ޚަބަރު

އީރާނާއި އެމެރިކާ ޞުލްޙަކުރުމަށް ޕާކިސްތާނުން އަދިވެސް މަސައްކަތްކުރާނެ


އީރާނާއި އެމެރިކާ ޞުލްޙަކޮށް އެއްގަލަކަށް އެރުވުމަށް މަޝްވަރާ ކުރުމަށް ހިތްވަރުދިނުމަށް ޕާކިސްތާނުން އަދިވެސް މަސައްކަތް ކުރާނެ ކަމަށާއި، ނަމަވެސް އެ ކަމަށް ހުރަސްތަކެއް ހުރި ކަމަށް އެ ޤައުމުން ބުނެފިއެވެ.

ޕާކިސްތާނުން މިހެން ބުނެފައި މި ވަނީ ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ހުއްޓައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުންތައް އީރާނުން ޤަބޫލުނުކުރާ ނަމަ އީރާނަށް ވަރުގަދަ ބޮމުގެ ޙަމަލާއެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވިތާ ގަޑިއިރުކޮޅެއް ފަހުންނެވެ.

ޕާކިސްތާނުން ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޠާހިރު އަންދުރާބީ ވިދާޅުވީ މެދުވެރިއެއްގެ ދައުރު ޢަދާކުރުމަށް ހުރަސްތަކެއް ހުރި ކަމަށެވެ. ނަމަވެސް ޕާކިސްތާނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ތަފްޞީލް އޭނާ ދެއްވާފައެއް ނުވެއެވެ. ދަތިތައް ހުރި ނަމަވެސް ދެ ޤައުމު ޞުލްޙަ ކުރުމަށް ޕާކިސްތާނުން ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވާފައިވެއެވެ. ވަކި ފަރާތަކަށް ނުޖެހޭ މެދުވެރިއެއްގެ ދައުރު ޕާކިސްތާނަށް ޢަދާ ކުރެވިދާނެ ކަމަށް އެމެރިކާއާއި އީރާނާ ދެ ޤައުމުން ވެސް ޤަބޫލުކުރާ ކަމަށް އޭނާ ިވިދާޅުވިއެވެ.

އަންދުރާބީ އިތުރަށް ވިދާޅުވީ ހަނގުރާމަ ފެށުނު ފަހުން ވެސް އީރާނާއި ޕާކިސްތާނުގެ އިސްވެރިންގެ މެދުގައި މުއާމަލާތްތައް ކުރިއަށްދާ ކަމަށެވެ. މާރިޗު މަހުގެ 28ވަނަ ދުވަހު ވެސް އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަންއާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ ދެ ބޭފުޅުން ވާހަކަދައްކަވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި އިތުބާރު ޤާއިމުކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޞުލްޙައަށްޓަކައި ޕާކިސްތާނުން ކުރަމުންދާ މަސައްކަތަށް އީރާނުން ތައުރީފުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.