ޚަބަރު

ޕީއެޗްޑީ ދާއިރާއިން ފުރުސަތު ފަހިކުރުމަށް އައިއައިޔޫއެމްއާއެކު މަޝްވަރާކުރައްވައިފި


  • އައިއައިޔޫއެމުން ދިވެހި ދަރިވަރުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި

  • ތަޢުލީމީ ދާއިރާއިން ގުޅުންބަދަހިކުރުމަށް މަޝްވަރާ ކުރެއްވި

ޕީއެޗްޑީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، އައިއައިޔޫއެމްގެ ރެކްޓަރއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އައިއައިޔޫއެމްގެ ރެކަޓަރ ޕްރޮފެސަރ އެމެރިޔަސް ޑާތުކް ޑޮކްޓަރ އޮސްމާން ބަކަރ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، މިއަދު ހެނދުނުއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ޕްރޮފެސަރ އެމެރިޔަސް ޑާތުކް ޑޮކްޓަރ އޮސްމާން ބަކަރ ވަނީ މަތީ ތަޢުލީމްގެ ދާއިރާއިން، ޚާއްޞަކޮށް ޕީއެޗްޑީ ޕްރޮގްރާމްތަކުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައެވެ. އަދި، އައިއައިޔޫއެމުން ދިވެހި ދަރިވަރުންނަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން، ދެޤައުމުގެ މެދުގައި ތަޢުލީމީ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެފަރާތުން ވަނީ އުންމީދު އައު ކުރައްވާފައެވެ.