަށް ދިޔަކަން ޚާރިޖީ ވަޒީރުގެ ތަގްރީރުގައި ފާހަގަކުރެއްވިއެވެ. އަދި ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރަނީ އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެ ޤައުމުތަކުގެ ބައިވެރިވުން ދެމެހެއްޓެނިވި ގޮތެއްގައި އދ.ގެ އިންސާނީ ހައްޤުތަކާބެހޭ ކައުންސިލްގައި އިތުރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރައްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ތަޤްރީރުގައި ވަޒީރު ވަނީ އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލްގެ 2028 އިން 2030 ގެ ދައުރަށް ރާއްޖެއިން ވާދަކުރާނެކަމަށް އިޢުލާންކުރައްވާފައެވެ. ވަޒީރު ޑރ. ޚަލީލްގެ ތަގްރީރް ނިންމަވާލައްވަމުން ވަނީ އިތުބާރު ހިފޭ މިންގަނޑުތައް ދަމަހައްޓައި، އެންމެން ޝާމިލްވާފަދަ ގޮތަކަށް ނިޒާމް ހަރުދަނާކޮށް، ރަނގަޅު ނަތީޖާތަކެއް ޙާޞިލުކުރުމަށް ކައުންސިލަށް ގޮވާލައްވާފައެވެ. އަދި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކޮށް، އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.