ހުރްމުޒް ކަނޑުއޮޅީގެ މުސްތަޤުބަލާ ގުޅޭގޮތުން އީރާނާއި ގަލްފުގެ ޤައުމުތަކުގެ މެދުގައި ބާއްވަން ހަމަޖެހިފައި އޮތް މަތީ ފަންތީގެ ސަރަޙައްދީ ބައްދަލުވުން ފަސްކޮށްފައިވާކަން ޢުމާނުން އިޢުލާނުކޮށްފިއެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިއަށް މުހިންމު މި މަގުން ދަތުރުފަތުރުކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ޞަލާލާގައި ސެޕްޓެމްބަރު 14 ގައި ބާއްވަން ތާވަލުކުރި މި މަޝްވަރާތައް ފަސްކުރީ ބިނާކުރަނިވި ވާހަކަތަކަކަށް ފުރުޞަތު ދިނުމަށް ކަމުގައި ޢުމާނުން ބުންޏެވެ. މިއީ، ސަރަޙައްދުގެ ބައެއް ޤައުމުތަކުގެ އެދުމުގެ މަތިން އީރާނާއި ޢުމާނުން ގުޅިގެން ނިންމި ނިންމުމެއް ކަމުގައި އީރާނުގެ ފާރްސް ނޫސް އޭޖެންސީން ބުންޏެވެ.
ސަރަޙައްދުގެ ހަމަޖެހުމަށާއި ދެމިގެންދާ އެއްބާރުލުމަށް މަގުފަހިކުރާ މަޝްވަރާތައް ކުރިއެރުވުމުގެ ޢަޒުމުގައި ޢުމާނުން ދެމިއޮންނާނެ ކަމަށް، އެ ޤައުމުގެ ޚާރިޖީ ވަޒީރު ބަދްރު އަލްބޫސަޢީދީ ވިދާޅުވިއެވެ. މި މަޝްވަރާތަކުގައި ޢިރާޤާއި ގަލްފުގެ ޤައުމުތަކުން ބައިވެރިވާނެ ކަމުގައި އީރާނުން ކުރިން ބުނި ނަމަވެސް، ސަރަޙައްދުގެ އެއްވެސް ސަރުކާރަކުން އެ ކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަދި، ބަޙްރައިނުން ވަނީ މި މަޝްވަރާތަކުގައި ބައިވެރިނުވާނެކަން ހާމަކޮށްފައެވެ.
އެމެރިކާއާއި ޔަހޫދީން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ ހަމަނުޖެހުންތައް ފުޅާވެގެން ދިޔުމާ ގުޅިގެން، ފެބުރުވަރީ 28 އިން ފެށިގެން އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ޙިޞާރުކޮށްފައެވެ. އަދި، އެމެރިކާއިން ވެސް ވަނީ އެ ސަރަޙައްދުގައި ޙިޞާރުކުރުމުގެ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ކަނޑުގެ މަގާ ގުޅޭގޮތުން ޙައްލުނުވެ ހުރި މާއްދާތަކުގެ ސަބަބުން، އީރާނާއި އެމެރިކާއާ ދެމެދު ޖޫން މަހު އެކުލަވާލި ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން ވެސް ވަނީ ނާކާމިޔާބުވެފައެވެ.
މި ހަނގުރާމައަށް ހަ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ކަނޑުއޮޅީގެ ދަތުރުފަތުރަށް އެޅުނު ހުރަސްތަކާއެކު ބައިނަލްއަޤްވާމީ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 100 އެމެރިކާ ޑޮލަރަށްވުރެ މައްޗަށް އުފުލިފައެވެ. ހަނގުރާމައިގެ ކުރިން ވިޔަފާރި އުޅަނދުފަހަރަށް މިނިވަންކަމާއެކު ދަތުރުކުރެވުނު ނަމަވެސް، މިހާރު އީރާނުން ވަނީ ހުއްދަ ނެގުން މަޖުބޫރުކޮށް، ޚިދުމަތުގެ ފީއެއް ނަގަން ހުށަހަޅާފައެވެ. މި އުސޫލުތަކަށް ނުފެތޭ އުޅަނދުތަކަށް ޤަވާޢިދުން ހަމަލާތައް އަމާޒުވަމުންދާއިރު، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) ބާރު ކަނޑުވައިލުމަށް އެމެރިކާގެ އަސްކަރިއްޔާއިން ދަނީ އީރާނުގެ އައްސޭރިފަށުގެ އަމާޒުތަކަށް ދޭތެރެދޭތެރެއިން ހަމަލާ ދެމުންނެވެ.