ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާފާސްކުރުމުގެ އިންސްޕެކްޝަންގައި، ހުއްދަ ނެތި ހިންގާ ތަންތަން، އައު ޤާނޫނުގެ ދަށުން ބަންދުކޮށް އެތަންތަނުގެ މަޢުލޫމާތު އާއްމުކުރާނެކަމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ މި އިންސްޕެކްޝަނަކީ ކޮންމެ އަހަރަކު އެ އޮތޯރިޓީން ކުރިއަށްގެންދާ އިންސްޕެކްޝަނެއްކަމަށެވެ. އެހެން ނަމަވެސް "ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާ"އެކު، މި އަހަރުގެ އިންސްޕެކްޝަން ވަރަށް ބޮޑަށް ހަރުދަނާކުރެވިފަވާކަމަށެވެ.
އެފްޑީއޭގެ ސީނިއަރ ޕަބްލިކް ހެލްތް އޮފިސަރ ފާތިމަތު ރަޝީދާ ވިދާޅުވީ މިފަހަރުގެ އިންސްޕެކްޝަންގައި، ޤާނޫނުގައި ހިމެނޭ ކަންކަން ތަންފިޒުކުރައްވާނެކަމަށެވެ. އެގޮތުން ޤަވައިދާ ޚިލާފަ ހިންގާ ތަންތަން އައު ޤާނުނުގެ ދަށުން ޖޫރިމަނާކުރުމާއި ހުއްދަ ނުނަގާ ހިންގާ ތަންތަން ބަންދުކުރުމާއި މަޢުލޫމާތުވެސް އާއްމުކުރާނެކަމަށެވެ.
"ޤާނުނު ވުޖޫދަށް އައުމުން ހުރިހާ ތަނެއް މި ޤާނުނުގެދަށުން ރެޖިސްޓަރ ކުރަންޖެހޭ. އެހެންވީމަ ތަންތަން ގަވައިދާ އެއްގޮތަށް ރެޖިސްޓަރކޮށްފަވޭތޯ ބަލާނެ. އަދި ރެޖިސްޓަރ ނުކޮށްވާ ތަންތަން ފާހަގަކޮށް ފިޔަވަޅުއަޅާނަން. އެގޮތުން ޤާނޫނުގައި ބުނާގޮތުން ރެޖިސްޓަރ ނުކޮށް ހިންގާނަމަ، އެތަންތަން ބަންދުކޮށް ތަނާ ގުޅޭ މަޢުލޫމާތު އާއްމުކުރާނަން." ފާތިމަތު ރަޝީދާ ވިދާޅުވިއެވެ.
މި އިންސްޕެކްޝަން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރިއަށްގެންދަނީ މިމަހުގެ 21ވަނަ ދުވަހުން ފެށިގެން 30ގެ ނިޔަލަށެވެ. އެގޮތުން މާލެ، ހުޅުމާލެ، ވިލިމާލެ ގުޅިފަޅު އަދި ތިލަފުށީގައި ކުރިއަށްގެންދާނެއެވެ. މި އިންސްޕެކްޝަން ގްރޭޓަރ މާލެ ސަރަޙައްދުގައި ކުރިއަށްގެންދަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ސިޓީ ކައުންސިލް އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެންނެވެ.
"އިންސްޕެކްޝަންގައި ފުރަތަމަ ކަމަކަށް ބަލާނީ އާ ޤާނޫނުގެދަށުން ރެޖިސްޓަރކޮށްގެންތޯ ހިންގަނީ. ދެން ހުއްދައިގެ މުއްދަތު އަދި އާއްމު ސާފުތާހިރުކަމަށް ބަލާނެ." ފާތިމަތު ރަޝީދާ ވިދާޅުވިއެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގައި ބުނެފަވަނީ، ކާބޯތަކެތި ވިއްކާ ތަންތަން ރެޖިސްޓަރކޮށް ޚާއްސަ ލައިންސަންސެއް ނަގަންޖެހޭކަމަށެވެ.
އަދި ކާބޯތަކެތި އެތެރެކުރުމާއި ލޭބަލްކުރުމާއި އުފެއްދުމާ ވިއްކުމުގެ ޤަވައިދުތައް ވަނީ ވަރަށް ބޮޑަށް ހަރުދަނާކޮށްފައެވެ.
އިހުމާލުގެ ކުޑަބޮޑުމިނަށް ބަލާ، މި ޤާނޫނުގެދަށުން 10،000 ރުފިޔާއާއި 1،000،000 (1 މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު ލިބިދެއެވެ.