ޚަބަރު

ތަރިކަވެރީން އުފެއްދުމަށް ހުޅުވާލި "ސިގްނޭޗަރ ސްކޮލަރޝިޕް"އަށް ބޮޑު ތަރުހީބެއް


  • މިއީ 2 އަހަރު ދުވަހުގެ ކޯހެއް

  • ކޯސްފީ ދައްކާނީ ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން

ދިވެހި ތަރިކައާއި ދިވެހިވަންތަކަމުގެ ދާއިރާ ޢިލްމީ ގޮތުން ކުރިއެރުވުމަށް ތަރިކަ ދިރާާސާކުރާ ޤައުމީ މަރުކަޒުން ހުޅުވާލި "ސިގްނޭޗަރ ސްކޮލަރޝިޕް"އަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާކަމަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ. 40 ސްކޮލަރޝިޕްގެ މިފުރުސަތަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ތަރިކައިގެ ސިގްނޭޗަރ ސްކޮލަރޝިޕްގެ 40 ފުރުޞަތު ހުޅުވާލާފައިވާއިރު މިސްކޮލަރޝިޕަށް އެދި ގިނަ އަދަދެއްގެ ޒުވާނުން ފޯމު ހުށަހަޅާފައިވާކަމަށް އެ މަރުކަޒުން ވިދާޅުވެއެވެ.

ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމަށް ހުޅުވާލި ސިގްނޭޗަރ ސްކޮލަރޝިޕްތަކަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި މާސްޓަރސް އިން ރިސަރޗް އެންޑް ޕަބްލިކޭޝަން ޕްރޮގުރާމެއް ހާސިލުކުރެވޭ ގޮތަށް، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ސްޕޮންސަރކުރާ ފުރުސަތުތަކެކެވެ.

މި ސްކޮލަރޝިޕްގެ ދަށުން، ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ 2 އަހަރެވެ. މި މަސައްކަތުގެ ތެރެއިން ކޮންމެ މަހަކު 2 ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތްކުރަން ޖެހޭނެއެވެ.

މި ސްކޮލަރޝިޕް ފުރުސަތުތަކުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީ ދެއްކުމަށް ހަމަޖެހިފައިވަނީ، ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ.

އަދި ސްކޮލަރޝިޕްގައި ބައިވެރިވާ މީހުންނަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުޞަތު ލިބުމުގެ އިތުރުން ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުޞަތު ވެސް ލިބޭނެއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހުޅުވާލީ މި ސްކޮލަރޝިޕަށް ގިނަ ޢަދަދެއްގެ ޒުވާނުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުމަކީ، ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތަށް ލިބުނު ހިތްވަރެއްކަމަށް އެ މަރުކަޒުން ފާހަގަކުރައްވައެވެ.

ދިވެހި ޤައުމިއްޔަތު އިއާދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވަޢުދުފުޅެކެވެ. އެގޮތުން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ދިވެހި ޤައުމިއްޔަތު އިއާދަކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވައި، 50 ދިރާސާވެރިންނަށް ފުރުޞަތު ދެއްވާފައިވެއެވެ.

މީގެއިތުރުން، މިއަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއަށް ޚާއްސަ އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން، "ސިގްނޭޗަރ ސްކޮލަރޝިޕަށް ހުޅުވި 40 ސްކޮލަރޝިޕަކީ ޤައުމިއްޔަތު ދިރުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމު ބައެއްކަމަށް ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވިދާޅުވެއެވެ.

މި ސްކޮލަރޝިޕްތަކަށް ގިނަ އަދަދެއްގެ ޒުވާނުން އެދިފައިވާކަން އެނގުމުން، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ވަނީ މި ފުރުޞަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށް، ދިވެހި ޤައުމިއްޔަތު ދިރުވުމުގެ މަސައްކަތުގައި އެކުގައި މަސައްކަތް ކުރުމަށް ދަޢުވަތު އަރުވާފައެވެ.