ޚަބަރު

ނިމުނު ހަފްތާ: ޢުމްރާނީ މަޝްރޫޢުތައް ނިމި، ޤާނޫނީ މުހިންމު ނިންމުންތަކެއް


  • ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި އެތަން ހުޅުވާފައިވޭ

  • ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރަން ގެނައި އިސްލާހުތައް ތަޞްދީޤުކުރެއްވި

  • ޓްރޭޑްމާކް ބިލު ރައީސް ވަނީ ތަޞްދީޤުކުރެއްވި

  • ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނަށް ގެނައި އިސްލާޙުތައްވެސް ތަސްދީޤުކުރެއްވި

ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. (9 ނޮވެންބަރު) އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ބާރު ދުވެލީގައި މަސައްކަތް ކުރިއަށްގެންގޮސް، ހަނިމާދޫ އެއަރޕޯޓު ނިންމަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމެވެ. ހަނިމާދޫ އެއަރޕޯޓް ހުޅުވައި އެތަނުގެ ޚިދުމަތް މިހާރު ދޭން ފަށާފާވާއިރު، މިކަން ވާނީ އުތުރުގެ އަތޮޅުތަކަށް ފަތުރުވެރިކަން ގެނައުމުގައި މުހިންމު ދައުރެއް އަދާކުރާނެ ތަނަކަށެވެ.

(10 ނޮވެންބަރު) ހަމައެއާއެކު މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން ސިޔާސަތުގެ ދަށުން އިމިގްރޭޝަންގެ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކުރީވެސް ނިމުނު ހަފުތާގައެވެ. މިކަން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ހަމަ އެ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސްވެސް ރައީސް ވަނީ ހުޅުވައިދެއްވާފައެވެ. މިއީ ކަރެކްޝަނަލް ސަރވިސްގެ ފުރަތަމަ ހެޑްކުއަރޓާއެވެ. މީގެ ކުރިން އެ އިދާރާ ހިންގަމުން އައީ އެކި ތަންތަން ކުއްޔަށް ނަގައިގެންނެވެ.

(11 ނޮވެންބަރު) ނިމުނު ހަފުތާއަކީ ރާއްޖޭގެ ޖުމްހޫރީ ދުވަސްވެސް ފާހަގަކުރި ހަފުތާއެވެ. މިގޮތުން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައި ޤަރުނަށްވުރެ ދިގު މުއްދަތުގެ ޚިދުމަތާއެކު ދިވެހި ދައުލަތުގެ އިއްޒަތް މުޙައްމަދު ޞާލިޙަށް އަރުވާފާވާއިރު، ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގެ އެންމެ މަތިވެރި ޝަރަފު އައްޑޫ މީދޫ މޫސާ އަންވަރަށް ވަނީ އަރުވާފައެވެ. އަދި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް އަރުވާފައިވާއިރު، މަތީ ދަރަޖައިގެ އިނާމު 33 ބޭފުޅަކަށް ދިފައިވެއެވެ. އަދި މި ޖަލްސާގައި ރައީސް ވަނީ ރަސްމާލެއިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް ހުޅުވާލާނެކަން އިޢުލާންކުރައްވާފައެވެ.

ނިމުނު ހަފުތާއަކީ މުހިންމު ބިލުތަކެއްވެސް ތަޞްދީޤުކުރި ހަފުތާއެކެވެ. (11 ނޮވެންބަރު) އެގޮތުން ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހާއި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ފަހި މާހައުލެއް ޤާއިމްކުރާ ޓްރޭޑްމާކް ބިލު ރައީސް ވަނީ ތަޞްދީޤުކުރައްވާފައެވެ. (10 ނޮވެންބަރު) ސްޕެޝަލް އިކޮނޮމިކް ޒޯންގެ ޤާނޫނަށް ގެނައި އިސްލާޙުތައް ވެސް ރައީސް ވަނީ ތަސްދީޤުކުރައްވާފައެވެ. (9 ނޮވެންބަރު) އަދި ޔުނިވަރސިޓީއެއްގެ ދަރަޖަ ދެވޭ މުއްދަތު ކުރުކުރަން ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނަށް ގެނައި އިސްލާހުތައްވެސް ތަސްދީގުކުރައްވާފައިވެއެވެ.

(12 ނޮވެންބަރު) ނިމުނު ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކ.ގުޅިއަށް ވެސް ވަޑައިގެންފައެވެ. އެ ރަށަށް އެމަނިކުފާނު ވަޑައިގަތް ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ނިމުން ވަނީ ފާހަގަކުރައްވާފައެވެ.

ސިޔާސީ ދާއިރާ:

(9 ނޮވެންބަރު) ނިމުނު ހަފުތާގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ސިޔާސީ 5 ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. ދައުލަތަށް އެ އަހަރަކަށް ލަފާކުރާ އާމްދަނީން 0.1 އިންސައްތަ ސިޔާސީ ޕާޓީތަކަށް ދޭންޖެހެއެވެ.

އިޤުތިޞާދާއި ވިޔަފާރި:

(10 ނޮވެންބަރު) އިޤުތިޞާދާއި ވިޔަފާރިގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ބޭންކު އޮފް މޯލްޑިވްސް، ބީއެމްއެލް ކާޑު މެޝިންތަކުން ވިޔަފާރިވެރިންގެ އަތުން ނަގާ ފީ ކުޑަކުރަން ނިންމި ޚަބަރު ފާހަގަކޮށްލެވެއެވެ. އެގޮތުން ރާއްޖޭގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް އިން އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފުކޮށް، ބީއެމްއެލް ކާޑު މެޝިންތަކުގައި ބޭނުންކުރާ ހުރިހާ ބީއެމްއެލް ޑެބިޓް ކާޑުތަކުން ނަގާ މާޗަންޓް ޑިސްކައުންޓް ރޭޓް، އެމްޑީއާރު %1 އަށް ވަނީ ކުޑަކޮށްފައެވެ.

އެހެނިހެން ދާއިރާތައް:

(9 ނޮވެންބަރު) އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، އަންނަ އަހަރުގެ ޙައްޖުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސަޢުދީ ޢަރަބިއްޔާއާާއެކު ސޮއިކުރި ޚަބަރު ފާހަގަކޮށްލެވެއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމުގެ އިތުރަށް މިއަހަރު ތަޢާރަފްކުރި މައްކާ ރޫޓް އިނިޝިއޭޓިވް ދާއިމީ ކުރުމުގެ މަޝްވަރާތައްކޮށް އެކަންވެސް ވަނީ ހަމަޖެހިފައެވެ.

(10 ނޮވެންބަރު) ނިމުނު ހަފުތާގައި ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، ގްލޯބަލް ޕާޓްނަރޝިޕް ފޯ އެޑިއުކޭޝަން ބޯޑުގެ އެގްޒެކެޓިވް ކޮމިޓީއަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު އައްޔަންކޮށްފައިވެއެވެ.

(13 ނޮވެންބަރު) މީގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް 3000 ހައުސިން ޔުނިޓު އަޅަން އެ ބޭންކަށް ބިން ހަވާލުކޮށްފައިވާއިރު، މަސްތުވާކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް އަލިމަގު އޮޕަރޭޝަން ފެށީވެސް ނިމުނު ހަފުތާގައެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާގައިވެސް އިޤުތިޞާދާއި ވިޔަފާރިއާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގިނަ ޚަބަރުތަކެއް ފާހަގަކޮށްލެވެއެވެ.