ސާފް ފުޓްސަލް ޗެމްޕިއަންޝީޕް 2026ގެ ފިރިހެނުންގެ ޑިވިޝަނުގައި ރާއްޖެއަކީ ޝައްކެއްވެސް ނެތްގޮތުގައި މުބާރާތް ކާމިޔާބުކުރުމުގެ ފޭވަރިޓުންނެވެ.
މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ރާއްޖެ އޮތީ ސައްތައިންސައްތަ ރެކޯޑަކާއެކު ނުވަ ޕޮއިންޓު ހޯދައި ތާވަލުގެ އެއްވަނައިގައެވެ.
ސަރަހައްދީ ހުރިހާ ގައުމަކުން ވެސް އެންމެ ޖެހިލުންވާ ޤައުމަކީ ރާއްޖެކަމަށް، އެ ޤައުމުތަކުގެ ކޯޗުން ވެސް ވަނީ ބުނެފައެވެ. ކަން މިހެން އޮތްއިރު ރާއްޖެ މިއޮތީ މުބާރާތުގެ ތަށީގައި އަތްލެވޭހާ ގާތުގައެވެ.
މި ބަލާލަނީ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ލިބެން އޮތް ބައެއް ސިނާރިއޯ ތަކަށެވެ.
ރާއްޖެއިން މުބާރާތުގައި މިއަދު ހަތަރުވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނެއެވެ.
މިވަގުތު ނުވަ ޕޮއިންޓާއެކު ރާއްޖެ އޮތްއިރު ނޭޕާލް އަތުން މޮޅެއް ހޯދައި، 12 ޕޮއިންޓަށް ކުރިއަށް ޖެހިލެވޭނެއެވެ. އަދި ޖެހިގެން އަންނަ ބޫޓާން މެޗުން މޮޅެއް ހޯދައިގެން، އިތުރު މެޗެއްގެ ނަތީޖާއަކަށް ބަރޯސާނުވެ ރާއްޖެއަށް ޗެމްޕިއަންކަން ކަށަވަރުކުރެވޭނެއެވެ.
ރާއްޖެއަށް އޭރުން ޖުމްލަ 15 ޕޮއިންޓު ލިބޭއިރު، ދެން ވާދަކުރާ ޓީމުތަކުގެ ތެރެއިން ޕޮއިންޓުގެ ގޮތުން ރާއްޖެއާ އެންމެ ކައިރީގައި އޮތް ބަންގްލަދޭޝްއާއި ޕާކިސްތާނަށް، ބާކީ އޮތް ދެ މެޗުން އެ އަދަދަށް ޕޮއިންޓު ހަމައެއް ނުކުރެވޭނެއެވެ.
އެ ދެ ޓީމުން ވެސް މިހާތަނަށް ހަތަރު މެޗު ކުޅެ ހަތް ޕޮއިންޓު ހޯދާފައިވާއިރު އެއިން ކޮންމެ ޓީމަކަށް ވެސް އެންމެ ގިނަވެގެން ހޯދޭނީ 13 ޕޮއިންޓެވެ.
މިއަދުގެ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ ނޭޕާލަށް ވެސް ރާއްޖެއާ ޕޮއިންޓުގެ ގޮތުން ހަމަހަމަ ކުރުމުގެ ފުރުސަތު ގެއްލުނީއެވެ. ތިން މެޗުން 5 ޕޮއިންޓާއެކު މިވަގުތު އޮތް ނޭޕާލަށް އޭރުން އެންމެ ގިނަވެގެން ހޯދޭނީ 11 ޕޮއިންޓެވެ.
ބާކީ އޮތް އިންޑިއާ، ބޫޓާން އަދި ލަންކާއަކަށް ވެސް ޕޮއިންޓުގެ ގޮތުން ރާއްޖެއާ ހަމަކުރުމުގެ ފުރުސަތެއް ނެތެވެ.
