ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެން ޓޭބަލް ޓެނިސް ޓީމް އިވެންޓުގެ ފުރަތަމަ މެޗުގައި ތުރުކިޔޭއިން ދިވެހިރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ.
ތުރުކިޔޭ އާއި ވާދަކުރި ދިވެހި ޓީމުގައި ހިމެނުނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި އައިޝަތު އަލްސާ ނާފިޒް.
ޓީމު އިވެންޓުގައި ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ދިމާއާއި ރަފާގެ ޕެއާއިންވަނީ ހިއްވަތު ދޫކޮށްނުލާ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިމެޗްގެ ގޭމްތަށް ތުރުކީން ކާމިޔާބުކޮށްފައިވަނީ 11-7، 11-5 އަދި 2-11 އިންނެވެ.
ޓީމު އިވެންޓުގައި ދެވަނައަށް ކުޅުނު ސިންގަލްސް މެޗުގައި އައިޝަތު އަލްސާ ނާފިޒް ވާދަކުރީ ތުރުކިޔޭގެ ސިބެލްއާއެވެ. މިމެޗު ސިބެލް ކާމިޔާބުކުރީ 3 - 0 އިންނެވެ.
ތިން ވަނަ މެޗުގައި ފާތިމަތު ދީމާ އަލީ ބައްދަލުކުރީ ތުރުކިޔޭގެ އެޗޭ ހަރަޝްއާއެވެ. މިމެޗް ހަރަޝް ކާމިޔާބުކުރީ 3 – 0 އިންނެވެ.
މިމުބާރާތުގައި މާދަމާ އަންހެން ޓީމް ނިކުންނާނީ މުބާރާތް ބައްވާ ގައުމްކަމަށްވާ ސައުދި އަރަބިއްޔާއާއި ދެކޮޅަށް އަދި ފިރިހެން ޓީމް ނިކުންނާނީ ގަތަރާއި ދެކޮޅަށެވެ.