ޚަބަރު

"އިންޑިއާ ބަލިކުރުމަކީ ފަސޭހަ ކަމެއް ނޫން، ފޯކަސް އޮތީ ކުރިޔަށް އޮތް ދެ މުބާރާތައް"


ސައުތު އޭޝިއަން ކޮލިފިކޭޝަންގައި އަމާޒަކަށްވީ އަންނަ އަހަރު ބާއްވާ ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައިވާން ކަމަށާއި އިންޑިއާ ބަލިކުރުމަކީ ފަސޭހަކަމެއް ނޫންނަމަވެސް ރާއްޖޭގެ ޓީމުން ހޯދި ކާމިޔާބީ އާއި މެދު ހިތްހަމަ ޖެހޭ ކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ލަންޑަނުގައި ބާއްވާ ޓީޓީ ވޯލްޑް ޗެމްޕިއަންޝިޕުގެ ސައުތު އޭޝިއަން ރީޖަނަލް ކޮލިފިކޭޝަންގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ތިންވަނަ ހޯދާފައިވާއިރު އަލީ ވިދާޅުވީ ރާއްޖޭގެ ކުޅުންތެރިން ކޮލިފިކޭޝަނުގައި ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށެވެ.

ވޯލްޑް ޗެމްޕިއަންޝިޕް 2026ގެ ރާއްޖެއަށް ފުރުސަތު ނުލިބުނުނަމަވެސް ރާއްޖޭގެ ކުޅުންތެރިން ތިބީ އޭޝިއަން ޗެމްޕިއަންޝިޕާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަށް ރާއްޖޭގެ ޓީމުން ވަރަށް ރަނގަޅަށް ތައްޔާރުވުމުގެ އަޒުމުގައެވެ.

މި މުބާރާތުން ލިބުނު ތަޖްރިބާގެ އަލީގައި ކޯޗުގެ އިރުޝާދާއެކު ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށްގެން ކުރިޔަށް އޮތް ދެ މުބާރާތައް ތައްޔާރުވާނެ ކަމަށް ގައުމީ ފިރިހެން ޓީމުގައި ހިމެނޭ މޫސާ މުންސިފް އަހުމަދު ބުންޏެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ކާމިޔާބު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ބުނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަކީ ވަރަށް އުނދަގޫ މުބާރާތެއް ކަމަށާއި، އެހެންނަމވެސް ކުރީގެ ނަތީޖާއަށްވުރެ ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ. އަދި ޢޭޝިއަން ޗެމްޕިއަންޝިޕްގައިވެސް ރަނގަޅު ނަތީޖާއެއް ނެރުމަށް ތައްޔާރުވާނެ ކަމަށެވެ.

ވޯލްޑް ޗެމްޕިއަންޝިޕުގެ ކޮލޮފިކޭޝަނަށް ތައްޔާރުވީ އޯލެވެލް އިމްތިހާނުގެ ދުވަސްވަރުކަމަށާއި، އަނިޔާގެ ސަބަބުންނާއި ބަލިވެ އުޅުމުގެ ސަބަބުން ހުރިހާ ފަރިތަކުރުންތަކެއްގައިވެސް ބައިވެރިނުވެވުނު ކަމަށް ފާހަގަކޮށް ދީމާ ބުނީ އެހެން ގައުމުތަކުގެ ޓީމުތަކާއި ހިލާފަށް މިފަހަރު ދިވެހި ޓީމަށް ގައުމުން ބޭރުގައި ކޭމްޕް ކުރުމުގެ ފުރުސަތުވެސް ނުލިބުނު ކަމަށެވެ. އަދި މިއަށްވުރެ ރަނގަޅަށް ފަރިތަކުންތައް ބޭއްވިގެން ކުރިޔަށް އޮތް ދެ މުބާރާތަށް ރަނގަޅު ކާމީޔާބީއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ދީމާ ބުންޏެވެ.

ވޯލްޑް ޗެމްޕިއަންޝިޕުގެ ކޮލޮފިކޭޝަނަށް ރާއްޖެ ހިމެނޭ ސަރަހައްދުގެ އެއްވަނަ ހޯދީ އިންޑިއާއެވެ. ދެވަނަ ހޯދީ ނޭޕާލެވެ. ތިންވަނަ ރާއްޖެއަށް ލިބުނު އިރު ރާއްޖޭގެ ގައުމީ ފިރިހެން ޓީމުން ވަނީ މުޅިން އަލަށް ސްރީލަންކާ އާއި ބަނގްލަދޭޝް ބަލިކޮށް ތާރީހީ ކާމީޔާބެއް ހޯދާފައެވެ.

ގައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ އީރާނުގެ ކޯޗު މަހުދީ ކޮޝްމަރަމް ބުނީ ވާދަވެރި ގައުމުތަކުގެ ކުޅުންތެރިންނަކީ ވަރަށް ބުރަކޮށް ފަރިތަކުރުންތައް ބާއްވައިގެން މުބާރާތްތަކަށް ތައްޔާރުވާ ބައެއް ކަމަށާއި، ރާއްޖޭގެ ޓީމުތައްވެސް ކުރިޔަށް އޮތް ދެ މުބާރާތަށް ތައްޔާރުވުމަށް މިހާރުން ފެށިގެން ޓްރޭނިންތައް ދޭނެ ކަމަށެވެ. އަދި ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައި ކުޅުންތެރިން އޮކްޓޫބަރުގައި އިންޑިއާގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕާއި ނޮވެމްބަރުގައި ސައުދީ އަރަބިއްޔާގައި އޮންނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްއަށް ތައްޔާރުކޮށްދޭނެ ކަމަށެވެ.