ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެއް މަސްދުވަހަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުން ސަސްޕެންޑް ކޮށްފި އެވެ.
ޑިސިޕްލިނަރީ ކޮމިޓީން މި ގޮތަށް ނިންމައި 255 ޔޫރޯއިން އޭނާ ޖޫރިމަނާ ކުރީ ވަކި އެއްޗެއް ނާންގައި ގައުމީ ޓީމު ދޫކޮށްދިޔަ މައްސަލަ ބެލުމަށްފަހު އެވެ. އަދި މި މައްސަލާގައި އޭނާއާ މެދު އަޅާ ކޮންމެ ފިޔަވަޅެއް ބަލައިގަނެ، އަލުން ގައުމީ ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފަ އެވެ.
ފަސް ފަހަރު ބަލޮންޑޯ އެވޯޑަ ހޯދާފައިވާ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޑިމާންޑް ބޮޑު އެއް ކުޅުންތެރިޔާ ސަސްޕެންޑް ކުރީ ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޑިސިޕްލިނަރީ ކޯޑުގެ 160 ވަނަ މާއްދާގެ އެއްވަނަ ނަންބަރުގެ ދަށުންނެވެ. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އޭނާ އަށް ނުކުޅެވޭނީ އަދި ބައިވެރިނުވެވޭނީ ކޮންކަހަލަ ކަންތައްތަކެއްގައި ކަމެއް ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމުގައި ނުބުނެ އެވެ. މިހެންވެ ގިނަ ބަޔަކު މިހާރު ލަފާ ކުރަނީ މިއީ ހަމައެކަނި ދައްކާލުމުގެ ސަސްޕެންޝަނެއްގެ ގޮތުގަ އެވެ.
ރޮނާލްޑޯ ސަސްޕެންޑް ކުރިއިރު އަންނަ ނޮވެމްބަރު އެނބުރި އޭނާ ގައުމީ ޓީމަށް ކުޅެން ބޭނުންވާ ކަމަށް ޕޯޗުގަލްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޕެޑްރޯ ޕްރޮއެންކާ ވެސް ވަނީ ބުނެފަ އެވެ. ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމަކީ އާދައިގެ ކަމެއް ކަމަށް ބާރު ލިބޭ އެއްކަމަކީ ފެޑަރޭޝަނުގެ ރައީސްގެ ވާހަކަތަކުން ރޮނާލްޑޯ ސަސްޕެންޑް ނުކުރާނެ ކަމުގެ އިޝާރާތެއް ލިބޭތީ ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.
"އެކަކު ވެސް ބާކީނުކޮށް، އެންމެން ވެސް ބޭނުންވާ ގޮތަކީ ނޮވެމްބަރު މަހު އެންމެން އެކުގައި ތިބުން. އަހަރުމެން އެއް މޭޒެއްގެ ދޮށުގައި އެބަ އިށީންނަން. ބޭނުމަކީ އަހަރުމެންގެ ކެޕްޓަން އެނބުރި ގެނައުން. އަހަރެންގެ އަމާޒަކީ އެންމެން އެކުވެރި ކުރުވައި އެކަތިގަނޑެއްގެ ގޮތުގައި ބޭތިއްބުން. ރޮނާލްޑޯ ހުރީ ގައުމީ ޓީމަށް އަންނަ ގޮތަށް،" ޕްރޮއެންކާ ވިދާޅުވިއެވެ.
ރޮނާލްޑޯ ގައުމީ ޓީމުން ވަކިވެގެންދިޔައީ ކޯޗާ މައްސަލަ ޖެހިގެންނެވެ. ޕްރޮއެންކާ ވިދާޅުވީ އެއީ ކޯޗާއި ކުޅުންތެރިޔާ އަށް ވެސް ވަރަށް ބޮޑަށް އޮޅުންއަރާފައިވާ ކަމެއް ކަމަށާއި ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރޮނާލްޑޯގެ މައްސަލަ ބަލަން ޕޯޗުގަލް ފުޓުބޯލަ ފެޑަރޭޝަނުގެ ޑިސިޕްލިންރީ ކޮމިޓީން ނިންމުމުން ޕްރޮއެންކާ ވިދާޅުވީ އެއީ މިނިވަން ކޮމިޓީއަކަށްވުމުން އެ ކޮމިޓީން އެ މީހުންގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި ނަމަވެސް ނޭޝަންސް ލީގު ކާމިޔާބު ކުރަން ކުޅުންތެރިންނާއި ކޯޗިން ޓީމާއި ފެޑަރޭޝަން ތިބޭނީ އެކުގައި ކަމަށެވެ.
ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ނޯވޭ އަތުން ޕޯޗުގަލް މޮޅުވި މެޗަށް ފަހު ވަކި އެއްޗެއް ނާންގައި ރޮނާލްޑޯ ގައުމީ ޓީމު ދޫކޮށް ސްޕޭނަށް ދިއުމަށް ފަހު ނެރުނު ނޫސް ބަޔާނުގައި ރޮނާލްޑޯ ބުނީ އެގޮތަށް އެކަން ކުރީ ކޯޗު ޖޯޖް ޖެސޫސް އޭނާ އަށް ދޮގު ހެދުމުން ކަމަށެވެ. އަދި މި މައްސަލަ ޕޯޗުގަލްގެ ފުޓުބޯޅަ ފެޑަރޭޝަނުން ބަލައި ކޮންމެ އަދަބެއް ދިނަސް މައްސަލައެއް ނެތް ކަމަށެވެ.
"އަހަރެން ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލާނަން. ކުލަބުގައި އަހަރެން ރަނގަޅަށް ކުޅެ ގޯލު ޖަހާ ހާ ހިނދަކު ގައުމީ ޓީމަށް ކުޅޭނަން. މި ކަމުގައި ޕޯޗުގަލް ފެޑަރޭޝަނުން އަހަރެންނަށް ދޭ ކޮންމެ އަދަބެއް ގަބޫލު ކުރާނަން. އަދި މިކަމާ ގުޅިގެން ކޯޗު ކޮންމެހެން (އަހަރެންގެ ކިބައިން) މައާފަށް އެދެން ނުޖެހޭ. ނަމަވެސް އާއްމުކޮށް މިކަން އޮޅުން ފިލުވައިދިނުމަކީ މުހިންމު ކަމެއް،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ ބުނީ ކޯޗުގެ ފުރަތަމަ ޕްލޭނަކަށްވީ ސެޕްޓެމްބަރާއި އޮކްޓޫބަރު އިންޓަނޭޝަނަލް ބްރޭކުގެ ހަތަރު މެޗުގެ ތެރެއިން ފުރަތަމަ އަދި ފަހު މެޗު އޭނާ ލައްވައި ކުޅުވައި އަނެއް ދެ މެޗުގައި އޭނާ ޓީމުގައި ނުހިމަނަން ކަމަށެވެ. ނަމަވެސް މިއީ އޭނާގެ ފިޓްނަސްއާ ގުޅުވައިގެން ހުށަހެޅި ގޮތަކަށްވުމުން ވަގުތުން ދެކޮޅު ހެދި ކަމަށާއި ފަހުން ގައުމީ ކޯޗު އޭނާގެ ގެއަށް އައިސް ބައްދަލު ކުރުމަށްފަހު ކޮންމެ މެޗެއްގައި ވެސް ޓީމުން ފުރުސަތު އޮންނާނެ ކަމަށް ބުނުމަށްފަހު ވެސް ކަންކުރީ ދިމާ އިދިކޮޅަށް ކަމަށެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ ޕޯޗުގަލްގެ ކޯޗަކަށް ޖެސޫސް އަށް އާދެވުނީ އޭނާ ވެސް އެކަމަށް ތާއީދު ކުރުމުން ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ޖެސޫސް މިހާތަނަށް ވެސް ބުނަމުންދިޔައީ ރޮނާލްޑޯއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ގައުމީ ޓީމުން އަބަދުވެސް އޭނާ އަށް ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ރޮނާލްޑޯގެ ބަޔާނަށް ދޭނެ ޖަވާބެއް ވެސް ނެތް ކަމަށެވެ.
"އޭނާ ލައްވައި 30 މިނިޓް (ނޯވޭ މެޗުގައި) ކުޅުވަން އަހަރެން ތައްޔާރުވިން. އެކަމަކު އެ މެޗުގައި ގޮންކާލޯ ރާމޯސް ގޯލު ޖަހައި މޮޅަށް ކުޅެމުން ދަނިކޮށް އޭނާ ބަދަލު ކުރަން އަހަރެންނަސް ނުވިސްނުނީ. މެޗުގެ އޮއިވަރު ދިޔަ ގޮތުން ރޮނާލްޑޯ އަރުވަން ފުރުސަތު ނުލިބުނީ. ދެން ކުޅުންތެރިން ގަބޫލު ކުރަންވާނެ ކޯޗުކަން އެންމެ ފަހުގެ ނިންމުން ނިންމާނީ،" ކޯޗު ބުންޏެވެ.