ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން "ރާއްޖޭގެ ބުކް އޮފް ރެކޯޑްސް" ލޯންޗުކޮށްފިއެވެ. މިއީ ރާއްޖޭގެ ފަތުުރުވެރިކަން އިޝްތިހާރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ފާހަގަކުރެއެވެ.
"ބުކް އޮފް ރެކޯޑްސް" އަކީ ރާއްޖޭގައި ހާސިލުކުރެވޭ އާދަޔާ ޚިލާފު ކާމިޔާބީތައް ލިޔެކިޔުމުން ބަލަހައްޓައި، މިފަދަ ރެކޯޑުތައް ދަމަހައްޓާ، އެފަރާތްތަކުގެ އަގު ވަޒަންކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަށާ ޤައުމީ ފެންވަރުގެ މަސައްކަތެއްކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
މިއީ ރާއްޖެއަކީ ހަމައެކަނި "ސަން، ސޭންޑް، އަދި ބީޗް" މަންޒިލެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުކޮށް، ސްޕޯޓްސް ޓޫރިޒަމް ހިމެނޭހެން އެކި ދާއިރާތަކުން ރާއްޖޭގެ ތަފާތުކަން ދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރާ މުހިންމު މަސައްކަތެއްކަމަށްވެސް ވީއެމްސީއިން ފާހަގަކުރެއްވިއެވެ.
ބުކް އޮފް ރެކޯޑްސް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، މިއީ އަހަރަކަށްވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާއެއް ކަމަށެވެ. އަދި ޖިނިސް ވޯލްޑް ރެކޯޑްސްގެ މިންގަނޑުތަކާ އެއްގޮތަށް، ބުކް އޮފް ރެކޯޑްސްގެ ވެބްސައިޓާއި އެހެނިހެން ވަސީލަތްތައް ވީއެމްސީގެ ޓީމުން ތައްޔާރުކޮށްފައިވާ ކަމަށާއި، މި މަޝްރޫޢުގެ ކުރިއެރުން ގަވާއިދުން ބަލަހައްޓަމުން ގެންދާނެ ކަމަށްވެސް ޝިއުރީ ވިދާޅުވިއެވެ.
ރާއްޖޭގައި މި ރެކޯޑް ފޮތް ތަޢާރަފުކުރުމުގެ އަސާސީ ސަބަބުތަކުގެ ތެރޭގައި، ވީއެމްސީއަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާ މައިގަނޑު އިދާރާ ކަމަށްވުމާއެކު، ރާއްޖެ އިޝްތިހާތިހާރުކުރުމަށް އައު އުކުޅުތަކެއް ބޭނުންކުރުމުގެ މުހިންމުކަން ޝިއުރީ ފާހަގަކުރެއްވިއެވެ. ވުމާއެކު މި ޕްލެޓްފޯމްގެ ޒަރިއްޔާއިން ތަފާތު ގޮތަކަށް ރާއްޖެ އިޝްތިހާރުކުރެވި، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ޝިއުރީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބުކް އޮފް ރެކޯޑްސް މި ހުޅުވާލަނީ ރާއްޖޭގެ ހުރިހާ ރެސޯޓުތަކަށްވެސް. އަދި ގެސްޓްހައުސްތަކަށްވެސް، ކައުންސިލްތަކަށްވެސް، ސްކޫލްތަކަށްވެސް. ޖުމްލަކޮށް ހުރިހާ އެންމެންނަށްވެސް ބައިވެރިވެވޭގޮތަށް އަޅުގަނޑުމެން މި ރެކޯޑް މި ހުޅުވާލެވެނީ. އަޅުގަނޑުމެން ބޭނުންވަނީ ތަފާތު ހުނަރުތައް ބަލައިގަނެ އެމީހުން އެކުރާ މަސައްކަތްތައް ދެނެގަތުން. މި ރެކޯޑް ހަދާ ކޮންމެ ފަރާތަކަށްވެސް ސެޓްފިކެޓެއްްގެ އިތުުރުން ކޮއިންއެއްވެސް ލިބޭނެ." ޝިއުރީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ދެއްކެވިވާހަކަފުޅުގައި، ރެކޯޑެއް ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގެ ސަބަބުން ފަތުރުވެރިކަމުގެ އިތުރުން އެހެން ސިނާއަތްތަކަށްވެސް ފާހަގަކުރެވޭފަދަ ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ރެކޯޑު ފޮތުގެ ސަބަބުން ރާއްޖޭގެ އެކި ސިނާއަތްތަކަށް ބޮޑެތި ކުރިއެރުންތައް ލިބޭނެ. އަޅުގަނޑުގެ އުންމީދަކީ މިއަންނަ އަހަރުގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް އަންނަން ވާއިރަށް މި ފޮތުގައި ގިނަ އަދަދެއްގެ މީހުންގެ ރެކޯޑުތައް ހުރުން. އެންމެންނަށްވެސް މި ފޮތުގެ މައުލޫމާތު އަދި މި ރެކޯޑުގައި ފަސޭހައިން ބައިވެރިވެވޭނެ ގޮތްތަކެއް ހެދުން. މިގޮތަށް މި ރެކޯޑް ބައްޓަންކުރުމަށް އަޅުގަނޑު ވީއެމްސީއަށް އިލްތިމާސްކުރަން." ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.
ބުކް އޮފް ރެކޯޑްސްގެ ދަށުން ރާއްޖޭގައި ގާއިމްކުރާ އެކި ރެކޯޑުތަކުގެ ފުރިހަމަ މައުލޫމާތު ބެލެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ވެބްސައިޓެއް މެދުވެރިކޮށް، ރާއްޖޭގައި ގާއިމްކުރާ ރެކޯޑުތަކުގެ މައުލޫމާތު އާންމުންނަށްވެސް ފެންނާނޭ ގޮތަށް ބެލެހެއްޓޭނެކަމަށްވެސް ވީއެމްސީއިން ވިދާޅުވެއެވެ.