މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފުޅާކުރާނީ އެޚިދުމަތްދޭ އަމިއްލަ ފަރާތްތަކާވެސް ގުޅިގެންކަމަށާއި، ކުރިއަށްއޮތް ތަނުގައި ޓެކްސީގެ ޚިދުމަތް އިތުރަށް ފުޅާކުރެވި ކެޕޭސިޓީ އިތުރުކުރާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުއްޖެއެވެ.
ވަޒީރު މިހެންވިދާޅުވީ ސަރުކާރުން ފަށައި ޓެކްސީ ލައިންގެ ޚިދުމަތް ފެށުމައް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މާލެ ޓެކްސީ ލައިންގެ ޚިދުމަތަކީ މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލެއް އަންނާނެ ތާރީޚީ ކަމެއްކަމަށެވެ. ބްރިޖުގެ ޒަރީޢާއިން މާލެ، މާލޭ އެއަރޕޯޓް އަދި ހުޅުމާލެ ގުޅާލެވިފައިވާއިރު، އެއްގަމު އުޅަނދެއްގެ އެހީތެރިކަމާ ނުލައި އެއް ތަނުން އަނެއް ތަނަށް ދަތުރުކޮށް އުޅުމަކީ ކުރެވޭވަރުގެ ކަމެއްނޫންކަމަށެވެ. ވަޒީރު ވިދާޅުވީ މި ޞަރަޙައްދުގައި ދިރިއުޅޭ އާބާދީ ބޮޑުތަނުން އިތުރުވެ އެއްގަމު ދަތުރުފަތުރަށް އޮތް ޑިމާންޑް ވަނީ އިންތިހާއަށް ބޮޑުވެފައިކަމަށެވެ.
ވަޒީރު އަމީން ވިދާޅުވީ "މާލެ ޓެކްސީ ލައިން"ގެ ޚިދުމަތަކީ، ރައްޔިތުންނަށް ފަސޭހަ، ރައްކާތެރި، އަދި އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމްކޮށް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ރޭވިފައިވާ ބަދަލުތަކުގެ ތެރެއިން މުހިންމު އެއް ފިޔަވަޅުކަމަށެވެ. ރައީސްގެ އެންމެ މުހިންމު އެއް ސިޔާސަތިކީ، ޢާންމު ރައްޔިތުންނަށް ދަތިވާ، ޙައްލުކުރަންޖެހޭ މިފަދަ މަސައްލަތައް ޙައްލުކޮށްދެއްވުންކަމަށާއި މިގޮތުން ޓެކްސީގެ ޚިދުމަތް އިތުރަށް ރަނގަޅުކޮށްދެއްވުމަށް ރައީސް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވީ ޓެކްސީލައިންގެ ޚިދުމަތް ބިނާކޮށްފައިވަނީ މައިގަނޑު 3 އަސާސެއްގެ މައްޗަށްކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކީ، ދަތުރުކުރައްވާ ފަރާތްތަކާއި، ޓެކްސީ ޑްރައިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުންކަމަށާއި ދެވަނަ ކަމަކީ، އެ ވުޒާރާއިން ކަނޑައަޅާފައިވާ ޓެކްސީ ފެއަރ ނުވަތަ އަގުތަކުގައި ޚިދުމަތް ފޯރުކޮށް ދިނުމާއި ޚިދުމަތް ރައްޔިތުންނަށް ލިބިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ.
