ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަކީ މިހާރު ރާއްޖޭގައި ވެރިކަންކުރާ ޕާޓީއެވެ. ޖެނުވަރީ 2019 ގައި ރަޖިސްޓްރީކުރި ފަހުން، އެ ޕާޓީން ވަނީ މެންބަރުންގެ އަދަދު އިތުރުކޮށް، ޤައުމީ އިންތިޚާބުތަކުގައި ވާދަކޮށް، ސަރުކާރު އެކުލަވާލައި، ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ހޯދާފައެވެ.
ޕީއެންސީން ވަނީ މެންބަރުންގެ އަދަދާއި، އިންތިޚާބީ ކާމިޔާބީއާއި، ހިންގުމުގެ ޤާބިލުކަމުގެ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަމަށް އެ ޕާޓީން ޤަބޫލުކުރެއެވެ. ޕީއެންސީގެ އިސް ސަފުގައި ތިބި ފަރާތްތަކުން ފާހަގަކުރާ ގޮތުގައި ޕީއެންސީގެ ކޮންގްރެސް ނުވަތަ މާތީ މަޖިލީހަކީ ޕާޓީގެ ހިންގުން އިތުރު ހަރުފަތަކަށް ގެންދިޔަ ހަރަކާތެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައިވާ ގޮތުން، 2026 ޖޫން 30 އާ ހަމައަށް ޕީއެންސީގައި 67,579 މެންބަރުން ރަޖިސްޓްރީވެފައިވެއެވެ. މިއާއެކު އެ ޕާޓީ ވެފައިވަނީ ކޮމިޝަނުގެ ދަފްތަރުގައި އޮތް އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއަށެވެ.
ޕީއެންސީގެ މަތީ މަޖިލީސް ފެށުނު އިރު މެމްބަރުންގެ އަދަދު ހުރީ 79,364ގައެވެ. އެ ޕާޓީންވަނީ ކޮންގްރެސްގެ ނިޔަލަށް ޕާޓީގެ މެމްބަރުންގެ އަދަދު 80,000އަށް އިތުރުކޮށްފައެވެ. ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕާޓީގައި ތިބީ ގާތްގަނޑަކަށް 3,000 މެންބަރުންނެވެ. އެހެންކަމުން މިއީ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ދެމިއޮތުމަށް އެ ޕާޓީން ހޯދި ރަނގަޅު ކާމިޔާބީއެއްކަމަށް ޕީއެންސީން ފާހަގަކުރެއެވެ.
ކުރު މުއްދަތެއްގެ ތެރޭގައި ޕީއެންސީން ހޯދި އެންމެ ބޮޑު އިންތިޚާބީ ކާމިޔާބީއަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުގެ ދެވަނަ ބުރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވައި، %53 އަށްވުރެ ގިނަ ވޯޓާއެކު ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވިއެވެ. މިއާއެކު އެމަނިކުފާނު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިއެވެ.
2024 އޭޕްރިލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ޕީއެންސީން ވަނީ ވަރުގަދަ ނަތީޖާއެއް ހޯދާފައެވެ. އެހެންކަމުން ކޮންގްރެސްއާއި ހަމައަށް ޕީއެންސީ އައީ ހަރުދަނާ ޕާޓީއެއްގެ ގޮތުގައި އޮވެގެންކަމަށް އެ ޕާޓީން ދެކެއެވެ.
ޕީއެންސީގެ އެންމެ ފަހުގެ ކޮންގްރެސް ފެށުނީ 2026 ސެޕްޓެންބަރު 15 ގައި މާލޭގެ ސޯޝަލް ސެންޓަރުގައެވެ. އެ ޕާޓީން ދެކޭގޮތުގައި 1,300 އަށްވުރެ ގިނަ މަންދޫބުންނާއެކު ބޭއްވި މި ބައްދަލުވުމުގައި، ވާދަވެރި އިންތިޚާބުތަކަކަށްފަހު 6 ނައިބު ރައީސުން ހޮވުމާއި، އިލެކްޓްރޯނިކް ވޯޓިންގް ބޭނުންކުރުމާއި، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓާ މެދު ނިންމި ނިންމުމަކީ ޕާޓީގެ ކުރިމަގު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެކެވެ.
