ގްރޭޓާ ބޭ އެއާލައިނުން ޗައިނާގެ ހޮންގ ކޮންގާއި ރާއްޖެއާ ދެމެދު ޗާޓަރ ދަތުރުތަކެއް ފަށައިފިއެވެ. އެއާލައިންގެ ފުރަތަމަ ފްލައިޓަށް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ވަނީ ޚޫނު މަރުޙަބާއެއް ކިޔާފައެވެ.
މިއަދު ފެށި މި ދަތުރުތައް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު އެއް ދަތަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ދުވަސްވަރަކީ ޗައިނާގެ އައު އަހަރާ ދިމާކޮށް ގިނަ ބަޔަކު ޗުއްޓީއަށް ދަތުރުކުރާ ދުވަސްވަރެކެވެ.
ހޮންގ ކޮންްގުގެ ބަޖެޓު އެއާލައިނެއް ކަމަށްވާ ގްރޭޓާ ބޭ އެއާލައިނުން މި ދަތުރުތަގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބޮއިންގ 800-737 މަރުކައިގެ މަތިންދާ ބޯޓެކެވެ. ގްރޭޓާ ބޭ އެއާލައިނަކީ މިވަގުތު ރާއްޖެއާ ހޮންގ ކޮންގާއި ދެމެދު ސީދާ ދަތުރުތައް ބާއްވާ ހަމައެކަނި އެއާލައިނެވެ.
Welcome to MLE, Greater Bay Airlines.
— Velana Airport (@VelanaAirport) February 8, 2026
Connecting Hong Kong to the Maldives with daily charter flights✈️ pic.twitter.com/MuDxKL9jfX
ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 35،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖުމްލަ ފަތުރުވެރިންގެ %12 ހިއްސާކުރަނީ އެޤައުމުގެ ފަތުރުވެރިންނެވެ.
މި ނިމުނު 2025 ވަަނަ އަހަރު އެޤައުމުން ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައި 2025 އަހަރު ނިންމާލީ ޗައިނާގެ 329,286 ފަތުރުވެރިންނާއެކުއެވެ.