ޚަބަރު

ޚިދުމަތްތަކުގެ އަގުވަޒަންކުރުމަކީ، ރަށަށް ރީތިނަން ހޯދައިދިނުމުގެ ބާރެއް: ނައިބު ރައީސް


  • ނައިބު ރައީސް މިހެން ވިދާޅުވީ ރ. މީދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި "މަހާސަނަދު" އެވޯޑް ޙަފްލާގައި

ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުން، ރަށަށް އޮންނަ ލޯތްބާއި ރަށަށް ރީތިނަން ހޯދައިދިނުމުގެ ޢަޒުމް ރަށުގެ ރައްޔިތުންގެ ހިތުގައި އުފެދޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ ރ. މީދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި "މަހާސަނަދު" އެވޯޑް ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"މަހާސަނަދު" އެވޯޑް ޙަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފް ވިދާޅުވީ، މީދޫއަކީ ތާރީޚީ ގޮތުންނާއި ސަގާފީ ގޮތުންވެސް ފާހަގަކުރެވޭ މުހިންމު ރަށެއް ކަމަށެވެ. އަދި މި ރަށުގެ ރައްޔިތުންނަކީ ދިވެހީންގެ އާދަކާދަތައް ދިރުވައި އާލާކޮށް، ސަގާފީ ކުޅިވަރުތައް އުވިޔަނުދީ ދަމަހައްޓަން، ގުޅިގެން ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ޤައުމުދެކެ ލޯބިވާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަމަށެވެ.

އިޖްތިމާޢީ ގޮތުން ބެލިކަމުގައިވިޔަސް މިީދޫ ފެނިގެންދަނީ ތަރައްޤީއަށް ހުޅުވިފައިވާ ރަށެއްގެ ގޮތުގައިކަމަށާއި މި ހަފުލާއަކީވެސް މިކަމުގެ ނަމޫނާއެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ވަރަށް ގިނަ ބޭފުޅުންތަކެއް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން މި ޙަފްލާއިންވެސް ސާބިތުވެގެންދާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މިފަދަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުން، ރަށަށް އޮންނަ ލޯތްބާއި ރަށަށް ރީތިނަން ހޯދައިދީ، ރަށަށް ޚިދުމަތްކުރުމުގެ ޢަޒުމް ރަށުގެ ރައްޔިތުންގެ ހިތުގައި އުފެދި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ރަށުގެ އެއްބައިވަންތަކަން ބަދަހިވޭ. ހަމައެހެންމެ، އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްޤީގެ ލަނޑުދަނޑިތައް ފަސޭހަކަމާއެކު ޙާޞިލުކުރުމަށް މަގުފަހިވޭ. މި ކަމުގެ ނަތީޖާއަކަށް ވާނީ ރަށް އިތުރަށް ތަރައްޤީވެ މިރަށަކީ، އަމާންކަމާއި އުފާވެރިކަމުގައި ދިރިއުޅޭ ބައެއް އުޅޭ ރަށަކަށްވެގެން ދިއުން." ނައިބު ރައީސް ވިދާޅުވިއެވެ.

މި އެވޯޑް ހަފްލާގައި ވަނީ ރ. މީދޫއަށް އެކިގޮތްގޮތުން ޚިދުމަތްކޮށްދެއްވާފައިވާ އަދި ރަށަށް ރީތިނަން ހޯދައިދީފައިވާ ފަރާތްތަކަށް އެވޯޑް ދީފައެވެ. އަދި އެކި ގޮތްގޮތުން މީދޫގެ ތަރައްޤީއަށް އެހީތެރިވެދީފައިވާ ފަރާތްތަކަށްވެސް ވަނީ އެވޯޑް ދީފައެވެ.

މި އެވޯޑް ޙަފްލާގައި 9 ކެޓަގަރީއަކުން 55 ސަނަދުވެރިއަކަށް ވަނީ އެވޯޑް ދީފައެވެ. އެގޮތުން ނޫރާނީ ފިލާ 10 ފަރާތަކަށް، އަބުރުވެރި ޚާކިމާގެ ފިލާ 11 ފަރާތަކަށް، ނޫރާނީ އެވޯޑް 9 ފަރާތަކަށް، ފަންނުވެރި ފިލާ 13 ފަރާތަކަށް، ތައްހާން އެވޯޑް 4 ފަރާތަކަށް، މަދަދު އެވޯޑް 2 ފަރާތަކަށް، ނަލަނަލަ މީދޫ އެވޯޑް 1 ފަރާތަކަށް، ކަލޭފާނު އެވޯޑް 4 ފަރާތަކަށް އަދި ތަކުރުފާނު އެވޯޑް 1 ފަރާތަކަށް ވަނީ ދީފައެވެ.

މި ޙަފްލާގައި އެންމެ ޝަރަފްވެރި އެވޯޑަކީ ތަކުރުފާނު އެވޯޑެވެ. މި އެވޯޑް ލިބިފައިވަނީ މުހައްމަދު ވަސީމްއަށެވެ. މިއީ ރ. މީދޫގެ އުފަން ރައްޔިތެއް ސަރުކާރު މުވައްސަސާއެއްގެ ވެރިއެއްގެ ހައިސިއްޔަތުން ހިންގުމުގެ ދާއިރާގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާތީ އެ ފަރާތްތުން ގައުމާއި ރަށައް ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުންދޭ އެވޯޑެކެވެ.

މިއީ މި އެވޯޑްދޭ 4 ވަނަ އަހަރެވެ. މި އެވޯޑަކީ ރ. މީދޫ ކައުންސިލުން އިންތިޒާމްކޮށްގެން ދެމުން އަންނަ އެވޯޑެކެވެ.