ވިޔަފާރި

އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް ރޯދަމަހު އެސްޓީއޯއިން ހެޔޮއަގުގައި


  • މާލެއާއި އަތޮޅުތެރޭގެ އެސްޓީއޯ އައުޓްލެޓުތަކުން ލިބޭނެ

އަސާސީ ކާބޯތަކެތީގެ 26 ބާވަތެއް އެސްޓީއޯގެ އައުޓްލެޓްތަކުން މިރަމަޟާންމަހު ހެޔޮއަގުގައި ލިބޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އަގުހެޔޮކޮށް ދެމެހެއްޓެނިވި ގޮތުގައި ލިބޭނެގޮތް ހަމަޖެއްސުމުގެ ގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓަށް ސަރުކާރުން 23ބާވަތެއް އިތުރުކުރައްވައި އެކަން އިޢުލާންކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ. އޭގެ އެއްމަސްފަހުންވަނީ މިބާވަތްތައް ބާޒާރަށް ނެރެ ވިއްކަން ފަށާފައެވެ.

އޭގެތެރޭގައި ހިމެނެނީ ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އާއި މުގާއި ބިސް އަދި އަލުވިއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތާއި، ހަނޑޫ، ހަކުރު، ފުށް ހިމެނޭހެން 26 ބާވަތެއް އެސްޓީއޯގެ އައުޓުލެޓްތަކުން މިރަމަޟާންމަހު ހެޔޮ އަގުގައި ލިބޭނެކަމަށެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ މޭވާގެ ބާވަތްތައް:

* ދޮންކެޔޮ
• އާފަލު
• އޮރެންޖު
• ލުނބޯ
• ޖުމްހޫރީމޭވާ
• އަނބު
• ފަޅޯ
• ކަރާ
• މިރުސް
• މޭބިސްކަދުރު

އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ހިމެނޭ ތަރުކާރީގެ ބާވަތްތައް:

• ރަތް ފިޔާ
• އިނގުރު
• ކެރެޓު
• ބަށި
• ކައްޓަލަ
• ލޮނުމެދު
• އަލުވި
• ކެބެޖު
• ބަރަބޯ
• ބޯވެލި

އިތުރު ބާވަތްތައް:

• ރީނދޫ މުގު
• ކުކުޅު ބިސް
• ކާށި

އަސާސީ ކާބޯތަކެތީގެ ތެރޭގައި ހިމެނޭ މި 26 ބާވަތް މާލެއާއި އަތޮޅުތެރޭގައި ހުންނަ އެސްޓީއޯގެ އައުޓުލެޓުތަކުން ލިބެން ހުންނާނެކަމަށް ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މާލެ ސަރަހައްދުގައި އަސާސީ ކާބޯތަކެތި ލިބެން ހުންނަ އެސްޓީއޯގެ އައުޓްލެޓްތައް:

• އެސްޓީއޯ ޕީޕަލްސް ޗޮއިސް،މާލެ
• އެސްޓީއޯ ހޯލްސޭލް، ނޯތު ހާބަރު
• އެސްޓީއޯ އިންޑަސްޓްރިއަލް ވިލެޖް
• އެސްޓީއޯ ވިލިމާލެ ފިހާރަ

މީގެ އިތުރުން ފެށޭ ރަމަޟާންމަހުގެ ކުރިން ހުޅުމާލޭގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަ އެސްޓީއޯ ޕީޕަލްސް ޗޮއިސްއިންވެސް މިތަކެތި ހެޔޮ އަގުގައިލިބޭނެއެވެ.

އަތޮޅުތެރޭގައި އަސާސީ ކާބޯތަކެތި ލިބެން ހުންނަ އެސްޓީއޯގެ އައުޓްލެޓްތައް:

• ހއ. ހޯރަފުށި
• ހދ. ކުޅުދުށްފުށި
• ބ. އޭދަފުށި
• ކ. ހުޅުމާލެ
• ކ. ވިލިމާލެ
• ލ. ފޮނަދޫ
• ގއ. ވިލިންގިލި
• ގދ. ތިނަދޫ
• ޏ. ފުވައްމުލައް
• ސ. ހިތަދޫ
• ސ. މަރަދޫފޭދޫ
• ސ.ފޭދޫ
• ސ.ހުޅުމީދޫ

ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީ އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެތެރެކޮށް، ވިއްކުމަށް ސަރުކާރުން ނިންމެވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިންނެވެ.

އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކުރަން ނިންމީ، ރާއްޖެއިން އެންމެ ގިނައިން އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކާއި ގޭގޭގައި ކެއިން ބުއިމަށް ބޭނުންކުރާ މިންވަރު އަދި އެ ބާވަތްތަކުގެ ސިއްޙީ ފައިދާތަކަށް ބަލާފައިކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.