ޚަބަރު

އޮސްޓްރޭލިޔާގައި ދިން ނިރުބަވެރި ޙަމަލާ ސަރުކާރުން ކުށްވެރިކުރައްވައިފި


  • ނިޔާވި މީހުންގެ ޢާއިލާތަކަށް ވަނީ ތަޢުޒިޔާ ދަންނަވާފައި

  • މި ޙަމަލާގައި 15 މީހުން މަރުވިއިރު، 38 މީހަކު ޒަޚަމުވި

އޮސްޓްރޭލިޔާގެ ބޮންޑީ ބީޗުގައި ތިބި ބަޔަކަށް ދިން ނިރުބަވެރި ޙަމަލާ ދިވެހި ސަރުކާރުން ކުށްވެރިކުރައްވައިފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރުނު ބަރާނެއްގައި ވިދާޅުވީ އޮސްޓްރޭލިޔާގެ ބޮންޑީ ބީޗުގައި ތިބި ބަޔަކަށް އިއްޔެ ދިން ނިރުބަވެރި ޙަމަލާ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ. މިފަދަ ލާއިންސާނީ ޢަމަލުތައް ކުށެއް ނެތް އެތައް ބަޔަކަށް ދިނުމަކީ އެއްވެސް މުޖުތަމަޢެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވެއެވެ.

މި ބަޔާނުގައި ޙަމަލާގައި ނިޔާވި މީހުންގެ ޢާއިލާތަކަށް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. އަދި ޙަމަލާގައި ޒަޚަމުވި މީހުންނަށް އަވަސް ޝިފާއަކަށް އެދޭކަމަށް ބަޔާނުގައިވެއެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވީ މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ އޮސްޓްރޭލިޔާއާއެކު ކަމަށެވެ. އަދި ހުރިހާ ބާވަތެއްގެ ނިރުބަވެރި ހަރަކާތްތަކާ ދެކޮޅަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަން ބަޔާނުގައި ފާހަގަކުރިއެވެ.

އޮސްޓްރޭލިޔާގެ ބޮންޑީ ބީޗުގައި ތިބި ބަޔަކަށް ދެ މީހަކުވެގެން ބަޑީގެ ޙަމަލާތަކެއްދީފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ޙަމަލާގައި 15 މީހުން މަރުވިއިރު، 38 މީހަކު ޒަޚަމުވެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ޙަމަލާ ދިނީ 50 އަހަރުގެ ބައްޕައަކާއި 24 އަހަރުގެ ދަރިފުޅަކާ ދެ މީހުންނެވެ. މި ޙަމަލާ ހުއްޓުވުމުގެ ތެރޭގައި އޮސްޓްރޭލިޔާގެ ފުލުހުން ވަނީ 50 އަހަރުގެ މީހާ މަރާލާފައެވެ.