ދިވެހި ޤައުމިއްޔަތުގެ ތާރީޚުގެ އިސްވާރު ކާށިމާ އަޙްމަދު ޝާކިރަށް ޝާރިޖާގެ އަމީރުގެ ފަރާތްޕުޅުން ޝަރަފުވެރި ރާވީގެ އެވޯޑެއް ލިބިވަޑައިގެންފިއެވެ. ކާށިމާ އަޙްމަދު ޝާކިރަށް މި އެވޯޑް ދެއްވީ ޝާރިޖާގެ އަމީރު އައްޝައިޚު އައްދުކްތޫރު ސުލްޠާނު ބިން މުޙައްމަދު އަލްޤާސިމީއެވެ.
ޝާރިޖާގެ އަމީރުގެ އަތްޕުޅުން ކާށިމާ އަޙްމަދު ޝާކިރަށް މި އެވޯޑު ދެއްވީ އެމަނިކުފާނުގެ ޚާއްޞަ ބެއްލެވުމެއްގެ ދަށުން، ޝާރިޖާ އިންސްޓިޓިއުޓް އޮފް ހެރިޓޭޖުގެ ފަރާތުން އިންތިޒާމުކުރައްވައިގެން މި މަހު 22 އިން 26 އަށް ކުރިޔަށް ގެންދަވާ ޝާރިޖާ އިންޓަރނޭޝަނަލް ނެރޭޓަރސް ފޯރަމްގެ ތެރެއިންނެވެ. ޝާކިރަށް ލިބިވަޑައިގެންފައިވަނީ 2025 ވަނަ އަހަރުގެ ޝަރަފުވެރި ރާވީގެ އެވޯޑެވެ.
ޝަރަފުވެރި ރާވީގެ އެވޯޑު ދެއްވަނީ އެ ބޭފުޅަކު ޤައުމެއްގެ ތަރިކައިގެ ދާއިރާއަށް ކުރައްވާފައިވާ މަސައްކަތްތަކާއި ޚިދުމަތުގެ ސަބަބުން އެ ބޭފުޅަކީ އެ ޤައުމެއްގައި ތަރިކައިގެ ދާއިރާގެ ޚާޒާނާއެއްކަމަށް އެ ޤައުމެއްގެ ސަރުކާރުން ބަލައިގަންނަ ފަރާތަކަށެވެ. ކަށިމާ އަޙްމަދު ޝާކިރު ވަނީ ދިވެހި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އޭނާ ލިޔުއްވި ޤަރުނު ފޮތުގެ ސިލްސިލާ ފާހަގަކުރެވެއެވެ. އޭގެ އިތުރަށް އެތައް ބޭފުޅުންނެއްގެ ހަޔާތުނާމާތައް ލިޔުއްވާފައިވެއެވެ.
މިހާރު ޝާކިރުގެ ޚިދުމަތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ދިވެހި ޤައުމިއްޔަތު އިއާދަކޮށް ދިރުވާ އާލާކުރެއްވުމުގެ މަޤުޞަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ދިވެހިތަރިކާ ދިރާސާކުރާ ޤައުމީ މަރުކަޒުންނެވެ. ޚާއްޞަކޮށް ރައީސް މުޢިއްޒު އުފައްދަވާފައިވާ ދިވެހި ޤައުމިއްޔަތުގެ އިސްވަރުގެ ތާރީޚު އިސްވާރުގެ ހައިސިއްޔަތުން އޭނާ ގެންދަވަނީ އެ މަރުކަޒުގެ ވިލަރެސްވެރީން ތަމްރީނުކުރުމާއި މުޤައްރަރުތައް ފަރުމާކުރުން ފަދަ މަސައްކަތްތައް ކުރައްވަމުންނެވެ.
ޝާކިރު ވަނީ ޝާރިޖާ ފޯރަމުގެ އެކި ދަންފަޅިތަކުގައި ރާއްޖޭގެ ތާރީޚާ ބެހޭ ހުށަހެޅުންތައް ހުށަހަޅުއްވާފައެވެ. އަދި ޝަރަފުވެރި ރާވީގެ މަޤާމު ލިބިވަޑައިގަތުމާ ގުޅިގެން ޝާރުޖާގެ ބައެއް ޓީވީ ޗެނަލްތަކުން ވަނީ އޭނާގެ ބަސްދީގަތުންތައް ނަގާފައެވެ. ޝާކިރުގެ ހުށަހެޅުންތައް ބަލައިލަން އެކި ޔުނިވަރސިޓީތަކުން ދަރިވަރުން ހާޒިރުވިއެވެ.