މުބާރާތުގައި ރާއްޖެއާއި ނޭޕާލް ބައްދަލުކުރާ މެޗަށްފަހު ބަންގްލަދޭޝްއާއި ޕާކިސްތާންގެ ކުރިމަތިލުން ފެންނާނެ މެޗެއް އެބައޮތެވެ.
މި މެޗުން އެ ދެ ޓީމު އެއްވަރުވެއްޖެނަމަ، ފަސް މެޗުން އެ ދެ ޓީމަށް ލިބޭނީ ޖުމްލަ އަށް ޕޮއިންޓެވެ. އެ ދެ ޓީމަށް ވެސް ދެން ބާކީ އޮންނާނީ އެންމެ މެޗެކެވެ. އެ މެޗުން މޮޅުވިޔަސް، އެ ދެ ޓީމަށް ވެސް އެންމެ ގިނަވެގެން ހޯދޭނީ 11 ޕޮއިންޓެވެ.
ރާއްޖެއަށް ނޭޕާލް އަތުން ތިން ޕޮއިންޓު ލިބިއްޖެ ނަމަ، 12 ޕޮއިންޓު ލިބޭނެއެވެ.
މުބާރާތުގައި ރާއްޖެއާ އެއްހަމައަށް ޕޮއިންޓުގެ ގޮތުން އާދެވޭނެ އިތުރު ޓީމެއް ނޯންނާނެއެވެ.
މިއީ މިވަގުތަށް ބަލާއިރު، ރާއްޖެއަށް އެންމެ ފަސޭހަކަމާއެކު މުބާރާތުގެ ޗެމްޕިއަންކަން ހޯދެން އޮތް ދެ ގޮތެވެ.
ފާޙަގަކޮށްލަން ޖެހޭ ގޮތުގައި ސަރަހައްދީ ފުޓްސަލްގެ ވާދަވެރިކަން ފުރަތަމަ ފަހަރަށް ފެނިގެންދާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕަށް ރާއްޖެ ޓީމުން ފުރީ ވެސް، މުބާރާތުގެ ތަށި ހޯދޭނެކަމުގެ އުއްމީދާއި، ބޮޑު ޔަގީންކަމަކާ އެކުއެވެ.
މަސް ދުވަހު ޗައިނާގައި ތަމްރީނުތައް ކުރިއަށް ގެންގޮސް، ފުޓްސަލްގެ ތަޖުރިބާކާރު ކޯޗެއްގެ އިރުޝާދުގެ ދަށުން ޤައުމީ ޓީމުން ވަނީ ބުރަ، ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.
މުޅި ޤައުމު، ޤައުމީ ޓީމާ މެދު ފަޚުރުވެރިވާފަދަ ނަތީޖާތަކެއް ނެރެފައެވެ.
ޕާކިސްތާނާ ވާދަކޮށް 1-7 އިން ކުރިހޯދައި، ފެންވަރު ދައްކާދީފައެވެ. ބަންގްލަދޭޝް އަތުން 1-6 އިން މޮޅުވެ، މިއީ "ތޯތޯ" ޓީމެއް ނޫންކަން ހާމަކޮށްދީފައެވެ. ކުޑަކުޑަ ރާއްޖެއިން ވަނީ އެއޮށް ބޮޑު އިންޑިއާ 0-5 އިން ބަލިކޮށް، މާޒީގެ ރަން ޞަފްޙާއެއްގެ ފޮނި ހަނދާންތައް ގެނުވާފައެވެ.
ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމުން ފުރަތަމަ ފަހަރަށް ފުޓްސަލްގައި ތަށްޓެއް އުފުލާލުމަށް ކުރަމުންދާ މި ދަތުރުގައި ކުޅޭ ހުރިހާ މެޗެއް، ޕީއެސްއެމްގެ ޔެސް ޓީވީ އިން ވަގުތުން ގެނެސްދޭނެއެވެ.