ޅ. ކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކުރެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ކުރެންދޫ ބަނދަރުގެ އަމަލީ މަސައްްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. މިއީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
ކުރެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމުމާއެކު އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. ކުރެންދޫ ބަނދަރު ތަރައްޤީކުރުމަށް ހަވާލުކޮށްފައިވާ އެމްޓީސީސީ އަންނަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއޫތަކެއްގެ މަސައްކަތް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރަމުންނެވެ.