ޚަބަރު

ބޮޑުތަކުރުފާނު މަގުގެ ބާޒާރުމަތީ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފި


  • މިމަހުގެ 15އަށް މަގު ހުޅުވާލުމަށް ދަނީ މަސައްކަތް ކުރަމުން

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން ބާޒާރުމަތި ހިމެނޭ ސަރަޙައްދުގައި ތާރުއެޅުމުގެ މަސައްކަތް ފަށައިފިއެވެ. މި މަގު ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށްވަނީ ނިންމައި ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.

މި މަސައްކަތުގެ ދަށުން ސަބް-ބޭސް އެޅުމާއި އޭބީސީ ފަށަލަ އަޅާ ނިންމާ މިހާރު މި ވަނީ ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ. އެމްޓީސީސީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޝަރުވަސް ޢަބްދުﷲ ފާއިޒް ވިދާޅުވީ މިމަސައްކަތް ފެށިއިރުވެސް އަމާޒަކީ ރަމަޟާންމަހަށް މަސައްކަތް ނިންމުންކަމަށެވެ. އެގޮތުން މަގު ހެދުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާކަމަށް ވިދާޅުވިއެވެ. ތާރު އެޅުމުގެ މަސައްކަތް ފެށިފައިވާއިރު މިމަހުގެ 15އާ ހިސާބަށް ހުރިހާ މަސައްކަތްތަކެއް ނިންމާ އާންމުންނަށް ހުޅުވާލާނެކަަމަށް ޝަރުވަސް ވިދާޅުވިއެވެ.

"ވަރަށް ޓައިޓް ޝެޑިއުލްއެއްގައި ދެ ޝިފްޓަށް ބަހާލައިގެން ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިގެން މިހާރު ހަމަ ފަހުގެ މަސައްކަތްތައް ކުރިއަށް މިދަނީ. ސްޓްރީޓް ލައިޓްތައް ހަރުކުރުމާއި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް މިދަނީ. އުންމީދަކީ 15އާ ހިސާބަށް މަގުގެ ހުރިހާ މަސައްކަތްތަކެއް ނިންމާ އާއްމުންނަށް ހުޅުވާލުން" ޝަރުވަސް ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގުގެ ބާޒާރު މަތީ ސަރަޙައްދުގެ މަސައްކަތް ރަމަޟާން މަހުގެ ކުރިން ނިންމާ ހުޅުވާލަން މަސައްކަތްކުރަމުންދާއިރު، ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީކުރަމުންނެވެ. މިއާއެކު ރަމަޟާން މަހު އާންމުކޮށް ބާރު ބޮޑުވާ ބާޒާރު މަތީގެ ސަރަޙައްދަށް ބޮޑު ފަސޭހައެއް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މަގުހެދުމުގެ މަޝްރޫޢުގެ ދަށުން އެމަގު ފުޅާކުރުމަށް ވަނީ ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް މަގަށް އިތުރުކޮށްފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1,088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢު ނިމުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރުކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.