ޚަބަރު

ޤައުމީ ޖޫނިއަރ ސާފިން ޗެމްޕިއަންޝިޕް މިއަހަރު ނޯންނާނެ


  • މުބާރާތް ނުބާއްވަން ނިންމީ އޯލެވެލް ދުވަސްވަރާ ދިމާވުމާއި ގުޅިގެން ބައިވެރިންގެ އަދަދު މަދުވުމުން

  • މުބާރާތް ދެން ކުރިއަށްދާނީ އަންނަ އަހަރު

  • އަމާޒަކީ ފޯރިގަދަ ޖޫނިއާ މުބާރާތެއް އަންނަ އަހަރު ބޭއްވުން

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް މިއަހަރު ކުރިއަށް ނުގެންދާގޮތަށް ނިންމައިފިއެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން މިކަން ހާމަކޮށް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ މާލޭ ވަރުނުލާ ރާޅުގަނޑުގައި މިމަހުގެ 29އިން 31ގެ ނިޔަލަށް ބޭއްވުމަށް ރާވާފައިވާ ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް މިއަހަރު ކުރިއަށް ނުގެންދާގޮތަށް ނިންމާފައިވާކަމަށެވެ. ސަބަބަކީ މިދުވަސްވަރަކީ ގިނަ އަދަދެއްގެ ކުދިން އޯލެވެލްއަށް ތައްޔާރުވަމުން އަންނަ ދުވަސަވަރަކަށްވުމާއެކު، މުބާރާތުގައި ބައިވެރިވި ކުދިންގެ އަދަދު މަދުވުންކަމަށެވެ. އަދި މުބާރާތުގެ ތާރީޚު ފަސްކުރަން ބަލާއިރު، މުބާރާތް ބާއްވަން އެކަށީގެންވާ ތަނެއްގެ ދަތިކަން ކުރިމަތިވެފައިވާކަމަށެވެ.

އެހެންކަމުން މިކަންކަމަށް ބެލުމަށްފަހު މިއަހަރު މުބާރާތް ނުބޭއްވުމަށް ނިންމީކަމަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަނުގެ ބަޔާނުގައިވެއެވެ. އަދި މިފަދަ މުބާރާތްތައް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ހަމަހަމަކަމާއެކު، ހުރިހާ ކުދިންނަށް ފުރުސަތުތައް ފަހިކޮށްފީ، ރާއްޖޭގެ ޖޫނިއާ ސާފަރުންނަށް އެކުދިންގެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވުންކަމަށާ، އަމާޒަކީ ކުރިއަށް އޮތް އަހަރު މިމުބާރާތް މާފޯރިއާއެކު ކުރިއަށް ގެންދިއުންކަމަށް އެސޯސިއޭޝަނުންވަނީ ބުނެފައެވެ.

ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕް ކުރިއަށްދާނީ ހަތަރު ކެޓަގަރީއެއް ހިމެނޭގޮތަށެވެ. އެއީ 18 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 14 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށުގެ އަންހެން ކެޓަގަރީ ހިމެނޭގޮތަށެވެ.

މިދިޔަ އަހަރު މުޅިން އަލަށް ކުރިއަށް ގެންގޮސް ކާމިޔާބުކަމާއެކު ނިންމާލި ޤައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްގައި 18 އަހަރުން ދަށުގެ ކެޓަގަރީގައި 16 އެތުލީޓުން ވާދަކޮށްފަވާއިރު، 16 އަހަރުން ދަށުގެ ކެޓަގަރީގައި 14 ސާފަރަކުވަނީ ވާދަކޮށްފައެވެ. އަދި 14 އަހަރުން ދަށުގެ ކެޓަގަރީއިން ހަތަރު އެތުލީޓުން ފެނުނުއިރު، 18 އަހަރުން ދަށުގެ އަންހެން ކެޓަގަރީގައި 6 އެތުލީޓަކުވަނީ ވާދަކޮށްފައެވެ.