ކެމަރޫން ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ސެމިއުލް އެޓޫ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފި އެވެ.
އެފްރިކާގެ މައި ފުޓްބޯޅަ ޖަމާއަތުން އޭނާ ސަސްޕެންޑްކޮށް ވަނީ 20000 ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފަ އެވެ. މިއީ މޮރޮކޯގައި މިހާރު ކުރިއަށްދާ އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގައި މޮރޮކޯ އަތުން ބަލިވެ ކެމަރޫން މުބާރާތުން ކެޓި މެޗުގައި ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް އެޓޫގެ ފަރާތުން ފެނުމުން ދީފައިވާ ސަސްޕެންޝަނެކެވެ.
އެފްރިކާގެ ފުޓްބޯލަ ޖަމާއަތުން ބުނީ އެޓޫ ވަނީ އެ ޖަމާއަތުގެ އަހުލާގީ ހަމަތަކުން ބޭރުވެފައި ކަމަށާއި އަދި ފެޑަރޭޝަނެއްގެ އެންމެ އިސްވެރިއެއްގެ ފަރާތުން ފެންނަން ނުޖެހޭ އަމަލުތައް އެޓޫގެ ފުށުން ފެނިފައިވާ ކަމަށެވެ. މެޗުގައި ރެފްރީންގެ ބައެއް ނިންމުންތަކާ މެދު އެޓޫ ހިތްހަމަ ނުޖެހުން ފާޅު ކުރީ އެފްރިކާގެ ފުޓްބޯޅަ ޖަމާއަތުގެ ރައީސް ވެސް ވަޑައިގެން އިންނެވި ހާޒިރެއްގައި ކަމަށް ވެސް އޭނާއާ ބެހޭ ގޮތުން ކެމަރޫން އެފްއޭއަށް އަންގާފައިވެ އެވެ.
ސެމިއުލް އެޓޫ އަކީ ކެމަރޫންގެ ކުރީގެ ކެޕްޓަނެވެ. އޭނާ ވަނީ އެފްރިކާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އެތައް ފަހަރަކު ހޯދައިފަ އެވެ. އެޓޫ އެންމެ ބޮޑަށް ވިދާލީ ސްޕޭނުގެ ބާސެލޯނާ އާއި އިޓަލީގެ އިންޓަމިލާނުގަ އެވެ.
އެޓޫ ސަސްޕެންޑްކުރިއިރު އެފްރިކާ ކަޕް ފުޓްބޯޅަ މުބާރާތުގެ ރެފްރީންގެ މައްސަލަ ވަރަށް ގިނަ ގައުމުތަކުން ވަނީ ޖައްސައިފަ އެވެ. ހާއްސަކޮށް މޮރޮކޯ ކޮޅަށް ޖެހިފައިވާ ކަމުގެ ޝަކުވާތައް ގިނަ އެވެ. ނަމަވެސް މޮރޮކޯއިން މި މުބާރާތް އިންތިޒާމް ކޮށްފައިވާގޮތް ފުރިހަމަ ކަމުން އެ ގައުމަށް އެ ދާއިރާއިން ދަނީ ތައުރީފް އޮހެމުންނެވެ.