ޚަބަރު

ނައިފަރު އޯޕަން 25: ނިބާލް އާއި ޒަޔާން ފައިނަލްގައި


ރޯޔަލް އެމްބަސީ އޮފް ސައުދީ އަރަބިއްޔާ ނައިފަރު އޯޕަން 25 ބެޑްމިންޓަން މުބާރާތުގެ ނެޝަނަލްސް ކެޓަގަރީގެ ސިންގަލްސް ފައިނަލުން ނިބާލް އަހުމަދު އާއި ހުސެއިން ޒަޔާން ޝަހީދު ޒަކީ ޖާގަ ހޯދައިފިއެވެ.

މިހާރު ރާއްޖެ ބެޑްމިންޓަންގެ އެންމެ ވާދަވެރި ދެ ކުޅުންތެރިން ނައިފަރު އޯޕަންގެ ފައިނަލަށް ދަތުރުކުރީ މިއަދު ހެނދުނު ކުޅުނު ސެމީފައިނަލްގެ މެޗުތައް ކާމިޔާބުކޮށްގެންނެވެ.

ސެމީފައިނަލްގެ ފުރަތަމަ މެޗު ޒަޔާން ޒަކީ ކާމިޔާބުކުރީ އާދަމް މަހީން މުހައްމަދު ދެ ގޭމުން ބަލުކޮށްގެންނެވެ. މާބޮޑު އުނދަގުލަކާ ނުލާ ޒަޔާން ސެމީ ފައިނަލް ކާމިޔާބުކުރީ 21-10، 21-09 ނެވެ.

ސެމީފައިނަލްގެ ދެވަނަ މެޗުގައި ނިބާލް ބައްދަލުކުރީ ހަސަން ޒަޔާން މުހައްމަދާއެވެ. ތިން ގޭމަށް ދިޔަ މިމެޗު ނިބާލް ކާމިޔާބުކުރީ 21-13، 18-21 އަދި 21-19 އިންނެވެ.

ނައިފަރު އޯޕަންގެ ސޯޝަލް ކެޓަގަރީގެ މިކްސް ޑަބަލްސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ އިބްރާހިމް ނާޝިތު ހަމްދީ އާއި އާމިނަތު އައިނީ އަޝްރަފްގެ ޕެއަރއިންނެވެ.

މި ޕެއަރ ޗެމްޕިއަންކަން ހޯދީ މިއަދު ހެނދުނު ކުޅުނު ފައިނަލް މެޗުގައި ޔޫނުސް ކާއިފް މުހައްމަދު އާއި ސާރާ އައިނީ މުހައްމަދުގެ ޕެއަރ ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ. ނާޝިތު އާއި އައިނީ މެޗު ކާމިޔާބުކުރީ 21-16 އަދި 21-17 އިން ދެ ގޭމް ކާމިޔާބުކޮށްގެންނެވެ.

މިއަދު ކުޅުނު ސޯޝަލް ކެޓަގަރީގެ މެންސް ސިންގަލްސް ސެމީފައިނަލް މެޗުގައިވެސް ވާދަކުރީ ކާއިފް އާއި ނާޝިތުއެވެ.

މިމެޗުގައިވެސް ނާޝިތު ވަނީ ކާއިފް ބަލިކޮށް ސޯޝަލް ކެޓަގަރީގެ ފިރިހެން ސިންގަލްސް ފައިނަލުން ޖާގަހޯދާފައެވެ.
ނާޝިތު ސެމީފައިނަލްގެ މެޗު ކާމިޔާބުކުރީ 21-11 21-11 އިންނެވެ.

ސޯޝަލް ކެޓަގަރީގެ ފިރިހެން ސިންގަލްސްގެ ސެމީފައިނަލް ދެވަނަ މެޗުގައި ބައްދަލުކުރީ މުހައްމަދު ޝިފާއު ހުސެއިން އާއި ނ.ހޮޅުދޫއިން މިމުބާރާތުގައި ވާދަކުރާ ހުސެއިން މައާޝް މުހައްމަދެވެ.

މިމެޗު ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ޖާގަހޯދީ މައާޝްއެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗު މައާޝް ކާމިޔާބުކުރީ 15-21، 21-17 އަދި 21-18 އިންނެވެ.

ސޯޝަލް ކެޓަގަރީގެ އަންހެން ސިންގަލްސްގެ ފައިނަލުން ޖާގަ ހޯދީ ލައިބާ އަހުމަދު މަޙްލޫފް އާއި ޝުބާ މުހައްމަދު ޝަރީފެވެ.

ލައިބާ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ޔަޒާން ޔާސިރު މުހައްމަދު ދެ ގޭމުން ބަލިކޮށްގެންނެވެ. އެއީ 21-10 އަދި 21-13 އިންނެވެ.

ޝުބާވެސް ވަނީ ސެމީފައިނަލް މެޗު ދެ ގޭމުން ކާމިޔާބުކޮށްފައެވެ. އާމިނަތު އައިނީ އަޝްރަފާއި ބައްދަލުކުރި މިމެޗު ޝުބާ ކާމިޔާބުކުރީ 22-20 އަދި 21-10 ނެވެ.

މިމުބާރާތުގެ ފައިނަލްތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އަދި މުބާރާތުގައި މިއަދު ހަވީރު ކުޅެވޭނީ ނޭޝަނަލްސް ކެޓަގަރީގެ މެންސް ޑަބަލްސް ސެމީފައިނަލް އާއި ސޯޝަލް ކެޓަގަރީގެ މެންސް ޑަބަލްސް އާއި ވުމަންސް ޑަބަލްސް ސެމީފައިނަލް މެޗުތަކެވެ.