ޚަބަރު

ޓްރަމްޕްގެ އެންގުމާއި ޙިލާފަށް ޔޫކްރެއިންގެ ވަރުގަދަ ހަމަލާތަކެއް


ރަޝިއާގެ ހަކަތައިގެ ދާއިރާއަށް ހަމަލާ ދިނުން ހުއްޓައިލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށް، ޔޫކްރެއިންއިން މި އަހަރު ދީފައިވާ އެންމެ ވަރުގަދަ އެއް ޑްރޯން ހަމަލާ ރަޝިއާގެ މުހިންމު ތެޔޮ ޓާމިނަލަކަށް ދީފިއެވެ.

ޔޫކްރެއިންގެ ހަމަލާގައި ތެޔޮ ޓާމިނަލުގައި ވަނީ އަލިފާން ރޯވެފަައެވެ. ޔޫކްރެއިންއިން ރަޝިއާގެ ލޮޖިސްޓިކްސް ސެންޓަރައާއި ޑާޓާ ސެންޓަރަކަށް ވެސް ހަމަލާ ދީފައިވެއެވެ. ރަޝިއާއިން ބުނީ އޮކްޓޯބަރު 18ވަނަ ދުވަހުގެ ފަތިހުގެ ވަގުތުތަކުގައި 1،015 ޔޫކްރެއިންގެ ޑްރޯން ވައްޓާލާފައިވާ ކަމަށެވެ. ޔޫކްރެއިންގެ ހަމަލާތަކުގައި އެކަކު މަރުވެ ފަސް މީހުންނަށް ޒަޚަމްވިއިރު، މީހުން ދިރިއުޅޭ ގޭގެއަށް ވެސް ގެއްލުން ލިބިފައިވެއެވެ.

ފާއިތުވި ހަފްތާތަކުގައި އެމެރިކާއާއި ޔޫކްރެއިންއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. އެއާއެކު އެމެރިކާގެ ފަރާތުން ޔޫކްރެއިންއަށް ލިބެމުންދާ ވާގިވެރިކަން ހުއްޓުމަކަށް އައިސްދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. މިދިޔަ ހަފްތާގެ ތެރޭގައި ޓްރަމްޕް ވަނީ ޔޫކްރެއިންއިން ރަޝިއާގެ ތެޔޮ ރިފައިނަރީތަކަށް ދޭ ހަމަލާތަކަކީ ލަދުވެތި ޢަމަލުތަކެއް ކަމަށް ވިދާޅުވެފައެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ މި ފަހުން ވަނީ އެމެރިކާއިން ރަޝިއާއާ އެއްކޮޅަށް އެރުުމަކީ ހެދޭ ތާރީޚީ ގޯހަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޓްރަމްޕް ވަނީ ޔޫކްރެއިންއާއި ރަޝިއާ ދެ ޤައުމުން ވެސް އަނެއް ޤައުމުގެ ހަކަތައާބެހޭ ބިނާރުތަކަށް ހަމަލާ ދިނުން ހުއްޓައިލުމަށް އެއްބަސްބެފައިވާ ކަމަށް އިއުލާނުކުރައްވައިފައެވެ. ނަމަވެސް އެ ފަދަ އެއްބަސްވުމަކާ ހަމައަށް އައިސްފައިވާ ކަމަށް ޔޫކްރެއިންއިން ވެސް ރަޝިއާއިން ވެސް ބުނެފައެއް ނުވެއެވެ. ޔޫކްރެއިންއިން ދުވަސްކޮޅަކަށް އެ ފަދަ ހަމަލާތައް ދިނުން މެދުކަނޑައިލި ނަމަވެސް މިހާރު ވަނީ ހަމަލާތައް އަލުން ދޭން ފަށައިފައެވެ. ރަޝިއާއިން ޔޫކްރެއިންގެ ހަކަތައާބެހޭ މަރުކަޒުތަކަށް ހަމަލާ ދިނުން ހުއްޓާލައިފައެއް ނުވެއެވެ. ޒެލެންސްކީ ވިދާޅުވީ ޓްރަމްޕްގެ އިޢުލާނަށް ފަހު ރަޝިއާއިން ހަކަތައިގެ ދާއިރާއަށް ގަސްތުގައި އަމާަޒުކޮށް 76 ފަހަރަށް ހަމަލާ ދީފައިވާ ކަމަށެވެ.

ޓްރަމްޕް ވަނީ ރަޝިއާގެ ހަކަަތައާ ގުޅުންހުރި ވިޔަފާރިއަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދެއްވައިފައެވެ. އެ ގޮތުން ރަޝިއާގެ ޑީސެލް އިމްޕޯޓަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައްވާފައިވާއިރު، އެމެރިކާގެ ކޮންގްރެސްއިން ލާޒިމްކުރާ ބައެއް އިޤްތިޞާދީ ފިޔަވަޅުތަކުން ރަޝިއާއިން އިސްތިސްނާވާ ކަމަށް ވެސް ޓްރަމްޕް ވަނީ ނިންމަވައިފައެވެ.

ޒެލެންސްކީ ވަނީ އެ ލުއިތަކަކީ އެމެރިކާއިން ރަޝިއާގެ ޢުދުވާނަށް ވާގިވެރިވުން ކަމުގައި ސިފަކުރައްވައިފައެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއަށް ސްޓާލިންކް ނިޒާމު ބޭނުންކުރުމުގައި ދަތިތަކެއް ހުރި ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ. އެއީ ޔޫކްރެއިންގެ ޑްރޯންތަކުގެ ދުވެލި މަޑުޖެއްސުމަށް އެމެރިކާގެ ސަރުކާރުން ދީފައިވާ މެސެޖެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ ސަރުކާރުން ބުނަނީ އެ ފަދަ ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.