ޚަބަރު

ސުލޫކީ މައްސަލަތަކުގައި އަމަލުކުރަނީ ހުށަހެޅޭ ޝަކުވާއާއި ހެކީގެ މައްޗަށް: ޖޭއެސްސީ


  • މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވޭ

  • ތަޙްޤީޤު ކުރަން ނިންމާފައިވަނީ 57 ޝަކުވާއެއް

  • ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ 6 ފަނޑިޔާރަކަށް

ފަނޑިޔާރުންނާގުޅޭ ގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި އަމަލުކުރަނީ ހުށަހެޅޭ ޝަކުވާއާއި ހެކީގެ މައްޗަށްކަމަށާއި، ވަކިކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކިގޮތަކަށް ޢަމަލުކުރުމަށް ނޫންކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ޖޭއެސްސީން މިފަދައިން ވިދާޅުވީ، ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި ބައެއް ފަރާތްތަކުން މަޢުލޫމާތު ފަތުރަމުންދިއުމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

މިކަމާ ގުޅިގެން ޖޭއެސްސީން ނެރުނު ބަޔާނުގައި ދިވެހިރާއްޖޭގެ ފަނޑިޔާރުގެއަކީ ރައްޔިތުން އިތުބާރުކުރާ، ޢަދުލުއިންޞާފު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭ ތަނަކަށް ހެދުމަކީ އެ ކޮމިޝަންގެ ޒިންމާއާއި މަސްއޫލިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގާ، އަވަސްކަމާއެކު އިންސާފު ފޯރުކޮށްދޭ ފަރާތްތަކަކަށް ޝަރުޢީ ކޯޓުތަކުގައި މަސައްކަތްކުރައްވާ އެންމެހައި ފަނޑިޔާރުން ވާންޖެހޭކަންވެސް ފާހަގަކުރެއްވިއެވެ.

މި މަޤްޞަދު ޙާޞިލްކުރުމަށް ފަނޑިޔާރުންނާމެދު ހުށަހެޅޭ ޝަކުވާތައް ބަލައި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބަލައި، ތަމްރީން ދީ، ވަކީން ޚާއްޞަ ގޮތެއްގައި ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅައި، ފަނޑިޔާރުންގެ މަސައްކަތާއި ގުޅޭ އިދާރީ އިންތިޒާމްތަކާއި ކަންކަން ހަމަޖެހިފައިވޭތޯ ޖޭއެސްސީން ދުވަހުން ދުވަހަށް ކަށަވަރުކުރަމުންދާކަމަށް މި ބަޔާނުގައިވެއެވެ.

ޖޭއެސްސީން ވިދާޅުވީ، އެ ކޮމިޝަނަށް ހުށަހެޅޭ ސުލޫކީ މައްސަލަތައް ބެލުމުގައި ކޮމިޝަނުން ސަމާލުކަންދެނީ ވަކިކޯޓެއްގެ ފަނޑިޔާރަކަށްވީތީ، ވަކިގޮތަކަށް ޢަމަލުކުރުމަށް ނޫންކަމަށެވެ. އަދި އެއީ ކޮންމެ ކޯޓެއްގެ ފަނޑިޔާރަކަށް ވީނަމަވެސް ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ އަލީގައި މަޢުލޫމާތު ސާފުކޮށް، ބަލަންޖެހޭ އެންމެހައި ކަންކަން އެންމެ ފުރިހަމައަށް ބެލުމަށްފަހުގައި ނޫނީ އެއްވެސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަކަށް ކޮމިޝަނުން ނިންމާފައެއް ނުވާނެކަމަށެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކުގެ ގޮތުގައި މިއަހަރުގެ މިހާތަނަށް 176 ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ތަޙްޤީޤު ކުރަން ނިންމާފައިވަނީ 57 ޝަކުވާކަމަށް ޖޭއެސްސީން ވިދާޅުވެއެވެ. އަދި ސުލޫކީ މައްސަލަ ބެލުމަށްފަހު، ސާބިތުވެ، ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ 6 ފަނޑިޔާރުންނަށްކަމަށާއި، އެއީ ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 3.4 އިންސައްތަކަން ޖޭއެސްސީން ވަނީ ފާހަގަކުރައްވާފައެވެ. މިއީ ކޮމިޝަނަށް ހުށަހެޅޭ ޝަކުވާގެ ނިސްބަތުން ބަލާނަމަ މަދު އަދަދެއްކަންވެސް ފާހަގަކުރައްވާފައިވެއެވެ.

މިފަދަ މައްސަލަތައް ބެލުމުގައި ޖޭއެސްސީން ސަމާލުކަން ދެނީ ހުށަހެޅިފައިވާ ޝަކުވާއާއި އެ ޝަކުވާއަކާ ގުޅިގެން ހުށަހަޅާ ހެކީގެ މައްޗަށްކަމަށާއި، ވަކި ފަނޑިޔާރަކަށް، ވަކި ކޯޓަކަށް ނިސްބަތްވުމުން ތަޙްޤީޤުކުރުމަކަށް ނޫންކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. އެހެންކަމުން ވަކި ކޯޓެއްގެ ފަނޑިޔާރުންގެ މައްސަލަތައް ކޮމިޝަނުން ވަކިން ޚާއްސަ ސަމާލުކަމެއް ދީގެން ތަޙްޤީޤުކުރާކަމަށް ދޭހަވާ ގޮތަށް އާންމުގެ މެދުގައި މަޢުލޫމާތު ފެތުރުމަކީ އެންމެ ޒިންމާދާރު ގޮތްކަމަށް ނުދެކޭކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.