މިއީ އެންމެ ގިނަ މެމްބަރުންނާއެކު ޕާޓީއެއްގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ބޭއްވި ފަހަރެވެ. މީގެއިތުރުން، އެ ޕާޓީން ފާހަގަކުރާގޮތުގައި މި ކޮންގްރެސްގެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެތެރޭގެ އިންތިޚާބުތަކުގައި ބައިވެރިވި މީހުންގެ އަދަދެވެ. ކޮންގްރެސްގެ ކުރިން، ނައިބު ރައީސްކަމުގެ ހަ މަގާމަކަށް އަށް ކެންޑިޑޭޓުން ވާދަކުރިއިރު، ޕާޓީގެ ކައުންސިލް ގޮނޑިތަކަށް 100 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރިއެވެ. މިއި ޕާޓީގެ އެތެރޭގެ ހިންގުން ހަރުދަނާކޮށް ވާދަވެރިކަމަށް ފުރުސަތު އޮތްމިންވަރު ހާމަވާކަމެއްކަމަށް އެ ޕާޓީން ޤަބޫލުކުރެއެވެ.
ކޮންގްރެސްގައި ނިންމި އެންމެ މުހިންމު ސިޔާސީ ނިންމުމަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ގުޅޭ ނިންމުމެވެ. އެއްވެސް ޕްރައިމަރީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމަށް ކޮންގްރެސްގެ އިއްތިފާގުން ފާސްކޮށް، އެމަނިކުފާނަށް ވަނީ ޓިކެޓް އަރުވާފައެވެ.
އަތް އުފުލައިގެން ކުރިއަށްގެންދިޔަ މި ވޯޓުގައި އެ ގަރާރަށް 1,119 މަންދޫބުން ތާއީދުކުރިއެވެ. ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ވަނީ 2028 ވަނަ އަހަރު ރައީސް މުޢިއްޒު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަކީ ޕާޓީގެ އެންމެ އިސް ސިޔާސީ އަމާޒުކަމެއްކަމަށް އިއުލާނުކުރައްވާފައެވެ. މިއީ ޕާޓީގެ ލީޑަޝިޕުން ކަނޑައަޅާފައިވާ ރަސްމީ އަމާޒެކެވެ.
ދިވެހިރައްޔިތުން ބޭނުންވާ އަމާންކަމާއި ފާގަތިކަން ގެނެވޭނީ ޕީއެންސީ ދެވަނަ ދައުރަކަށް ހޮވައިގެންކަމަށާއި، ކޮންގްރެސް ޕާޓީ، ޕީއެންސީގެ އަމާޒަކަށް ވާންވީ 2028ގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުންކަމަށް ޕީއެންސީގެ ޗެއަރޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ ޕާޓީއަށް މެމްބަރުން އިތުރުކުރުމަކީ ޕީއެންސީގެ ހަގީގީ މަސައްކަތް ފެށުންކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީން އަމާޒުހިފަންވީ، 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށްކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތް އަދި ކިރިޔާ ފެށުނީ. އަޅުގަނޑުމެން އަމާޒުހިފާންވީ 2023ގެ އިންތިޚާބު ކާމިޔާބުކުރި ގޮތަށް ވުރެ ފަސޭހައިން 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ޕީއެންސީއަށް ކާމިޔާބުކޮށްދޭން. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ގުޅިފައިވަނީ ކޮންގްރެސް ޕާޓީއާ ދިވެހިންގެ ކަންކަން ނިންމަނީ ދިވެހިންކަމަށް ހެދުމަށާ، ދިވެހިން ފުދުންތެރިކުރުމަށް ފިތުނަވެރިކަމާ އަނިޔާވެރިކަމަށް ޖާގައެއް ނޯންނާނެ" ޕީއެންސީގެ ޗެއަރޕަރސަން ވިދާޅުވިއެވެ.
