ޚަބަރު

ފިޔޯރީގައި ބީއެމްއެލް ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފި


  • ފައިސާގެ މުޢާމަލާތްތަކުގެ އިތުރަށް ބޭންކިން އެހެނިހެން ބައެއް ޚިދުމަތްތައް ލިބޭނެ

  • ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައި

ގދ. ފިޔޯރީގައި ބީއެމްއެލްގެ ސެލްފް ސަރވިސް އޭޓީއެމްގެ ޚިދުމަތް ފަށައިފިއެވެ.

ފިޔޯރީގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ފިޔޯރީގައި އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށްފަހު ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި އޭޓީއެމްގެ ޚިދުމަތް ފެށްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލާއި ވަނީ ހަވާލުކުރައްވާފައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ނޮވެންބަރު މަހު ފެށި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫޢުގެ ދަށުން 10 އަތޮޅުތަކެއްގައި މި ޚިދުމަތް މިހާތަނަށް ވަނީ ޤާއިމްކޮށްފައެވެ.

މިމަޝްރޫޢުގެ ދަށުން ބަހައްޓަމުންދަނީ 24 ގަޑިއިރު ފައިސާނެގޭ އަދި ފައިސާ ޖަމާކުރެވޭ ސެލްފް ސަރވިސް އޭޓީއެމްތަކެވެ. މިއޭޓީއެމްތައް މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތަކުގެ އިތުރަށް ބޭންކިން އެހެނިހެން ބައެއް ޚިދުމަތްތައް ލިބޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވިއެވެ.

2000ވަނަ އަހަރު ބީއެމްއެލްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފެށިއިރު މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެއެވެ.