ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަބުރުވެރިކަމާއި ފުރުޞަތުތައް ހޯދައިދިނުމުގައި މި ސަރުކާރު ދެމިއޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މީސްމީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރާއިރު، އެފަދަ ފަރާތްތަކުގެ އަބުރު ރައްކާތެރިކުރެވިފައިވާ، ހަމަހަމަ ފުރުޞަތުތައް ފަހިވެފައިވާ، އެމީހުންވެސް ޝާމިލުވާ މުޖުތަމަޢެއް ޤާއިމުކުރަން މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކޮށް، އެމީހުންނަށް ފުރުޞަތުތައް ހޯދައިދީ، އިޤުތިޞާދީ ހަރަކާތްތަކުގައި އެމީހުން ބައިވެރިކުރުމަކީ މިސަރުކާރުގެ އަމާޒެއް ކަމަށާއި އެމަސައްކަތުގައި ސަރުކާރު ދެމިއޮންނާނެ ކަމަށެވެ. އެގޮތުން މިހާތަނަށް ކުރެވުނު ބައެއް މަަސައްކަތްތައް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ 300 މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ އިސްތިރާޖީ ރޭވުންތަކެއް އެކުލަވާލައި، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުން ތަމްރީންކުރުމުގެ ޚާއްސަ މަޝްރޫޢެއް އިފްތިތާޙުކޮށްފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރާއިރު، އެ ފަރާތްތަކަށް ބޭނުންވާ ފުރުޞަތުތައް ފަހިވެފައިވާ އެ ފަރާތްތައް ބަލައިގަންނަ ޝާމިލުވާ މުޖުތަމަޢެއް ޤާއިމުކުރުމުގެ ޢަޒުމު މިއަދު އައުކުރަންޖެހޭ ކަމަށެވެ.
As we mark the International Day of Persons with Disabilities, let us work together to create a society that values dignity, equality, and inclusion of all.
— Dr Mohamed Muizzu (@MMuizzu) December 3, 2025
My administration is dedicated to empowering persons with disabilities by ensuring equal opportunities and meaningful… pic.twitter.com/bTOae2H3nS
ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 3ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމާއި އެމީހުން ބާރުވެރިކުރުމުގައި ކޮންމެ ފަރުދެއްގެވެސް ޒިންމާއާއި ހިއްސާ އޮންނާނެކަން ހަނދާންކުރުމެވެ.