ޚަބަރު

ސަޢުދީ ސަފީރު ރާއްޖޭގެ ބައެއް މީޑިއާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައިފި


  • ދެ ޤައުމުގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވެވި

  • ޙައްޖާއި ޢުމްރާގެ އަޅުކަމުގެ އިންތިޒާމްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެއްވި

ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ އަލްޤަހްތާނީ ރާއްޖޭގެ ބައެއް މީޑިއާތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގައެވެ. މި ބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރަބިއްޔާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުމާއި، ޙައްޖާއި ޢުމްރާއާ ގުޅުވައިގެން ސަޢޫދީ ޢަރަބިއްޔާއިން އެކުލަވާލާފައިވާ ތަޞައްވުރު 2030 އިން ހޯދާފައިވާ ކާމިޔާބީތައް މީޑިއާތަކުގެ މަންދޫބުންނާ ވަނީ ހިއްސާކުރައްވާފައެވެ.

ހަމައެހެންމެ މަސްޖިދުލް ޙަރާމާއި މަސްޖިދުލް ނަބަވީ ބެލެހެއްޓުމާއި، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުމަށް ސަޢުދީ ޢަރަބިއްޔާއަށް ދާ ފަރާތްތަކަށް ބޭނުންވާ ތަފާތު އިންތިޒާމްތައް ހަމަޖެއްސުމަށާއި، ޚިދުމަތްތައް ފަސޭހަކުރުމަށްޓަކާ ކުރަމުންދާ މަސައްކަތުގެ މަޢުލޫމާތު ސަފީރު ވަނީ ހިއްސާކުރައްވާފައެވެ. އަދި އިރުމަތީ ގުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމަށް ކަނޑައަޅައި، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ސަޢުދީ އިސްވެ އޮވެ ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތުވެސް ސަފީރު ވަނީ މި ބައްދަލުވުމުގައި ބައިވެރިވި މީޑިއާތަކާ ހިއްސާކުރައްވާފައެވެ.


މި ބައްދަލުކުރެއްވުމުގައި، ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރ ފައިޞަލް އަލް-ސެލީއާއި، ސަޢުދީ އެމްބަސީގެ މީޑިއާ ސެކްޝަންގެ އިސްވެރިޔާ ވަލީދު އަލް-ދޮސާރީ ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ރަސްމީކޮށް ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ. މިއަހަރު މިގުޅުމަށް 44 އަހަރު ވަނީ ފުރިފައެވެ. ސަޢުދީ ސަރުކާރުން އަންނަނީ ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީގެ ދާއިރާއިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.