ތިންވަނަ ކަމަކީ، ފަސޭހަކަމާއެކު ހުރިހާ ވަގުތެއްގައި ޓެކްސީގެ ޚިދުމަތް ލިބޭނެ ގޮތަށް ޚިދުމަތް ބައްޓަންކޮށް، ފެންވަރު ރަނގަޅު ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު، މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަސޭހައިން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުންކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މުސްތަޤްބަލުގައި މާލެ ސިޓީގެ ސަރަހައްދުގެ ތެރެއަށް ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖުން ގުޅިގެންދާއިރު، މި ޚިދުމަތް އިތުރަށް ފުޅާކުރެވި ކެޕޭސިޓީ އިތުރުކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ރައީސް ޑޮކްޓަރ މުޢިއްޒު، ތިމާވެށި ރައްކާތެރިކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، މިއަދު އެމް.ޓީ.ސީ.ސީ އިން މި ތަޢާރަފުކުރަނީ ތިމާވެއްޓާ ރައްޓެހި ސައްތައިންސައްތަ އީ.ވީ ނުވަތަ އިލެކްޓްރިކް ވެހިކަލްގެ ޒަމާނީ 3 ސައިޒެއްގެ ޓެކްސީ ފްލީޓެއް. މިއީ ދިވެހިރާއްޖެއިން ކަރބަން ފުޓްޕްރިންޓް ދަށްކުރުމަށް ކޮޕް 29 ގައި ރައީސް އިޢުލާން ކުރައްވާފައިވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވީ ޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދެއްވާ ފަރާތްތަކާއި އަދި ޓެކްސީ ސެންޓަރ ތަކަކީ ވަރަށް މުހިންމު ޚިދުމަތެއް ފޯރުކޮށްދޭ ފަރާތްތަކެއްކަމަށެވެ. މިސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއި ފަސޭހަ ކުރެވެންހުރި ކަންކަމަކީ ކޮބައޮތޯ ބަލައި، ޙައްލުކުރެވެން ހުރިކަންކަން ޙައްލުކޮށް ދެމުންކަމަށް ވިދާޅުވިއެވެ.
މީގެކުރިން ޓެކްސީ ޑްރައިވަރުންނަށް ރަޖިސްޓްރީ ވެފައިވާ ސެންޓަރު ނޫން އެހެން ސެންޓަރެއްގައި މަސައްކަތް ކުރުމަކީ ޤާވާއިދު ހުއްދަކުރާ ކަމެއްނޫންކަމެއްކަމަށާއި ނަމަވެސް މި ސަރުކާރުން ގަވާއިދަށް ބަދަލުގެނެސް، އެބޭފުޅުންނަށް އެއް ސެންޓަރަށްވުރެ ގިނަ ސެންޓަރުގައި މަސައްކަތް ކުރެވޭނެ ގޮތް ވާނީ ހަމަޖައްސާދެއްވާފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެހެންމެ، ކުރިން ޓެކްސީ ސެންޓަރެއް ރަޖިސްޓަރީކޮށް އޮޕަރޭޓް ކުރެވެނީ 100 ޓެކްސީ އޮވެގެން ކަމުގައިވީ ނަމަވެސް މިހާރު މި ޢަދަދު ވަނީ 50 އަށް ދަށްކޮށް ލުއިގޮތް ހަމަޖައްސާދެވިފައިކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އަބަދުވެސް ގެންގުޅޭ ސިޔާސަތަކީ މިފަދަ ޚިދުމަތްތައް ދެއްވާ އަމިއްލަ ފަރާތްތަކާއި އަދި ސެންޓަރ ތަކަށްވެސް، މަގުފަހިކޮށްދީ ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމުގެ ސިޔާސަތުކަމަށެވެ. އެމް.ޓީ.ސީ.ސީގެ ޓެކްސީލައިންވެސް ކުރިއަށް ގެންދެވޭނީ، ޕްރައިވެޓް ނުވަތަ އަމިއްލަ އަށް ޓެކްސީގެ ޚިދުމަތް ދެއްވާ ފަރާތްތަކާވެސް ގުޅިގެން، ސައްތައިންސައްތަ ދިވެހި ޑްރައިވަރުންނާއެކު، ފުލްޓައިމް އަދި ޕާރޓްޓައިމް ކޮށް މަސައްކަތް ކުރުމުގެ ފުރުޞަތު އޮވެގެންކަމަށް ފާހަގަކުރެއްވިއެވެ.