ޚަބަރު

ޔަހޫދީންގެ އިންތިޚާބު ކާމިޔާބުވާނީ ޢަރަބިންގެ ވޯޓު ލިބޭ ކެނޑިޑޭޓަށް


ކުރިއަށް އޮތް ޔަހޫދީންގެ އިންތިޚާބުގައި ބޮޑުވަޒީރު ނަތަންޔާހޫގެ ވެރިކަން ބަދަލުކުރުމުގެ މައިގަނޑު ބާރަކަށް ވެގެންދާނީ އެ ޤައުމުގެ ޢަރަބި ދަރިފަސްކޮޅުގެ ރައްޔިތުންގެ ވޯޓު ކަމަށް ބެލެވެން ފަށައިފިއެވެ.

މި މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގައި ޙަމާސް ޖަމާޢަތުން ދިން ހަމަލާތަކަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ. އެހެންކަމުން މިއީ ނަތަންޔާހޫގެ ސިޔާސީ މުސްތަޤުބަލު ކަނޑައެޅިގެންދާނެ މުހިންމު އިންތިޚާބެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

ޔަހޫދީ ގައުމުގެ ރައްޔިތުކަން އޮންނަ ފަލަސްޠީނު ދަރިފަސްކޮޅުގެ ޢަރަބި މަދު އަޣުލަބިއްޔަތު (21 އިންސައްތަ) ގެ ވޯޓު ލިބޭ މިންވަރަކުން، ކުރީގެ އަސްކަރީ ވެރިޔާ ގަދީ ޢައިޒަންކޮޓް އިސްވެ ހުންނަވާ އިދިކޮޅު އިއްތިޙާދަށް ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުނައިޓެޑް އަރަބް ލިސްޓް (ރަޢަމް) ޕާޓީގެ ލީޑަރު މަންޞޫރު ޢައްބާސް ވިދާޅުވީ، ހައްދުފަހަނައެޅި ކަނާތުފިޔައިގެ ވެރިކަން ނިންމުމަށާއި، ކުރިއަށްދާ ހަނގުރާމަތަކާއި ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށްޓަކައި ޢަރަބިންގެ ވޯޓު ނުހަނު މުހިންމު ކަމަށެވެ.

ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޢައިޒަންކޮޓްގެ ބްލޮކަށް އެންމެ ގިނަ ގޮނޑި ލިބުނު ކަމުގައި ވިޔަސް، މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމަށް ޢަރަބި ޕާޓީތަކުގެ ތާއީދު ބޭނުންވާނެއެވެ. ނަމަވެސް ޢައިޒަންކޮޓް އަދިވެސް ހުންނެވީ ޢަރަބި ޕާޓީތަކާއެކު ރަސްމީ ކޯލީޝަނެއް ހެދުމާ ދެކޮޅަށެވެ.

ނަތަންޔާހޫގެ ލިކުޑް ޕާޓީން މި ނާޒުކު ދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގައި، އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ޢަރަބިންގެ ނަން ބޭނުންކޮށްގެން ބިރުވެރިކަން އުފެއްދުމަށް ދަނީ ކެމްޕޭން ކުރަމުންނެވެ. އަދި މި ކެމްޕޭނުގައި އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ޞައްޙަނޫން ވީޑިއޯތައް ވެސް ދައުރުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

މި އިންތިޚާބުގައި މަންޞޫރު ޢައްބާސްގެ ޕާޓީއަށް 5 ގޮނޑި އަދި ޖޮއިންޓް ލިސްޓަށް 8 ގޮނޑި ލިބޭނެ ކަމަށް ދިރާސާތަކުން ލަފާކުރެއެވެ. އިންތިޚާބާ ދިމާކޮށް ޔަހޫދީ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވަނީ އުތުރާއި ދެކުނުގައިވާ ޢަރަބި ސަރަޙައްދުތަށް "ޔަހޫދީކުރުމުގެ" ނުރައްކާތެރި މަޝްރޫޢުތަކެއް އިއުލާނުކޮށްފައެވެ.

މިފަދަ ނޭދެވޭ ސިޔާސަތުތަކާއި، ޢަރަބި މުޖުތަމަޢުގައި ކުށްކުރުން އިތުރުވަމުންދާތީ ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާއިރު، މިއަހަރުގެ އިންތިހާބުގައި ވޯޓުލާން ނުކުންނަ ޢަރަބިންގެ ނިސްބަތް ފާއިތުވި އަހަރުތަކަށްވުރެ އިތުރުވާނެ ކަމަށް ތަހުލީލުކުރާ ފަރާތްތަކުން ދެކެއެވެ.