ތިން އަތޮޅަކަށް ކަނޑު އަޑިން ދަތުރުކޮށް ދިވެހި ޑައިވަރު ޝަފްރާޒް ނައީމް ދުނިޔޭގެ ރެކޯޑެއް ޤާއިމްކޮށްފިއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން "އެކްރޮސް މޯލްޑިވްސް 2026"ގެ ނަމުގައި ކަނޑު އަޑީގައި ރެކޯޑެއް ގާއިމުކުރުމަށް ކުރިއަށްގެންދިޔަ ތާރީޚީ ހަރަކާތް ކުރިއަށްގެންދިޔައީ ދިވެހި ޑައިވަރު ޝަފްރާޒް ނައީމްއާ ގުޅިގެންނެވެ.
މިިދިޔަ މަހުގެ 23ވަނަ ދުވަހު ފެށި މި ދަތުރަކީ "ވިޒިޓް މޯލްޑިވްސް ބުކް އޮފް ރެކޯޑްސް" އަށް މިއަހަރު ހުށަހެޅޭ ފުރަތަމަ ރެކޯޑް ގާއިމްކުރުމުގެ ހަރަކާތެވެ.
ހަރަކާތް ނިންމާލުމަށް ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައިވާހަކަފުޅު ދައްކަވަމުން ވިސިޓްމޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝިއުރީ ވިދާޅުވީ މިކަމަކީ މީގެ ދޮޅުއަހަރެއްހާދުވަސް ކުރިން ރާވައިގެން ކުރުމަށް ނިންމި ހަރާކާތް ޝަފްރާޒްއާއެކު ކުރިއަށްގެންދިޔައީ ޝަފްރާޒް އަކީ އިތުބާރުހިފޭ ޑައިވަރަކަށް ވުމުންކަމަށެވެ.
މި ހަރަކާތުގައި 3 އަތޮޅަކަށް ކަނޑުއަޑިން ދަތުރުކޮށް ޝަފްރާޒް ވަނީ 2 ރެކޯޑެއް ގާއިމުކޮށްފައެވެ. އެއީ ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ދަތުރުކުރުމާއި، އެއް މަސްދުވަހުގެ ތެރޭގައި ޑީޕީވީ ބޭނުންކޮށްގެން 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއަކަށް ދަތުރުކުރުމެވެ.
މިހަރަކާތާއި ގުޅިގެން ޝަފްރާޒް ބުނިީ މިފަދަ ކަމެއް ކުރުމަކީ މީގެ 20 ވަރަކަށް އަހަރު ކުރިން ފެށިގެން ދެކެމުންއައި ހުވަފެނެއް ކަމަށާއި، މިކަމުގައި އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރާކަމަށެވެ.
މި ހަރަކާތަކީ ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ނަން ދުނިޔޭގެ ފެންވަރުގައި އުފުލާލުމަށް ފަށާ ގައުމީ ކެމްޕޭނެއްގެ ފެށުމެކެވެ.
މި ރަސްމިއްޔާތުގައި ޝަފްރާޒަށް ވަނީ މިރެކޯޑްތައް ފުރިހަމަކުރިކަމުގެ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މި ފިލާ ޝަފްރާޒްއާ ހަވާލުކޮށްދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިގް އިބްރާހީމް އަދި ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީއެވެ އެވެ.
މި ރެކޯޑް ހެދުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ "ކަނޑުގެ ގައުމެއް"ގެ ގޮތުގައި އިޝްތިހާރުކޮށް، އެޑްވެންޗަރ އަދި ތަޖުރިބާކާރު ފަތުރުވެރިކަމުގެ ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ކުރިއެރުވުމެވެ. މި ދަތުރުގެ ސަބަބުން ރާއްޖޭގެ ކަނޑުއަޑީގެ ހިތްގައިމު މަންޒަރުތަކާއި، ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުގެ އިތުރުން ކަނޑާ ގުޅިފައިވާ ދިވެހިންގެ ތަފާތު ސަގާފީ ގުޅުންތައް ދުނިޔެއަށް ހާމަވެގެންދާނެއެވެ.
މި ދަތުރުގައި ކަނޑައެޅިފައިވާ ވަކި ރަށްތަކަކަށް މަޑުކޮށްފައިވާއިރު، މި ދަތުރުގައި ހޮޓާތަކާއި ގެސްޓް ހައުސްތަކާއި ރަށު ކައުންސިލްތަކުގެ އެހީތެރިކަން ލިބިފައިވެއެއެވެ. މުޅި ދަތުރުގެ ކަންކަން ކަނޑުއަޑީގެ ވީޑިއޯގްރަފީއާއި، ރަށްރަށަށް ކުރާ ޒިޔާރަތްތަކާއި، އިންޓަވިއުތަކުގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ މައުލޫމާތުތަކާއެކު ވަނީ ޑޮކިއުމަންޓް ކޮށްފައެވެ.