ހަނގުރާމައިގެ ސަބަބުންނާއި ވަސީލަތްތަކާއި ބޭސް ނެތުމުގެ ސަބަބުން ޣައްޒާގެ ޞިއްޙީ ނިޒާމު ފުނޑުފުނޑުވެެ، ހަސްފަތާލުތަކުން ރައްޔިތުންނަށް ފަރުވާ ނުދެވޭ ހިސާބަށް ޙާލަތު ގޯސްވެއްޖެއެވެ.
ޣައްޒާގައި ކިޑްނީގެ މައްސަލަތައް ކުރިމަތިވެ ޑަޔަލަސިސްގެ ފަރުވާ ހޯދުމަށް މަޖުބޫރުވެފައިވާ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅެއެވެ. އެ މީހުންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށް މިހާރު ވަނީ ވަރަށް ބޮޑަށް ވަނީ ދަތިވެފައެވެ. ފަރުވާ ދިނުމަށް ބޭނުންކުރާ ވަސީލަތްތަކަށް ގެއްލުން ލިބިފައިވުމާއި ކޮންމެހެން ބޭނުންވާ ސާމާނު ނުލިބުމަކީ އޭގެ މައިގަނޑު އެއް ސަބަބެވެ. ޣައްޒާއަށް މުދާ އެތެރެކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން މައްސަލަ ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ އެ ސަހަރުގައި ހުރި ޑަޔަލަސިސް މެޝިންތަކުގެ ތެރެެއިން ދެބައިކުޅަ އެއްބައި މެޝިން މިހާރު ބޭނުން ނުކުރެވޭ ކަމަށެވެ. އެއީ އެ މެޝިންތައް ހިންގުމަށް ކޮންމެހެން ބޭނުންވާ ސޯޑިއަމް ބައިކާބޮނޭޓް ނުލިބޭތީ ކަމަށް އެ ވުޒާރާއިން ބުނެއެވެ. ޑަޔަލަސިސްގެ ޚިދުމަތް ދެވޭ ހަސްފަތާލުގެ ޢަދަދު ވަނީ ހަތް ހަސްފަތާލުން ހަތަރު ހަސްފަތާލަށް މަދުވެފައެވެ.
ޑޮކްޓަރުން ވަނީ ހަސްފަތާލުތަކަށް ބަލި މީހުންނަށް ފަރުވާ ދިނުމުގެ ޤާބިލިއްޔަތުކަން ގެއްލުމުގެ ސަބަބުން ކިޑްނީ ފޭލުވެފައިވާ އެތައް ސަތޭކަ މީހުންނެއްގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ކަމުގެ އިންޒާރު ދީފައެވެ. ޑަޔަލަސިސްގެ ފަރުވާ ކޮންމެހެން ދޭން ޖެހޭ މީހުންނަށް އެ ފަރުވާ ދޭން ޖެހޭ އަވަސް މިނުގައި އެ ޚިދުމަތް ނުދެވޭތީ އެ ކަމުގެ ނޭދެވޭ އަސަރު އެ މީހުންގެ ޞިއްޙަތަށް ކޮށް، އިތުރު ޞިއްޙީ މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ޑޮކްޓަރުން ބުނެއެވެ.
ޞިއްޙީ ނިޒާމަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުން ހަނގުރާމައިގައި ޒަޚަމްތައް ލިބި، ރީހެބިލިޓޭޝަންއާއި ފިޒިއޮތެރަޕީ ފަދަ ޚިދުމަތްތަކަށް ބޭނުންޖެހިފައިވާ އެތައް ހާސް ބަޔަކަށް އެ ޚިދުމަތް ވެސް ފޯރުކޮށް ނުދެވެއެވެ. ހަމަލާތަކުގެ ސަބަބުން އަތްފައި ގެއްލިފައިވާ މީހުންނާއި ނުކުޅެދޭ މީހުންނަށް ވެފައިވާ މީހުންނަށް ބޭނުންވާ މަސްނޫއީ ގުނަވަންތަކާއި ފުރޮޅުލީ ގޮނޑި ނުލިބިފައިވާ މީހުންގެ ޢަދަދު ވަރަށް ގިނައެވެ.
ހަނގުރާމައިގެ ސަބަބުން ކުރިމަތިވެފައިވާ އުނދަގޫތަކާއި ތަޙައްމަލް ކުރަން ޖެހިފައިވާ ވޭންތަކުގެ އިތުރުން ގެދޮރު ނެތި އުޅެންޖެހުމުގެ ސަބަބުން ޣައްޒާގައި ނަފްސާނީ މައްސަލަތަކާ ކުރިމަތިލަމުންދާ މީހުންގެ ޢަދަދު ވެސް އިންތިހާއަށް ގިނައެވެ. ހާސްވުމާއި ޑިޕްރެޝަންއާއި ސްޓްރެސް ފަދަ މައްސަަލަތައް ޣައްޒާގައި އާއްމުވެފައިވާއިރު، އެ ފަދަ މައްސަލަތައް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ކުރިމަތިވެފައިވެއެވެ.