އިންޓަރނޭޝަނަލް އެޓަމިކް އެނާރޖީ އޭޖެންސީގެ ޖެނެރަލް ކޮންފަރަންސް އައިއޭއީއޭގެ 70 ވަނަ ރެގިއުލަރ ސެޝަންގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެއްޖެއެވެ. މި ކޮންފަރެންސް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 14އިން 18އަށް އޮސްޓްރިއާގެ ވިއެނާގައެވެ.
މިއީ 2025ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 4ވަނަ ދުވަހު ރާއްޖެ އެ އެޖެންސީގެ ގުޅުނު ފަހުން، މެންބަރު ޤައުމެއްގެ ހައިސިއްޔަތުން ބައިވެރިވި ފުރަތަމަ ޖެނެރަލް ކޮންފަރެންސެވެ. މި ކޮންފަރަންސްގައި ބައިވެރިވި ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އ.ދ.ގެ މަރުކަޒުތަކަށް، ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ޖެނެރަލް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން، އެމްބެސެޑަރ ޑރ. ސަލްމާ ވަނީ ކެންސަރު ބަލި ދެނެގަނެ، ފަރުވާގެ ފުރުސަތުތައް ފުޅާކުރުމާއި، ސާފު ހަކަތަ ކަށަވަރުކުރުމަށް ތިމާވެއްޓާ ރައްޓެހި ތިމާވެއްޓާ ރަހްމަތްތެރި ހަކަތައިގެ ފަންނިއްޔާތު ހޯދުމަށް ހުރި ފުރުސަތުތަކާއި، އަދި ގައުމީ ފެންވަރުގައި ކާރިސާތަކަށް ތައްޔާރުވުމުގެ ގާބިލުކަން އިތުރުކުރުމަށް އައިއޭއީއޭއެކު މަސައްކަތް ކުރަން ދިވެހިރާއްޖެއިން ބޭނުންވާކަން ހާމަކުރައްވާފައެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ވަފުދުން ވަނީ ކޮންފަރެންސްގެ ހަވާސާގައި ރޭސް އޮފް ހޯޕް އިނިޝިއެޓިވްގެ ދަށުން ސަރަހައްދީ އަދި ދުނިޔޭގެ ފެންވަރުގައި ކެންސަރުގެ ފަރުވާ ހަރުދަނާކުރުމާއި، ރޭޑިއޯއެކްޓިވް ކުނި މެނޭޖުކުރުމުގައި ރެގިއުލޭޓަރުންނާއި ތަންފީޒުކުރާ ފަރާތްތަކުގެ ދައުރު ހަރުދަނާކުރުމާ ގުޅޭގޮތުން ބޭއްވި ހަރަކާތުގައި ބައިވެރިވެފައެވެ. މީގެ އިތުރުން، އެމްބެސެޑަރ ޑރ. ސަލްމާވަނީ އައިއޭއީއޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް މަރިއާނޯ ގްރޮސީ، އަދި ރެގިއުލޭޓަރީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އާރްއައިޑީޕީ ޓީމާވެސް ބައްދަލުކުރައްވާފައެވެ.
އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިވެރިވުމަކީ އެ އެޖެންސީއާ އެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ލިބިގެންދިޔަ މުހިންމު ފުރުސަތެއް ކަމަށް ސަރުކާރުން ދެކެއެވެ. އަދި މިއީ ސިއްހީ ދާއިރާ، ސާފު ހަކަތަ، ރައްކާތެރިކަން، އަދި ވިލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށްވެސް ސަރުކާރުން ގަބޫލުކުރައްވައެވެ.