މީގެ އިތުރުން، އެތެރޭގެ ޕީއެންސީގެ ކޮންގްރެސްގެ އިންތިޚާބުތަކުގައި ވޯޓުލުމަށް އިލެކްޓްރޯނިކް ނިޒާމެއް ތަޢާރަފުކުރުމަކީވެސް އެ ޕާޓީން ޤަބޫލުކުރާގޮތުގައި ޕާޓީއަށް ލިބުނު ކުރިއެރުމެކެވެ.
ކޮންގްރެސްގައި ޕީއެންސީގެ މަންދޫބުން ވޯޓުލާފައިވަނީ ޚާއްސަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ހަތް މިނެޓުގެ ވަގުތުކޮޅެއްގެ ތެރޭގައެވެ. މިއީ ސިޔާސީ ޕާޓީއަކުން މިފަދަ ނިޒާމަަކަށް ކޮންގްރެސްގެ ވޯޓުލުން ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ. ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙް ސިފަކުރެއްވި ގޮތުގައި، މިއީ ޕާޓީ ޒަމާނީވަމުންދާކަމުގެ ހެއްކެކެވެ.
މިއީ ސިޔާސީ ޕާޓީއެއްގެ ގޮންގްރެސްގެ ނިންމުންތައް އެންމެ ގިނަ ވޯޓާއެކު ނިންމި ފަހަރުވެސްމެއެވެ. ކޮންގްރެސްގެ އަސާސީ ޤަވާއިދަށް ގެނައި އިސްލާޙުތައް ފާސްކުރުމަށް ނިންމީވެސް 1000އަށް ވުރެ ގިނަ މެމްބަރުންގެ ވޯޓާއެކުގައެވެ. އެހެންކަމުން މިއީ ތާރީޚީ ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.
ޕީއެންސީން ފާހަގަކުރާގޮތުގައި، މި ކޮންގްރެސްގެ އަނެއް މުހިންމު ބޭނުމަކީ މުޅި ރާއްޖޭގައި ޕާޓީގެ ހިންގުން ހަރުދަނާކުރުމެވެ. މި ކޮންގްރެސްގައި ރަށު ކައުންސިލްތަކާއި، ޒުވާނުންގެ ގޮފިތަކާއި، އަންހެނުންގެ ގޮފިތަކުގެ އިތުރުން އެކި ދާއިރާތަކުގެ މަންދޫބުން ބައިވެރިވިއެވެ. އެހެންކަމުން މިއީ ޕާޓީގެ ހިންގުމުގައި ގިނަ މީހުންގެ ބައިވެރިވުން އޮތްކަން ދައްކުވައިދޭކަމެއްކަމަށް އެ ޕާޓީން ދެކެއެވެ. މީގެ އިތުރުން، 2026 ޖުލައި މަހު ޕާޓީގެ އެތެރޭގެ 2,500 އަށްވުރެ ގިނަ މަޤާމުތަކަށް އިންތިޚާބު ބޭއްވިއެވެ.
އެ ދުވަސްވަރު ޕީއެންސީން ބުނެފައިވާ ގޮތުގައި، އެ އިންތިޚާބުތަކުގައި ވޯޓުލުމުގެ ހައްގު ގާތްގަނޑަކަށް 40,000 މެންބަރުންނަށް ލިބުނެވެ. އެހެންކަމުން މިފަދަ ބޮޑު އިންތިޚާބެއް ބޭއްވުމުން ދޭހަވަނީ، ޕާޓީގެ ހަރަކާތްތައް ހަމައެކަނި މާލެއަށް ބަރޯސާނުކޮށް، މުޅި ރާއްޖެއަށް ފެތުރިފައިވާ ވަރުގަދަ އިންތިޒާމީ ވިއުގައެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްކަމަށްވެސް ޕީއެންސީން ބުނެއެވެ.