ރާއްޖޭގެ ފުރަތަމަ އެމްގެޕް ސެޓިފައިޑް ދަނޑުވެރިން ތިބި ރަށަކަށް ށ. ގޮއިދޫ ވެއްޖެއެވެ.
މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (އެމްގެޕް) ސެޓްފިކެޓަކީ ޤައުމީ ފެންވަރުގައި ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށާއި، ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވައި، ރާއްޖޭގައި އުފައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާ ފައިދާތައް ތިމާވެއްޓާ ރައްޓެހި ގޮތެއްގައި އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި ތަޢާރަފުކުރެވުނު ސްކީމެކެވެ.
ގޮއިދޫގެ ދަނޑުވެރިންނަށް މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް އެމްގެޕް، ސެޓްފިކެޓް ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު މަރިޔަމް މާރިޔާ ވިދާޅުވީ، އެމްގެޕް ސެޓްފިކެޓް ހާސިލްކުރުމާއެކު ގޮއިދޫ ވެގެންދާނީ އެރަށުގައި ހައްދާ ކާބޯތަކެތީގެ ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ވެށްޓެއް ބިނާކުރުމުގައި ނަމޫނާ މިސާލަކަށްކަމަށެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންނާއި އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، އިމްޕޯޓަށް ބަރޯސާވުން މަދުކޮށް، ދެމެހެއްޓެނިވި ކާބޯތަކެތީގެ ނިޒާމުތައް ޤާއިމުކުރުމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ޢަޒުމް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެމްގެޕް ސެޓިފައިކުރެވިފައިވާ އުފެއްދުންތައް ކުރިއެރުވުމުގެ ސަބަބުން، ދިވެހިންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެކަމަށެވެ.
މީގެއިތުރުން، މިފަދަ އުފެއްދުންތައް ކުރިއރުވުމުގެ ސަބަބުން، މުސްތަޤުބަލުގައި ބައިނަލްއަޤްވާމީ މާކެޓްތަކުގައި، ދިވެހި ދަނޑުބިންތަކުގައި ހައްދާ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ފުރުސަތު ލިބުމަށް މަގުފަހިވެގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ދަނޑުވެރިންގެ ހިތްވަރާއި މަސައްކަތައްކަތްތެރިކަމަކީ ޤައުމުގެ ކާބޯތަކޯތަކެތީގެ ރައްކާތެރިކަމާއި އިޤްތިޞާދީ ކުރިއެރުމުގެ މައިގަނޑު ބިންގާކަމަށެވެ.
"މިއަދު ގޮއިދޫ މިވެގެންދަނީ ޒަމާނީ އީޖާދުތަކާއި ދިރިއުޅުމުގެ އާދަކާދައާ ދެމެދު ހަރުދަނާ ބެލެންސެއް ޤާއިމުކުރުމުގެ ނަމޫނާ މިސާލަކަށް. މި ރަށުގެ ހުނަރުވެރި ދަނޑުވެރިން ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތިމާވެށި ޙިމާޔަތްކުރުމުގެ މިންގަނޑުތަކަށް ފެތޭގޮތަށް މަސައްކަތްކުރުމުގައި ހިތްވަރު ދައްކުވާފަ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި ވަނީ ގޮއިދޫގެ ދަނޑުވެރިން ހޯދި ކާމިޔާބަށް ތަޙުނިޔާ ދަންނަވާފައެވެ. އަދި އެ ސެޓިފިކޭޝަން ވެގެންދާނީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއަރުވައި، ޒުވާނުން މި ދާއިރާއަށް ނުކުތުމަށް ހިތްވަރު ލިބޭނެކަމެއްކަން ފާހަަކުރައްވާފައެވެ.
މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް އެމްގެޕް ސްކީމުގެ ދަށުން، ދަނޑުވެރިކަން ކުރުމުގައި ވަށައިގެންވާ މާޙައުލާއި، އަމިއްލަ ސިއްޙަތު އަދި އުފައްދާ ތެކެތީގެ ފެންވަރު ރަނގަޅުވާނެކަން ކަށަވަރުކޮށްދެއެވެ.