ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު ރެކޯޑުކުރަމުންނެވެ. އެ އިދާރާއިން ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށް އެއީ 62.1 މިލިމީޓަރުގެ ވާރޭއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އިފުރަށެވެ. އެއީ 42.5 މިލިމީޓަރުގެ ވާރޭއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވި ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި، ރާއްޖޭގެ ދެކުނުގައި އުފެދިފައިވާ ސާކިއުލޭޝަނަކާ ގުޅިގެން ކުރަމުންދާ ވިއްސާރައެކެވެ. މިގޮތުން މާދަމާވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ.
މޫސުން އަލިވާނެކަމަށް ލަފާކޮށްފައިވަނީ ބުދަ ދުވަހުގެ ފަހުންނެވެ. މިއަދުގެ މޫސުމަށް ބަލާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ. ވައި ހުންނާނެ ކަމަށް ލަފާކުރެވެނީ ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މެލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 13 މޭލާއި 20 މެލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތަށް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވިދާޅުވެއެވެ. ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 4 - 6 ފޫޓާއި ދެމެދުގައެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގައި 2- 5 ފޫޓާ ހަމައަށް ހުންްނާނެ ކަމަށް ލަފާކޮށްފައިވެއެވެ.
ކަނޑުތަށް ވެސް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ. ވަކިން ހާއްސަކޮށް، ކަނޑު ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު ހޯދުމަށާއި، ސަލާމަތީ ފިޔަވަޅުތައް ފުރިހަމަކުރުމަށް ވަނީ އަންގާފައެވެ.