ޚަބަރު

އުފެއްދުންތެރިކަމުގެ މައުރަޒަށް 800އަށްވުރެ ގިނަ އެޕްލިކޭޝަން


  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4 ގުނަ އިތުރު އަދަދެއް

  • އެކި ގިންތިތަކުން އުފެއްދުންތައް ދަނީ ހުށަހަޅަމުން

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބައިގެ މުއްދަތު ހަމަވިއިރު 800 އަށްވުރެ ގިނަ ފޯމް ހުށަހަޅައިފިއެވެ. މި ބައިގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތު ހަމަވެފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީސީސީގެ އެސިސްޓެންޓް ޑިރެކްޓަރ، ސްޓްރެޓިޖީކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީޝާ މޫސާ ވިދާޅުވީ މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރުގެ އެކްސްޕޯއަށް ބޮޑު ތަރުހީބެއް ލިބެމުންދާކަމަށެވެ. އެގޮތުން މުއްދަތު ހަމަވިއިރު 800 އަށްވުރެ ގިނަ އެޕްލިިކޭޝަން ލިބިފައިވާކަމަށް އަރީޝާ ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 4 ގުނަ އިތުރު އަދަދެއްކަމަށް ވިދާޅުވިއެވެ. އަރީޝާ ވިދާޅުވީ މައުރަޒުގައި ބައިވެރިވުމަށް ހުޅުވާލި 8 ދާއިރާއިންވެސް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އަދި އެންމެ ގިނައިން އެޕްލިކޭޝަން ލިބިފައިވަނީ އަމިއްލަ ފަރުދުންގެ ދާއިރާއިންނެވެ. އޭނާ ވިދާޅުވީ މައުރަޒުގެ އެކި ޑިސްޓްރިކްތަކުގައި ބައިވެރިވުމަށް ހުޅުވާލުމަށް ތައްޔާރުވަމުންދާކަމަށެވެ.

" ތަފާތު އެކި ޑިސްޓްރިކްޓްތަކުގައި ހުޅުވާލުމަށާއި މާކެޓް ޕްލޭސްގެ ޑިސްޓްރިކްތައް އާންމުންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން."ބީސީސީގެ އެސިސްޓެންޓް ޑިރެކްޓަރ، ސްޓްރެޓިޖީކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީޝާ މޫސާ ވިދާޅުވިއެވެ.

ބީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މާކެޓިން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން އަޙްމަދު ވިދާޅުވީ މި މައުރަޒުގައި ހުރިހާ ކަމެއް ހިމެނޭހެން 1000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެކަމަށް ލަފާކުރެވޭކަމަށެވެ. އިމާން ވިދާޅުވީ މިދިޔަ އަހަރު 5 ޑިސްޓްރިކްޓެއް ހުރިނަމަވެސް މިފަހަރު 7 ޑިސްޓްރިކްޓް ހިމެނޭނެކަމަށެވެ.

" މިދިޔަ އަހަރުގެ ތަޖުރިބާއާ އެކު މިފަހަރު ބައިނަލްއަޤްވާމީ ފަރާތްތަކަށް ޚާއްސަ ޑިސްޓްރިކްޓާއެކު ދިވެހި ވިޔަފާރިވެރިންނާ ގުޅުން ބަދަހިކުރެވޭނެ ނިޒާމެއް ޤާއިމް ކުރަނީ. މިފަހަރު ވަރަށް ބޮޑަށް ވެގެންދާނެ ބައިނަލްއަޤްވާމީ ބާޒާރަށް ދިވެހި އުފެއްދުންތައް ނެރެވޭނެ ގޮތްތަކަކީ ކޮބާތޯ ބެލުމަށާއި އަޅުގަނޑުމެންނަށް ކޮށްދެވޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ ދެނެގަތުން." ބީސީސީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މާކެޓިން އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސް މުޙައްމަދު އީމާން އަޙްމަދު ވިދާޅުވިއެވެ.

މި މައުރަޒުގައި ހުޅުވާލާފައިވަނީ 73 ގިންތިއަކުން އުފެއްދުންތައް ހުށަހެޅޭނެ ގޮތަށެވެ. އަދި މިވަގުތުވެސް އެ ހުރިހާ ދާއިރާއިން އުފެއްދުންތައް ހުށަހަޅަމުން އަންނަކަމަށް ބީސީސީން ވިދާޅުވިއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ.

މިއަހަރުގެ މައުރަޒު އޮކްޓޫބަރު މަހުގެ ފަހު ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމާ ގުޅޭ މުހިންމު މަރުޙަލާތައް ފުރިހަމަކޮށް ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިއަހަރު މައުރަޒަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކުރިމަތިލެވޭ އުމުރުފުރާއެވެ. މިއަހަރު 13 އަހަރުން މަތީގެ ކޮންމެ މީހަކަށް މައުރަޒުގައި ބައިވެރިވެވޭ ގޮތަށްވަނީ ބަދަލުގެނެސްފައެވެ.

އުފެއްދުންތައް ދައްކާލުމުގެ އިތުރުން، ވިޔަފާރިތައް މާކެޓު ކުރުމާއި، ތަކެތި ވިއްކުމަށް އެކި ޑިސްޓްރިކްޓުތައް މައުރަޒުގައި ހިމެނެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ.

މިމަޢުރަޒުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސަޤާފީ ވާދައިގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. މި މުބާރާތަކީ ދިވެހި ސަޤާފަތުގެ މުއްސަނދިކަން ދިރުވައި އާލާކުރުމަށާއި، ސަޤާފީ ހުށަހެޅުންތަކުގެ ފަންނުވެރިކަން ދައްކާލުމުގެ ފުރުޞަތު ފަހިކޮށް، މި ދާއިރާއިން ވާދަވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި އަހަރުގެ ސަޤާފީ ވާދައިގައި ތެރޭގައި ހިމެނެނީ ބަނޑިޔާ ޖެހުން، ލަނގިރި، ތާރަ ޖެހުން، ދަނޑި ޖެހުން، މާފަތި އަދި ފަތިގަނޑު ޖެހުން މިއެވެ.

މި މުބާރާތުން 1 ވަނައަށް 75،000 ރުފިޔާ، 2 ވަނައަށް 50،000 ރުފިޔާ އަދި 3 ވަނައަށް 25،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އެންމެ މަޤްބޫލު ޓީމަކަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
މި ސަޤާފީ ވާދައިގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓަރ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 17 ސެޕްޓެމްބަރ 2026އެވެ. މުބާރާތުގައި ރަޖިސްޓަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބީސީސީގެ ސޯޝަލް މީޑިއާ މަންސަތަކުގައި ހިއްސާކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

މިއަހަރުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޫބަރު މަހުގެ 23އިން 31ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގައި ދިވެހި އުފެއްދުންތެރިންގެ ވިޔަފާރިތައް މާކެޓުކޮށް ކުރިއަރުވާ އާމްދަނީ އިތުރު ކުރުމަށް
ފުރުޞަތު ފަހިކޮށްދިނުމަކީ، ސަރުކާރުން ވިޔަފާރީގެ ދާއިރާއިން ގެންގުޅޭ އެންމެ ބޮޑު އެއް އަމާޒެވެ.