ޚަބަރު

މަސައްކަތް ހުއްޓިފައިވާ ދެ މިސްކިތެއް ނިންމުމަށް ދެ ކުންފުންޏަކާ ހަވާލުކޮށްފި


  • މުރައިދޫ މިސްކިތުގެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއާ

  • ގެމަނަފުށީ މިސްކިތުގެ މަސައްކަތް ހަވާލުކުރީ އާރުޑީސީއާ

މަސައްކަތް ފެށި ހުއްޓިފައިވާ ދެރަށެއްގެ މިސްކިތުގެ މަސައްކަތް ނިންމުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. އެއީ ހއ. މުރައިދޫ އަދި ގއ. ގެމަނަފުށީގެ މިސްކިތުގެ މަސައްކަތެވެ.

ހއ. މުރައިދޫއާއި ގއ. ގެމަނަފުށީގައި މިސްކިތެއް އެޅުމުގެ މަސައްކަތް މިދިޔަ ސަރުކާރުގައި ހަވާލުކޮށްފައިވަނީ އީވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މަސައްކަތް ލަސްވެ، ގިނަ މަސައްކަތް ހުރީ ނުނިމިއެވެ.

އެހެންކަމުން އެ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ދެ ކުންފުންޏަކާ ހަވާލުކޮށްފައެވެ. އެގޮތުން ހއ. މުރައިދޫ މިސްކިތް ނިންމުމުގެ މަސައްކަތް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއާއެވެ. އަދި ގއ. ގެމަނަފުށީ މިސްކިތުގެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން އާރުޑީސީއާއެވެ.

މުރައިދޫއާއި ގެމަނަފުށީގައި ޢިމާރާތްކުރަމުންދަނީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތްތައް އިމާރާތްކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި، ވުޟޫ ކުރާނެ ބަޔަކާއި، މުއްނާރު، ލޭންޑް ސްކޭޕިން އަދި ވަށާފާރުގެ އިތުރުން ލައިބްރަރީއެއް އެޅުން ހިމެނެއެވެ. އަދި މިސްކިތްތައް ފަރުމާކޮށްފައިވަނީ އިޢާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާގޮތަށެވެ.

މި ދެމިސްކިތް އެޅުމުގެ މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 7.7 މިލިޔަން ރުފިޔާ ޚަރަދުކުރެއެވެ. މުރައިދޫ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. ގެމަނަފުށީ މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އަހަރު 13 މިސްކިތެއް ހުޅުވުމަށް ހަމަޖެހިފައިވެއެވެ. އޭގެ ގޮތުން ހއ. ދިއްދޫގައި ޤާއިމުކުރި އިސްލާމީ މަރުކަޒު ހުޅުވުމަށްވެސް ހަމަޖެހިފައިއެވެ. އަދި މިއަހަރުގެ ތެރޭގައި 4 ރަށެއްގެ އިސްލާމީ މަރުކަޒާއި 10 ރަށެއްގެ މިސްކިތް ބިނާކުރުމަށް ހަވާލުކުރެވޭނެކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.