ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމެވީ 2021 ވަނަ އަހަރުއެވެ. އެދުވަސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައިި ފާހަގަކުރެއްވުމަށް ނިންމެވީ އެއީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ހުޅުނުވުނު ދުވަސްކަމަށްވާތީއެވެ.
ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުންނާއި އަދި ރާއްޖޭގައި އެއިރު މާގިނަ ވަސީލަތްތައް ތަރައްޤީވެފައި ނެތުމުގެ ސަބަބުން ފަތުރުވެރިކަމަކީ ރާއްޖޭގައި ފުޅާކުރެވިދާނެ ކަމެއްކަން އެއިރު ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. އެ ސިނާއަތް ރާއްޖޭގައި ކާމިޔާބުކަމާއެކު ހިނގައިގަނެދާނެ ކަމާމެދެ އޮތީ ސުވާލު އުފެދިފައެވެ. ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށް ޔޫއެންޑީޕީންވެސް ލަފާދީފައެއް ނުވެއެވެ.
އޭގެ ސަބަބަކަށްވީ މިސިނާޢަތް ރާއްޖޭގައި ފެށުމަށް ބޭނުންވާ ޢުމްރާނީ އެއްވެސް ވަސީލަތެއްނެތުމާއި، ރާއްޖޭގެ ރަށްތައް ވަކި ވަކި ޖަޒީރާ ރަށްތަކެއްގެގޮތުގައި އޮތުމެވެ. އަދި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން (ޖީ.ޑީ.ޕީ.)އިން ބޮލަކަށް ޖެހޭ މިންވަރު ގާތްގަނޑަކަށް 250 އެމެރިކާ ޑޮލަރުގަހުރުމެވެ.
ބޭރުގެ ފަރާތްތަކުން މިގޮތަކަށް ލަފާދީފައިވީ ނަމަވެސް، މިކަމަކީ ރާއްޖޭގައި ކުރެވިދާނެ ކަމެއްގެ ގޮތުގައި ދެކުނު ފަރާތްތަކެއް ތިއްބެވެ. އާދައިގެ ގޮތަކަށް ނަމަވެސް ރާއްޖޭގައި ފަތުރުވެރިކަން ފެށިގެންދިޔައެވެ. އެއީ އިޓަލީވިލާތުގެ ރައްޔިތެއްކަމަށްވާ ޖޯޖް ކޯބިން ރާއްޖެ އަންނަން ބޭނުންވި ހިސާބުންނެވެ.
އިޓަލީގެ ރައްޔިތެއްކަމަށްވާ ޖޯޖް ކޯބިންއަކީ އެކި ތަންތަނަށް ދަތުރުކުރަން ބޭނުންވާ މީހެކެވެ. އެގޮތުން އޭނާ ބޭނުންވީ ރާއްޖެއަށް ޒިޔާރަތްކުރާށެވެ. ރާއްޖެއަށް އަންނަން ބޭނުންވެ އެހެންނަމަވެސް ރާއްޖެ އަންނާނެ ގޮތެއް ނޭނގިފައި ހުރި ކޯބިން ދިޔައީ ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެންބަސީއަށެވެ. ވައިގެ މަގުން ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުން އޭނާއަށް ރާއްޖެ އަންނަން ޖެހުނީ ކަނޑުބޯޓެއްގައެވެ.
ޖޯޖް ކޯބިން ރާއްޖެ އައިސް ދެއްވި ލަފާޔާއެކު މުހައްމަދު އުމަރު މަނިކާއި، ހުސައިން އަފީފް އަދި ކެރަފާ ނަސީމް ފަދަ ބޭފުޅުންގެ ބެއްލެވުމުގެ ދަށުން ރާއްޖެއަށް އެންމެ ފުރަތަމަ ފަތުރުވެރިންގެ ގްރޫޕާއް އައިއެވެ. އެއީ، 16 ފެބްރުއަރީ 1972 ގައެވެ. އެމީހުން ރާއްޖޭގައިތިބީ 12 ދުވަހަށެވެ.
މި ފަތުރުވެރިންގެ ގްރޫޕް ރާއްޖެއައީ އިޓަލީވިލާތުގެ މިލާނުން ފުރައިގެން ސްރީލަންކާއަށް އައިސް، ސްރީލަންކާގެ އެއަރ ސިލޯނުގެ ބޯޓެއް ޗާޓަރކޮށްގެންނެވެ. މި ދަތުރުގައި 22 މީހުން ވަނީ ރާއްޖެ އައިސްފައެވެ. އެމީހުން އައިސް ތިބީ މާގިރީ، ލަކްސް ހުޑް އަދި ކަނީރު ވިލާގައެވެ.
