ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި މީހުންގެ ތެރެއިން 64 މީހަކު ޢާއިލާއާއި ހަވާލުކުރެވިފައިވާކަމަށް ސިއްޙަތާ ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ޢާއިލާތަކުން ދޫކޮށްލާ މީހުން ބަލާ މަރުކަޒެއްގެ ގޮތުގައި ދެކެމުންއައި ދެކުން ބަދަލުކޮށް، އެއީ ފަރުވާއަށް ގެންދެވޭ ތަނެއްގެގޮތުގައި ހެދުމަށްދަނީ މަސައްކަތްކުރަމުންނެވެ.
ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތަކާއި ހިންގުން ހަރުދަނާކުރުމަށްޓަކައި ސަރުކާރުންވަނީ އެމަރުކަޒު ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ދަށަށް ބަދަލުކުރައްވާފައެވެ. 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 1 އިން ފެށިގެން ގެނެވުނު މިބަދަލާއެކު މަރުކަޒަށް ބޮޑެތި ބަދަލުތަކެއްވަނީ ގެނެވިފައެވެ. ޢާއިލާތަކަށް ނުބެލެހެއްޓިގެން އަދި ޢާއިލާތަކުން އަޅާނުލުމުގެ ސަބަބުންނާއި އެނޫންވެސް ސަބަބުތަކާއެކު މަރުކަޒުގައި އެތައް ބަޔަކު އަންނަނީ ދިރިއުޅެމުންނެވެ. މިވިސްނުން ބަދަލުކޮށް ނަފްސާނީ އެކި ތަކުލީފުތައް އުފުލަމުންދާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ނިޒާމު ހަރުދަނާކޮށް، ފަރުވާއަށްފަހު ޢާއިލާގެ ބެލުމުގެ ދަށަށް މީހުން ބަދަލުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
ސިއްޙަތާ ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ނޮވެންބަރު 2023 އިން ފެށިގެން މިއަހަރުގެ އޮގަސްޓު މަހުގެ 10 ވަނަ ދުވަހާ ހަމައަށް 64 މީހަކު ޢާއިލާއާ ހަވާލުކުރެވިފައިވާކަމަށެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިވަގުތުވެސް 201 މީހަކުވަނީ މަރުކަޒު ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ފޯނު މެދުވެރިކޮށް ނަފްސާނީ ގޮތުން އެހީތެރިކަން ބޭނުންވާ ފަރާތްތަކަށްވެސް އެހީތެރިކަން މިމުއްދަތުގެ ތެރޭގައި ފޯރުކޮށްދެވިފައިވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
"ހެލްޕްލައިންގެ މަޤުސަދަކީ ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމުގައި އެހިތެރިވުމާއި، ނަފްސާނީ އެކި އުނދަގޫތައް ކުރިމަތިވާ ހާލަތެއްގައި އެ ފަރާތްތަކަށް ފޯނު މެދުވެރިކޮށް ނަފްސާނީ ފުރަތަމަ އެހީ އާއި އިމޯޝަނަލް ސަޕޯޓް އަދި ކްރައިސިސް އިންޓަވެންޝަންގެ އިތުރުން ހިދުމަތްތަކާއިގުޅޭ މައުލޫމާތު ދިނުމާއި ބޭނުންޖެހިއްޖެ ހާލަތެއްގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ރެފަރަލް ހެދުން." ވަޒީރު ވިދާޅުވިއެވެ.
ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅުއްވަމުންދާއިރު ހެލްޕްލައިން ޤާއިމުކޮށް އެހީތެރިކަންދަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިއަދާހަމައަށް 23000 އަށްވުރެ ގިނަ ފޯން ކޯލަށް ޖަވާބުދީފައިވާކަން ސިއްޙަތާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.
ހަމައެއާއެކު އާސަންދައިގެ ތެރެއިން ނަފްސާނީ ބަލީގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަވާފައިވާކަން ފާހަގަކޮށްލެވެއެވެ. ނަފްސާނީ ބައްޔާ ބެހޭގޮތުން މުޖުތަމަޢުދެކޭ ގޮތް ބަދަލުކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކެއްވެސްދަނީ ކުރަމުންނެވެ.