ޚަބަރު

43 އަހަރަށްފަހު އަމަންޕޫރު ސީއެންއެން ދޫކޮށްލަނީ


ސީއެންއެންގެ މަޝްހޫރު ރިޕޯޓަރު، ކްރިސްޓިއާން އަމަންޕޫރު ސީއެންއެންއިން ވަކިވުމަށް ނިންމައިފިއެވެ.

އަމަންޕޫރަކީ ބޭރުގެ ޚަބަރުތައް އެ ޤައުމުތަކުން ތާޒާކަން މަތީގައި ގެނެސްދިނުމުގައި ނަން މަޝްހޫރު، އަދި އެ ދާއިރާގައި އަރާ ހުރި ރިޕޯޓަރެކެވެ. އުމުރުން 68 އަހަރުގެ އަމަންޕޫރު ސީއެންއެންއަށް ގުޅުނީ މީގެ 43 އަހަރު ކުރިންނެވެ. އޭނާއަކީ މި ވަގުތު ސީއެންއެންގެ އެންމެ އިސް ބައިނަލްއަޤްވާމީ އެންކަރެވެ. ދިގު މުއްދަތަކަށް ސީއެންއެންއަށް ޚިދުމަތް ކުރުމަށް ފަހު އޭނާ ވަޒީފާއިން ވަކިވުމަށް ނިންމާފައި ވަނީ އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

2009ވަނަ އަހަރުން ފެށިގެން އޭނާ ގެންދިޔައީ ކޮންމެ ރެއަކު ވެސް ދައްކާ ސީއެންއެން އިންޓަނޭޝަނަލްގެ ޚާއްޞަ އިންޓަވިއު ޕްރޮގްރާމެއް ހުށަހަޅަމުންނެވެ. ނަމަވެސް 2025ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އޭނަ ވަނީ ހުށަހަޅައިދޭ ޕްރޮގްރާމުގެ ޢަދަދު ހަފްތާއަކު މަދު ދުވަހެއްގައި ހުށަހަޅާގޮތަށް ބަދަލުކޮށްފައެވެ. ކުރިއަށް އޮތް 2027ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް އޭނާ އެ ޕްރޮގުރާމް ހުށަހަޅާނީ ހަފްތާއަކު އެއް ރެއެވެ. އަދި ޖޫން މަހުގެ ނިޔަލަށް ސީއެންއެންގައި މަސައްކަތްކޮށް، އެ މަސް ނިމުމުން ވަޒީފާ ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.

އަމަންޕޫރު ނރުނު ބަޔާނެއްގައި ބުނީ ފުރަތަމަ ގަލްފު ހަނގުރާމަ ކަވަރު ކުރުމަށް ލިބުނު ފުރުޞަތަކީ އޭނާގެ ނޫސްވެރިކަމުގެ ޙާޔާތުގައި ލިބުނު ފުރަތަމަ ބޮޑު ފުރުޞަތު ކަމަށެވެ. އެ މަސައްކަތުން ފެށިގެން ބޮސްނިއާ ހަނގުރާމައިގެ ހަޤީޤަތްތައް ބެލުންތެރިންނާ ހަމަށް ގެނެސްދީ، ރުވަންޑާއާއި އަފްޣާނިސްތާންއާއި ޔޫކްރެއިންއާއި އީރާންއާއި ދެން ހުރި ޚަބަރުތައް ވެސް ގެނެސްދިނުމުގައި ސީއެންއެންގެ ޓީމުން އޭނާއާއެކު ޢަދާކޮށްފައިވާ މުހިންމު ދައުރު އޭނާ ވަނީ ފާހަގަކޮށްފައެވެ. ކަންކަމާ ގުޅޭ ހަޤީޤީ މަޢުލޫމާތު ހޯދައި ހެކި އެއްކުރުމަށް ސީއެންއެންއާއެކު ކުރި މަސައްކަތުން ޔަޤީންވަނީ އެ ނެޓްވޯކަކީ ބިރެއް ނެތި، ނުފޫޒަކަށް ނުލެނބި އަބަދުވެސް ދުނިޔޭގެ ޚަބަރުތައް ތެދުވެރިކަމާއެކު ދުނިޔެއަށް ގެނެސްދޭނެ ނެޓްވޯކެއް ކަން ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސީއެންއެންގެ ޗެއާމަން މާކް ތޮމްސަން ވަނީ އަމަންޕޫރުގެ ނިންމުން މެމޯއެއްގެ ސިފައިގައި ސީއެންއެންގެ އެހެން މުވައްޒަފުންނާ ޚިއްޞާ ކުރައްވައިފައެވެ. އެ މެމޯގައި ތޮމްސަން ވިދާޅުވީ ސީއެންއެންއިން ވަކިވުމަށް އަމަންޕޫރު ނިންމި ނިންމުމަކީ އެކަމާ މެދު އެކި ގޮތްގޮތަށް ވިސްނުމަށްފަހު އޭނާ ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި އެ ކަމާ ގުޅޭ ގޮތުން ތޮމްސަންއާއި އަމަންޕޫރު މަޝްވަރާ ކުރަމުންދާތާ ގިނަ މަސްތަކެއް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސީއެންއެންއިން އަމަންޕޫރު ވަކިވުމަކީ އެ ކަމާ މެދު ތޮމްސަން ހިތާމަކުރައްވާ ކަމެއް ނަމަވެސް، މިއީ ސީއެންއެންއިން ވަކިވުމަށް އެންމެ ރަނގަޅު ވަގުތުކަމަށް އަމަންޕޫރު ދެކޭ ދެކުން ތޮމްސަން ޤަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަމަންޕޫރަކީ އެންމެ އިތުބާރުކުރެވޭ އަދި މީހުންގެ ލޯބި ލިބިފައިވާ އެއް ނޫސްވެރިޔާ ކަމަށާއި، ސީއެންއެންގައި އޭނާ ހޭދަކުރާ ބާކީ ދުވަސްތަކުގައި އޭނާގެ މަސައްކަތްތައް އެ ނެޓުވޯކުން ޚާއްޞަ ގޮތެއްގައި ފާހަގަކުރަމުންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަމަންޕޫރު ބުނީ ކުރިމަގުގައި އިތުރު ޝައުޤުވެރި މަސައްކަތްތައް ކުރުމަށް އެދޭ ކަމަށެވެ. އޭނާ އަބަދުވެސް ސީއެންއެންއަށް ލޯބި ދޭނެ ކަމަށާއި، ސީއެންއެންގެ މިނިވަން ނޫސްވެރިކަން ކުރިއެރުވުމުގެ ދިގު ތާރީޚު އެ ނެޓުވޯކުން ދެމެހެއްޓުމަށް އޭނާ އެދޭ ކަމަށެވެ. ނޫސްވެރިކަމުގައި މުހިންމީ ވަކި ކޮޅެއް ނުނެގުމަށް ވުރެ، ތެދު އޮތް ފަޅި އަބަދުވެސް ޚިޔާރު ކުރުން ކަމަށް އޭނާ ވެސް އޭނާ ބުނެފައިވެއެވެ.