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ފުރަތަމަ ގްރޫޕްގައި އިޓަލީވިލާތުގެ ބައެއް ނޫސްވެރިންވެސް ތިއްބެވެ. އެހެންކަމުން އެ ދަތުރުގައި އެމީހުންނަށް ކުރެވުނު ތަޖުރިބާ އަނބުރާ ޤައުމަށްގޮސް އެމީހުން ވަނީ ނޫސްތަކުގައި ލިޔެފައެވެ. މިއީ އެހެން މީހުންނަށް ރާއްޖެ އެނގެން މެދުވެރިވި އެއް ސަބަބެވެ. އަދި މި ދަތުރަށްފަހު ރާއްޖޭގައި ރިސޯޓެއް ހެދުމުގެ މަޝްވަރާވެސް ވަނީ ކުރެވިފައެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް ހުޅުވުނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މާލެ އަތޮޅުގެ ވިހަމަނާފުށި ނުވަތަ މިހާރުގެ ނަމުންނަމަ ކުރުނބާ މޯލްޑިވްސްއެވެ. މިތަން ހަދާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް އުވަޖަހައިގެންނެވެ. ކުރުނބާ މޯލްޑިވްސް ރިސޯޓަކީ 30 ކޮޓަރީގެ ރިސޯޓެކެވެ. އެއީ މުޅި ޖުމްލަ 60 އެނދެވެ.
މިއަދު ރާއްޖޭގެ ފަތުރުވެރިކަން ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފައެވެ. މިއަދު ރާއްޖޭގައި އޮތީ ދުނިޔޭގެ އެންމެ މަޝްހޫރު އަދި ލަގްޒަރީ ފަތުރުވެރިކަމެވެ. މި ވަގުތު ރާއްޖޭގައި ޖުމްލަ 1,278 ޓޫރިސްޓް ފެސިލިޓީގައި 64,758 އެނދު ހިންގަމުންދެއެވެ. މީގެ ތެރޭގައި 174 ރިސޯޓު (43,247 އެނދު)، 925 ގެސްޓްހައުސް (15,798 އެނދު) އަދި 16 ހޮޓެލް (2,484 އެނދު) ހިމެނެއެވެ. އަދި މި މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށް ޖުމްލަ 1,636,489 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
އިޤްތިޞާދީ ގޮތުން ބަލާއިރު، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 28 އިންސައްތަ ހިއްސާ ކުރަނީ ފަތުރުވެރިކަމުންނެވެ. އަދި ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ 60 އިންސައްތަ ލިބެނީވެސް ފަތުރުވެރިކަމުންނެވެ. 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި ޖުމްލަ 55,874 މީހުން މަސައްކަތްކުރެއެވެ. މީގެ ތެރެއިން 41.4 އިންސައްތަ (23,146 މީހުން) އަކީ ދިވެހިންނެވެ. ވުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދާއި ވަޒީފާގެ ފުރުސަތުތަކަށް އިތުރު ފެހިކަމެއް ގެނެސްދިން ސިނާއަތެއްކަމަށް މިއަދު އަޑުހަރުކޮށް ބުނެވޭނެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމަކީ މިއަދު އިތުރު ތައާރަފަކަށް ބޭނުންވާނެ މަންޒިލެއް ނޫނެވެ. "މޯލްޑިވްސް" އޭ ބުނުމުން މިއަދު ރާއްޖެ ނޭންގޭނެ މީހެއް ޤައުމެއް ނޯންނާނެއެވެ. ރާއްޖެއިން ވަނީ ވިދިވިދިގެން ފަސް އަހަރު ވޯލްޑް ލީޑިން ޑެސްޓިނޭޝަން ނުވަތަ އެންމެ މަޤްބޫލު މަންޒިލްގެ ޝަރަފްވެސް ހޯދާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަން މިއަދު މި ހިސާބަށް ދިއުމަށް މެދުވެރިވި އެންމެ މުހިންމު ސަބަބަކީ ސަރުކާރުން ފަތުރުވެރިކަމުގެ ތެރެއަށް ނުވަދެ މިކަން ކުރަން އަމިއްލަ ފަރާތްތަކުގެ އަތްމައްޗަށް ދޫކޮށްލެއްވުމެވެ.
ފަތުރުވެރިކަމަށް 53 އަހަރު ފުރިގެންދާއިރު، ރާއްޖޭގެ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަކީ މި ސިނާއަތުގެ ކުރިމަގަށްޓަކައި މުހިންމު ކަމެކެވެ. ލާމަރުކަޒީ އުސޫލުން ފަތުރުވެރިކަން ކުރިއެރުވައި، ރާއްޖޭގެ ރަށްތަކުގެ ތަފާތު ސަގާފަތާއި ރީތިކަން ދުނިޔެއަށް ދައްކުވައިދިނުމަކީ ކުރިއަށް އޮތްތަނުގައި އަހަރެމެންގެ އަމާޒުކަމުގައި ވާންޖެހެއެވެ. ސަރުކާރުން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމަށް މުހިންމު އަދި ގިނަމަޝްރޫޢުތަކެއް ފަށްޓަވާފައެވެ.
މި ސިނާއަތް އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.
ރާއްޖޭގައި ހުރިހާ ފަންތިއެއްގައިވެސް މިހާރު ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއަށް އެބަދެއެވެ. ސިނާޢަތާއި ކޮންމެވެސް ގޮތަކަށް ނުގުޅޭ އާއިލާއެއް ރާއްޖޭގައި ނެތޭ ބުންޏަށް ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ހާމަކޮށްދީ، ސާބިތުކޮށްދެނީ ދިވެހިންނަށް ކޮންމެ ބާވަތެއްގެވެސް ފަތުރުވެރިކަން ކުރެވިދާނެކަމެވެ.