ޚަބަރު

ސެމެންޔޯއަށް ނުކުޅެވޭނެ, ހާލަންޑާ މެދު ޔަގީންކަމެއް ނެތް


  • ސެމެންޔޯ އަށް އެނބުރި އާދެވޭނީ 8 ހަފްތާ ފަހުން

ކުރިއަށް އޮތް ޗެމްޕިއަންސް ލީގު މެޗުގައި ފޯވާޑް ހާލަންޑަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށާއި, ސެމެންޔޯ އަށް ޔަގީނުންވެސް ނުކުޅެވޭނެ ކަމަށް މެންޗެސްޓަރ ސިޓީން ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގައި ސިޓީއަށް ކުރިއަށް އޮތީ އޭއީކޭ އެތެންސްއާ ވާދަކުރާ މެޗެވެ. ހާލަންޑަށް ކުޅެވޭނެކަން ޔަގީން ނުވަނީ އެންމެ ފަހުން ޕްރިމިއަރ ލީގުގައި އިޕްސްވިޗް އަތުން މޮޅުވި މެޗުގައި ލިބުނު އަނިޔާގެ ސަބަބުންނެވެ. ފައިތިލައަށް ލިބުނު އަނިޔާގެ ސަބަބުން ހާލަންޑަށް ކުޅެވޭނެ ކަން ޔަގީން ނޫންކަމަށް ކޯޗު މަރެސްކާ ވަނީ ބުނެފައެވެ. ނަމަވެސް އަންގާރަ ދުވަހުގެރޭގެ މެޗުގައި ހާލަންޑް ފެނުމުގެ ފުރުޞަތު މުޅިން ބަންދެއްވެސް ނުވެއެވެ. ނަމަވެސް ކަންބޮޑުވުމަކީ ހާލަންޑަށް ނުކުޅެވޭ ހާލަތެއްގައި އެމަގާމަށް ކުޅުވަން މިހާރު ސިޓީގައި ހުރި ސެމެންޔޯ ވެސް އަނިޔާގައި ހުރުމެވެ. ސެމެންޔޯ އަށް ކުޅުމުގެ ތެރެއަށް އާދެވޭނީ 8 ހަފްތާ ފަހުން ކަމަށް ކޯޗު މަރެސްކާ ވަނީ ބުނެފައެވެ. ސެމެންޔޯ އަށް މަދުވެގެން 13 މެޗު ގެއްލޭނެއެވެ.

3-2 ން އިޕްސްވިޗް ޓައުން އަތުން މޮޅުވި މެޗުގައި ހާލަންޑް ދެ ގޯލު ޖެހިއެވެ. އެ ދެގޯލާއެކު މިސީޒަންގައި ލީގުގައި އޭނާ ޖެހި ގޯލުގެ އަދަދަކީ 8 އެވެ. ޕެނަލްޓީ ނުލައި ލީގުގައި 100 ގޯލު އެންމެ އަވަހަށް ހަމަކުރި ކުޅުންތެރިއަކީ ވެސް ހާލަންޑެވެ. ޕީއެސްޖީ އަތުން ބަލިވެފައި އޮތުމުން, ޗެމްޕިއަންސް ލީގުގައި ކޮންމެހެން މޮޅެއް ބޭނުންވެފައި އޮތް މެޗަށް ނިކުންނައިރު 26 އަހަރުގެ ހާލަންޑަށް ނުކުޅެވޭނަމަ އެއީ ކޯޗަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. ނަމަވެސް މަރެސްކާ ބުނީ ހާލަންޑް ނެތްތައް ފޫބެއްދުމަކީ އުނދަގޫ ކަމެއް ކަމަށާއި, އެކަމަކު ބައެއް އޮޕްޝަންތައް އެބަހުރި ކަމަށެވެ. ކޯޗު ބުނީ އެކަން ބިނާވާނީ ގޭމްޕްލޭނަށް ކަމަށެވެ.

މަރެސްކޯ ބުނީ މިވަގުތު އަދި ވިސްނަނީ ހާލަންޑަށް ކަމަށާއި, ހާލަންޑަށް ކުޅެވޭނަމަ ނަމްބަރ ނައިން އަކަށް ދެވަނަ ވިސްނުމެއް ގެންގުޅެން ނުޖެހޭ ކަމަށެވެ. އެހެން ގޮތަކަސް ވިސްނާނީ ހާލަންޑަށް ނުކުޅެވޭނެކަން ޔަގީންވާ ހާލަތުގައި ކަމަށް ލީގުގެ އެއްވަނައިގައި އޮތް ޓީމްގެ ކޯޗު ބުންޏެވެ. ސެމެންޔާ ކުޅުމާ ދުރުގައި ހުރީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

ހާލަންޑަށް ނުކުޅެވޭ ހާލަތެއްގައި ކޯޗު މަރެސްކާ އަށް އޮތް އެންމެ ރަނގަޅު އެއް އޮޕްޝަނަކީ ފިލް ފޮޑެން އެވެ. މީގެކުރިންވެސް ފޮޑެން އެމަގާމަށް ކުޅެފައިވާކަން ކޯޗު މަރެސްކާ ފާހަގަކުރިއެވެ. ފޮޑެން ވަނީ ޑިސެމްބަރު މަހުގެ ފަހުން ޕްރިމިއަރ ލީގުގައި ފުރަތަމަ ގޯލުވެސް އެންމެ ފަހުން މެޗުގައި ޖަހާފައެވެ.