ޚަބަރު

ލަބެރަ ޗެލެންޖަކީ ޚާއްސަ މުބާރާތަކަށްވާނެ، ހުދުފޮނުގެ އެތުލީޓުން ވަނީ ބައިވެރިވެފައި: އެމްބީބީއޭ


މާދަމާ މާލޭގައި ފަށާ ގައުމީ ބޮޑީބޯޑިން ލީގުގެ ދެވަނަ މުބާރާތް ކަމަށްވާ ލަބެރަ ބޮޑީބޯޑިން ޗެލެންޖަކީ ވަރަށް ޚާއްސަ މުބާރާތަކަށްވާނެ ކަމަށާއި، ހުދުފޮނު ޕްރޮގުރާމުގެ އެތުލީޓުންތަކެއްވެސް މި މުބާރާތުގައި ވާދަކުރާނެ ކަމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވެއްޖެއެވެ.

ނިޒާމް ވިދާޅުވީ މި މުބާރާތް ބާއްވަން ފުރަތަމަ މަސައްކަތް ކުރީ ފުވައްމުލަކުގައި ނަމަވެސް ދިމާވި ކަންތައްތަކަކާއި ގުޅިގެން މުބާރާތް މާލެއަށް ބަދަލުކުރީކަމަށެވެ. ފުވައްމުލައް ސިޓީގައި ލީގުގެ ދެވަނަ މުބާރާތް ބޭއްވޭގޮތް ނުވީ މުބާރާތް ބޭއްވުމަށް ހިންގާ ޚަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތުމުންނެވެ.

ނިޒާމް ވިދާޅުވީ މިއަހަރު ފެށުނީންސުރެން އެސޯސިއޭޝަނުން ކުރިޔަށް ގެންދާ ހުދުފޮނު ޕްރޮގްރާމުގެ ތެރެއިން މި މުބާރާތަށް ކުދިން އަންނަކަން މިއީ ރަނގަޅު ފާލެއް ކަމަށެވެ. އެގޮތުން ލަބެރަ ބޮޑީބޯޑިން ޗެލެންޖުގައިވެސް ހުދުފޮނު ކުލިނިކު ހިންގި ނ. ޅޮހި އަދި ށ. ކަނޑިތީމުގެ އެތުލީޓުންތަކެއް ބައިވެރިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ މި ކުޅިވަރު ކުރިއަރުވަން އެންމެ މުހިންމުކަންތައް. މީގެ ތެރެއަށް ކުލިނިކުތައް ޖައްސައިގެން މީގެތެރެއަށް ވީހާވެސް ޅަ ކުދިން ގެނެސްގެން އެކުދިން މިތަނަށް އައިސް މި މުބާރާތްތަކުގައި ވާދަކޮށްގެން އެލިބޭ ތަޖުރިބާއިން އަސްލު މިކުޅިވަރު ކުރިއަރާނީ" ނިޒާމް ވިދާޅުވިއެވެ.

ލަބެރަ ބޮޑީބޯޑިން ޗެލެންޖަކީ އުމުރުން 14 އަހަރުން ފެށިގެން 40 އަހަރާއި ދެމެދުގެ ބޮޑީބޯޑަރުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލި މުބާރާތެކެވެ.

މި މުބާރާތުގައި 3 ކެޓަގަރީއަކުން ޖުމްލަ 21 އެތުލީޓުން ވާދަކުރާނެއެވެ. އޭގެ ތެރޭގައި މެންސް އޯޕަން ޑިވިޝަނުގައި 19 އެތުލީޓުން، ޖޫނިއަރ މެންސް ޑިވިޝަނުގައި 9 އެތުލީޓުން އަދި ޑްރޮޕްނީ ކެޓެގަރީގައި 7 އެތުލީޓުން ބައިވެރިވެފައިވެއެވެ.

ލަބެރަ ބޮޑީބޯޑިން ޗެލެންޖަކީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު މިމަހުގެ 5-8 އަށް މާލޭ ވަރުނުލާ ރާޅުގަނޑުގައި ކުރިއަށްގެންދާ މުބާރާތެކެވެ. މިއަހަރު މި މުބާރާތުގައި ވާދަކުރަނީ މާލޭ ސިޓީގެ 8 އެތުލީޓުންނާއި، ފުވައްމުލައް ސިޓީގެ 2 އެތުލީޓުންނާއި ނ. ޅޮހީގެ 3 އެތުލީޓުންނާއި ލ. ގަމުގެ 2 އެތުލީޓުންނާއި ށ. ކަނޑިތީމުގެ 2 އެތުލީޓުންނާއި ނ. މާފަރު އެތުލީޓަކާއި މ ވޭވަށުން ބައިވެރިވާ އެތުލީޓަކާއި ކ. ދިއްފުށީގެ އެތުލީޓެކެވެ.